ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ޕީއެންސީއަށް ނިސްބަތްވާ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅީ ޣާލިބް ސަލީމް ކިޔާ މީހެކެވެ. އެ މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން އިސްލާމިކް ބޭންކުން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން އޮކްޓޫބަރު، 2024 ގައި ކުރި ހުކުމަކާ އެއްގޮތަށް އޭނާ ފައިސާ ނުދެއްކެވި މައްސަލާގަ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން އެ ބެންޗުގެ ރިޔާސަތު ބެެލެހެއްޓެވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތިން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާކަން ސާބިތުވާ ކަމަށެވެ. އަދި އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ބުންޏަސް، ހުކުމް ކުރިކަން ދުރާލާ އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

"ސިނާންގެ ފަރާތުން އޭނާގެ މައްޗަށް ހުކުމް ކުރިކަން ނޭނގޭ ކަމުގައި ނުވަތަ ހުކުމް ލިބިފައިނުވާ ކަމުގައި ނުވަތަ ހުކުމް ނުކިޔާ ކަމުގައި ބުނާ ބުނުމަށް އެއްވެސް ބުރަދަނެއް ދެވޭނެ ހަމައެއް ނެތް." ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

އެ ހުކުމަކީ ޣައިރު ހާޒިރުގައި ކުރި ހުކުމެއް ކަމަށްވާތީ އެއީ ނިހާއީ ހުކުމެއް ނޫން ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، އެ ބުނުމަށް ބުރަދަނެއް ނުދެވޭނެ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. އަދި ފައިސާ ހޯދަން އިސްލާމިކް ބޭންކުން ސ. ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލާގައި ސިނާންގެ ފަރާތުން ވަކީލަކު އައްޔަން ކޮށްފައި ވަނިކޮށް އެ މައްސަލާގެ ދިފާއު ހުށަހެޅުމުގެ މުއްދަތު ހަމަވިފަހުން ސިނާންގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެފައިވާކަން ވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވަނީ
ސުޕްރީމް ކޯޓުން މިއަދު ހުކުމް އިއްވަނީ

ހުކުމުގެ ދަށުން ފައިސާ ދެއްކުމަށް ހަ މަސް ދުވަހުގެ މުއްދަތެއް އޮތްއިރު، ސިނާންގެ ފަރާތުން އެ ފައިސާ އެއްކޮށް ދެއްކީ ތިން ވަނަ މަހު ކަމަށްވާތީ ހުކުމުގެ މުއްދަތުގައި ފައިސާ ދެއްކި ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމް އޮތްގޮތުން ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ބޭންކަށް ދައްކަމުން ދާން ޖެހޭއިރު، ފައިސާ ދައްކަން ވެސް ޖެހޭނީ އެގޮތަށް ކަމަށެވެ. 

ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލާގެ ވަކީލުން މިއަދުގެ ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ
ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ހުށަހެޅި މައްސަލާގެ ވަކީލުން މިއަދުގެ ހުކުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

އޭގެ ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ޝުޖޫން ވިދާޅުވި ގޮތުގައި ފުރަތަމަ ދެ މަސް ދުވަހު ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ހުކުމް ތަންފީޒުކުރަން އިސްލާމިކް ބޭންކުން ދަށު ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފައި އޮތުމެވެ. އެހެންވެ، އެ ފައިސާ ދައްކަން ޖެހޭނީ ކޮންމެ މަހަކު ވަކި މިންވަރެއް ދައްކާ އުސޫލުން ކަމަށް ދަށު ކޯޓުން ގަބޫލު ކުރާކަން ވެސް ހާމަވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. 

"ޖުމްލަ މުއްދަތު އޮންނާނީ އެންމެ ލަސް ނުވަތަ ފަހުގެ ތާރީހެއްގެ ގޮތުގައި. ހިތަދޫ ކޯޓުން ކުރި މި ހުކުމާ މެދު އެ ކޯޓުން ދެކޭ ގޮތް ސާފު. އެހެނީ، އެ ކޯޓުން ޖުމްލަ ހަ މަސް ދުވަސް ހަމަވުމުގެ ކުރިން ތަންފީޒީ މައްސަލަ ބަލައިގެންފައިވާތީ." ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.  

ހުކުމުގައި ފާހަގަކުރި ކަންކަން

- ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ނުދެއްކުމަކީ ހުކުމާ އެއްގޮތަށް އަމަލުނުކުރުން

- ކޮންމެ މަހަކު ދައްކަންޖެހޭ ފައިސާ ސިނާންގެ ފަރާތުން ދައްކާފައެއް ނުވޭ

- ހުކުމް ކުރިކަން ނޭނގޭ ކަމަށް ބުނާ ބުނުން ގަބޫލެއް ނުކުރެވޭ

- ރަހުނެއް އޮތުމަކީ ދަރަނި ނުދައްކާ ހުރެވޭނެ ސަބަބެއް ނޫން

- ކޯޓަކުން ދައްކަން އަންގާ ކޮންމެ ފައިސާއެއް ނުދެއްކުމަކީ ދަރަނި ނުދެއްކުން

އެ ލޯނަކީ ރަހުނު ހިމެނޭ ލޯނަކަށް ވާތީ، ރަހުނު ވިއްކާލައިގެން ފައިސާ ހޯދެން އޮތުމުން އެފަދަ ހުކުމެއްގެ ދަށުން ގޮނޑި ނުގެއްލޭނެ ކަމަށް ސިނާންގެ ފަރާތުން ބުނެފައި ވިޔަސް، ފަނޑިޔާރު ޝުޖޫން ވިދާޅުވީ ގޮނޑި ގެއްލުމުގައި ރަހުނު ހިމެނޭތޯ ނުވަތަ ނޫންތޯ ބަލަން ނުޖެހޭނެ ކަމަށެވެ. އަދި ކޯޓުގެ ހުކުމުގެ ދަށުން ދައްކަން އަންގާ ކޮންމެ ފައިސާއެއް ނުދެއްކިޔަސް، ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކީ ކަމަށް ބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. 

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން މުހައްމަދު ސިނާން ވަކިވެއްޖެ ކަމުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން."
ފަނޑިޔާރު ޝުޖޫން

އެކަންކަން ފާހަގަ ކުރައްވައި، ފަސް ފަނޑިޔާރުން އިއްތިފާގުން ހުކުމް ކުރައްވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކިކަން ސާބިތުވާތީ މެމްބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ހުކުމް ކުރެއްވީ ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން މުހައްމަދު ސިނާން ވަކިވެއްޖެ ކަމުގައި ކަނޑައަޅައި، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފިން." ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ. 

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝުޖޫނެވެ.