އާރްޓީއެލް. އެ ހިދުމަތް ދޭން ހަދާފައިވާ ހުރިހާ ސްޓޮޕްތަކެއް ކައުންސިލްތަކުގެ ދަށަށް -- ފޮޓޯ: މިހާރު
26 ފެބުރުއަރީ 2025 - 20:55
އުތުރުގެ އަތޮޅުތަކުގެ 21 ރަށެއްގެ ފެރީ ޓާމިނަލާއި ފެރީ ސްޓޮޕްތައް ލޯކަލް ގަވަނަންސް މިނިސްޓްރީގެ ދަށަށް ގެނެސް، ކައުންސިލްތަކާ ހަވާލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީ އާއި ލޯކަލް ގަވަނަންސް މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓ މިނިސްޓަރު މުހައްމަދު އަމީނު ވިދާޅުވީ މިއަދު ހެދި އެއްބަސްވުމުގެ ދަށުން ހއ އަތޮޅާއި ހދ އަތޮޅާއި އަދި ށ އަތޮޅުގައި ހުރިހާ ފެރީ ސްޓޮޕްތަކެެއް ބެލެހެއްޓުމުގެ ބާރު ލޯކަލް ގަވަަނަންސް މިނިސްޓްރީ މެދުވެރިކޮށް ކައުންސިލްތަކާ ހަވާލުކުރާނެ ކަމަށެވެ.
"މި ނިންމެވުން ރައީސް ނިންމެވީ މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ލާމަރުކަޒީ އުސޫލުން ކަންކަން ކުރުމާއި ކައުންސިލްތައް ބާރުވެރި ކުރުވައިގެން ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ގާތުން ހިދުމަތް ދިނުމަށް،" އޭނާ ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ފެރީ ސްޓޮޕްތަކަކީ ވަރަށް ބޮޑު ހަރަދުތަކެއް ކޮށްގެން ހަދާފައިވާ ތަންތަން ކަމަށާއި އެކަމަކު ރައްޔިތުންނަށް އެތަންތަނުން އެންމެ އެކަށީގެންވާ ހިދުމަތްތައް ނުލިބޭ ކަމަށެވެ. އަދި ކައުންސިލްތަކާ ހަވާލު ކުރުމުން މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓިގެން ހިދުމަތްތައް ރަނގަޅަށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަމީނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ވެސް އާރްޓީއެލްގެ ފެރީގެ ހިދުމަތް ގާއިމްކޮށް، ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އާރްޓީއެލްގެ ހިދުމަތަށް ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި އެހެންވެ، ކުރިއަށް އޮތްތަނުގައި އެ ހިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށްޓަކައި ބަދަލުތަކެއް ގެންނާނެ ކަމަށާއި އެކަން ކުރާނީ ފެރީ ހިދުމަތް ދޭ މޮޑެލް ބަދަލުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދެންނެވި ބަދަލުތަކަކީ އަޅުގަނޑުމެންނަށް މިހާރު ދެ އަހަރު ދުވަހު އާރްޓީއެލް ހިދުމަތް ދެވުނީމަ މިހާރު ގެންގުޅޭ ރޫޓުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ގެންނަން ޖެހޭކަން، އަދި ބައެެއް ރޫޓުތައް އިތުރު ކުރަން ޖެހޭނެ ކަން، އަދި ބައެއް ރޫޓުތައް މަދު ކުރަން ޖެހޭނެ ކަން އެނގޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރޫޓުތަކަށް ގެންނަ ބަދަލުތަކާ އެކު އެކަމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރެވޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ. އެކަމަށް ބޭނުންވާ ސްޓަޑީތައް ހަދަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން އެ ނިންމެވުމުން އެ ނިޒާމަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ސަރުކާރުން އެ ނިންމުން ނިންމީ ކައުންސިލްތަކުން އެގޮތަށް އެކަން ބޭނުންވާތީ ކަމަށެވެ.
"އަމާޒަކީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެ ތަންތަން ކައުންސިލްތަކާ [ހަވާލުކުރުން]، އިޖުރާއަތްތައް ފުރިހަމަކޮށްގެން އެޓާނީ ޖެނެރަލް އޮފީހުގެ ކޮމެންޓް ވެސް ހޯދައިގެން އެގްރީމެންޓްތަކުގައި ސޮއިކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކްގަ ފިލްޓަރެއް ހަރުކުރަމާ
27 February 2025
މާލޭގަ ދޭހާ އަތްވެއްގަ ވެހޭހާ ވާރެއެއްގަ ވަރުބަލި ކަމެއް ނެތި އައިސް ގޮސް އެހަދަނީ ދިވެހިންނެއް ނޫންތަ. އެމީހުނަށްވެސް ތަންކޮޅެއް ހަމަޖެހިލައިގެން ފެރީ އަންނަންދެން މަޑު ކޮށްލެވޭނެ އިންތިޒާމެއް، މިފަހަރުގެ ވައުދު ކީސާގަ ނެތީތޯ؟
މުހައްމަދު ފައިޞަލް
27 February 2025
ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދު ކޮށްގެން ދޭން ޖެހޭނީ އަސާސީ ޚިދުމަތްތައް ޑިމާންޑް ކުރާކިދުމަތްތައް ދޭން ވާނީ ވިޔަފާރި އުސޫލުން. އަސާސީ ޚިދުމަތް ދޭންވާނީ ތަކުލީފަކަށް ނުވާ އަގެއްގައި. އެއީ ސަބްސިޑީ ދީގެން ކަމަށްވިޔަސް މިސާލަކަށް އަތޮޅު ހޮސްޕިޓަލަށް ބޮޑު ތަކުލީފަކާ ނުލާ ދެވެންވާނެ. ޢެކަމަކު ބޭނުންވަނީ ގޭގާ ކުރަންހުރި ކަންތައް ނިންމާފަ ރައްޓެހިނާއެކު ކޮފީއެއްވެސް ބޯލާފަ ފަސޭހަ ގަޑިއަކުން ދާނަމަ އެކަން ކުރަންވާނީ އަމިއްލަ ޚަރަދުގައި.