މެމްބަރު ކުޑޫ: ޒަކިއްޔާގެ މަރުގެ މައްސަަލަ މަޖިލީހުގެ 241 ކޮމެޓީއަށް އޭނާ ވަނީ ހުށަހަޅުއްވާފައި --- ފޮޓޯ/މިހާރު
27 ފެބުރުއަރީ 2025 - 13:51
ނ. ހޮޅުދޫގައި މިދިޔަ އަހަރު ޒަހަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިގެން އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ، (241) ކޮމިޓީން ބަލައިދިނުމަށް އެދިއްޖެ އެވެ.
މި މައްސަލަ 241 ކޮމިޓީއަށް ހުށަަޅުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މަރުގެ ތަހުގީގު އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާ ކަމަށް ބުނެ އެ ރަށުގެ ގިނަ ރައްޔިތުން އަޑު އުފުލަމުން އަންނަ ކަމަށެވެ.
ޒަކިއްޔާ މަރުވިއިރު ހަށިގަނޑުގައި ހުރި ޒަހަމްތަކެއް ހުރި ނަމަވެސް އެއީ މީހަކު ކުރިކަމެއް ކަމުގެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނުމަށްފަހު ތަހުގީގާ ގުޅޭ އެކަށީގެންވާ މައުލޫމާތު ފުލުހުން އާންމު ނުކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުމެއް ކަމަށް ސިޓީގައިވެ އެވެ.
އެ މަރުގެ ހަގީގަތް ދެނެނުގަނެވި، ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ އެކަމުގެ ފަހަތުގައި ތިބި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހުރަސްތަކެއް ކުރިމަތިވެގެން ދާނެކަމުގެ ބިރު އޮތް ކަމަށް ވެސް ސިޓީގައިވެ އެވެ.
އެ މަރަށް އެކަށީގެންވާ ސަމާލުކަމެއް ކަމާބެހޭ އިދާރާތަކުން ނުދޭކަމުގެ ޝަކުވާ ރައްޔިތުންގެ އޮތްއިރު، ހޮޅުދޫ އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކޫޑޫ އެދިވަޑައިގެންފައިވަނީ 241 ކޮމިޓީ މެދުވެރިކޮށް އެ މައްސަލަ ބަލައި، ހޮޅުދޫ ރައްޔިތުންނަށް ދިމާވެފައިވާ ހިތްދަތި ކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
ޒަކިއްޔާގެ މަރާ ގުޅިގެން އެ ރަށުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާ ގުޅިގެން މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަލަތަކެއް ހުށަހެޅި ނަމަވެސް އެ މައްސަލަ ބަލައިގެންފައެއް ނުވެ އެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދޭން އެދި ކުރާ މުޒާހަރާގައި ހޮޅުދޫގެ ބައެއް ރައްޔިތުން ތުހުމަތުކުރާ ގޮތުގައި އެ މަރުގެ ފަހަތުގައި އޭނާ ފިރިމީހާ އަށް ތުހުމަތުތަކެއް ކުރެވެ އެވެ. އަދި އޭނާ ހައްޔަރު ކުރަން ވެސް ގޮވާލާފައިވެ އެވެ. އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް އެރަށަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލު ކުރެއްވި އެވެ.
ޒަކިއްޔާ އޮޓޯޕްސީ ނުހަދައި، އޭނާ ވަޅުލާފައިވުމަކީ ފުލުހުން ހެދި ގޯހެއް ކަމަށް މިނިސްޓަރު އިހުސާން ވެސް ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާވެރިބެ
27 February 2025
ކޮން 241 ކޮމިޓީއެއް؟ ކޮމިޓީ އެކޭ މަޖިލިސް އެކޭ ސަރުކާރެކޭ ފުލުހުންނެކޭ ޕީއެންސީ އެކޭ ތީ ހުސް އެކައްޗެއް! އެއްވެސް ނަތީޖާއެއް ނުނިކުންނާނެ. ރައްޔިތުން ކުރިމަތީ ކުޅޭ ސިޔާސީ ޑްރާމާ! ހެޔޮނުވާނެ މީހެއްގެ މަރުގެ މައްސަލައެއް ތިގޮތަށް ސިޔާސީ ގޭމްކުޅެން ބޭނުން ކުރަން.
ސީޒަން ޖެކްޝަން
27 February 2025
މީނަވެސް އަބަދު އެޓޭންޝަނުގާ އުޅޭ ވައްތަރުޖަހަނީ. މިހާރު އެތައްބަޔަކު އެދަނީ މިމައްސަލަ ބަލަމުން. ދެން ތަންކޮޅެއް ހިނދެލަންދެން މަޑުކޮށްލާނެހާ ކެތްތެރިކަމެއްވެސް ނެތީތަ؟
އަލީހާމު
27 February 2025
ބަލަ ރައްޔިތުންގެ އެޓެންޝަނުގަ ހުންނަ ކަންކަން ކުރަން ތިބޭ ބަޔެކޭ މަޖިލިސް މެންބަރުންނަކީ. ގުލާނު ކުރާވަރަށް މުސާރަދޭ. އެކުރަނީ އެމީހުން ކުރަން 'ޖެހޭ' މަސައްކަތް