ދައުރުން ބޭރުން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މިހާރު ބާއްވަމުން ގެންދަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އެ ޖަލްސާތައް ބޮއިކޮޓް ކުރަން އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިިފި އެވެ. 

އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން އެންމެ ހަރަކާތްތެރި މެމްބަރުކަމަށް ގިނަ ބަޔަކު ފާހަގަކުރާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެކްސްގައި ވިދާޅުވީ، މަޖިލިސް ޗުއްޓީގައި އޮތް މި ދުވަސްވަރު ޖަލްސާތައް ބާއްވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކަމަށް ޕާލަމެންޓްރީ ގުރޫޕުން ގަބޫލުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަށީގެންވާ މުއްދަތަށް ނޯޓިސް ނުދީ، ދައުރުން ބޭރުން މިހާރު ޖަލްސާތައް ބާއްވަނީ އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރަން ކަަމަށެވެ.

އެކަމަކު ކުޑޫ ވިދާޅުވި ގޮތުގައި، އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހު ކުރަންޖެހޭ އެއްވެސް ހާލަތެއް މިހާރަކު ނެތެވެ.

ގާނޫނުއަސާސީ އިސްލާހު ކުރަން ސަރުކާރުން ބޭނުންވެގެން އެކަމަށް ހާއްސަ ބިލެއް އިއްޔެ ބޭއްވި ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާ އަށް ހުށަހެޅީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށެވެ. 

އެ ބިލްގެ ބަހުސް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ނިންމައި ވަނީ ދިރާސާކުރަން މިނިވަން މުއައައްސަސާތަކަ ބެހޭ ކޮމިޓީ އަށް ފޮނުވައިފަ އެވެ. 

އެ ކޮމިޓީގެ ބައްދަލުވުމެއް ވެސް އިއްޔެ ބާއްވައި، ގާނޫނުއަސާސީގެ އެ އިސްލާހު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ފާސްކުރި އެވެ. ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ނިންމީ ވެސް އެ ދުވަހުގެ ނިޔަލަށެވެ. އެއީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ. 

އިތުރު ބައެއް ކަންކަން ވެސް އިއްޔެ ފާސްކޮށްފައިވާއިރު، ދައުރުން ބޭރުގެ އިތުރު ޖަލްސާއެއް މިއަދަށް ވެސް ވަނީ ތާވަލްކޮށްފަ އެވެ. 

ބަންޑާރަ ނައިބުގެ އޮފީހުގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލަން މަޖިލިހުން ފާސްކުރުމާ އެކު، ގާނޫނުގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށެވެ. އެކަމަކު، ހަރަދު ކުޑަކުރުމުގެ ބޭނުމުގައި އެ ރިފަރެންޑަމް ބާއްވަން ސަރުކާރުން ބޭނުންވަނީ އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކުގަ އެވެ. 

ބަންޑާރަ ނައިބުގެ އޮފީހުގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެއީ ވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅެކެވެ. އެއާ އެކު، ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ އާންމު ވޯޓު ނުވަތަ ރިފަރެންޑަމް ބޭއްވުމަށްޓަކައި ގާނޫނުގައި ބުނާ ތާރީހުތަކަށް ވާސިލް ވާން ޖެހޭތީ މަޖިލިސް ޗުއްޓީގައި އޮއްވައި ވެސް ކަންކަން ނިންމަން ޖެހުނީ ކަމަށް ސަރުކާރުން އިއްޔެ ވަނީ ބުނެފަ އެވެ. 

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނަގާ ތާރީހާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތު އޮންނަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވެ އެވެ. އަދި އާންމުން ހޭލުންތެރިކުރުން ފަދަ އެހެން ކަންކަން ވެސް އެ މުއްދަތުތަކުގެ ތެރޭގައި ކުރަން ޖެހެ އެވެ.