ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަންނަ ހަފުތާ އަށް ނިންމަން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު 46 މެންބަރުންގެ ވޯޓުން ބަލައިގަނެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ފޮނުވި އެވެ. އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ގާނޫނުއަސާސީގެ އިސްލާހު މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމަން ވަނީ ފާސްކޮށްފަ އެވެ. ބިލަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލަން ނިންމީ ވެސް އެ ދުވަހުގެ ނިޔަލަށެވެ. އެއީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހެވެ.
ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ފޮނުވި އިސްލާހުގެ މަސައްކަތް މިއަދު ފެށީ ވެސް ޗުއްޓީގައި އޮތް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ. ޖަލްސާގައި މަދު މެންބަރުން ބައިވެރިވިއިރު، އިސްލާހާ ދެކޮޅަށް ފަސް މެންބަރަކު ވޯޓު ދެއްވ އެވެ. އެއީ މިއަދުގެ މަޖިލީހަށް ހާޒިރުވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުންނެވެ.
ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ބިލާ އެއްކޮޅަށް ވާހަކަ ދެއްކިއިރު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ ބިލާ ދެކޮޅު ހާމަކުރައްވައިފަ އެވެ. އަދި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދާތީ، އެ މެންބަރުން ފާޑިވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަނީ ދެ އިންތިހާބު އެއްކޮށްލުމާ މެދު އިހުތިޖާޖު ކުރާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ފަލާހު ހުށަހެޅުއްވި ބިލުގައިވަނީ އެ ބިލުގެ ބޭނުމަކީ މަޖިލީހުގެ މެމްބަރު ކަމަށް މީހުން ހޮވުމަށާއި ރައީސް ހޮވުމަށް ބާއްވާ އިންތިހާބު އެއްކޮށް ބޭއްވުމަށް ކަނޑައެޅުން ކަމަށެވެ. އަދި މަޖިލީހުގެ ދައުރު ނުވަތަ އުމުރު ގުނުމުގެ އުސޫލު އިސްލާހުކޮށް، ގާނޫނު އަސާސީއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަކީ ވެސް އެ ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވެ އެވެ.
އެ ބިލުގައިވާ ގޮތުން، މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ބިލުގައި ބަަޔާންކޮށްފައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާއެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.