ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ގާނޫނުއަސާސީ އަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭ އިބްތިދާއީ ބަހުސް އެއް ދުވަސް ތެރޭގައި މިއަދު ނިންމާލައިފި އެވެ.
ގާނޫނުއަސާސީ އަށް ސަރުކާރުގެ ފަރާތުން ފޮނުވި އިސްލާހުގެ މަސައްކަތް މިއަދު ފެށީ ޗުއްޓީގައި އޮތް މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.
އެ ބިލު ހުށަހަޅައި، އިބްތިދާއީ ބަހުސް މިއަދު ކުރިއަށް ގެންދިޔައިރު، މި ބޮޑު ބަދަލާ ގުޅޭ ގޮތުން ބަހުސް ކުރައްވާފައިވަނީ މަދު މެންބަރުންތަކެކެވެ.
މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގަތީ ވެސް ތިރީހަކަށް މެންބަރުންނެވެ.
ދެ އިންތިހާބު އެއްކޮށްލަން ސަރުކާރަށް ނިސްބަތްވާ މެންބަރުން ތާއިދު ކުރައްވާއިރު އެކަމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވި އެވެ.
އިސްލާހާ ދެކޮޅަށް އިހުތިޖާޖު ކުރާނެ ކަމަށް ވެސް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވި އެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަހާލު ހުށަހެޅުއްވި އިސްލާހުގެ ބިލު ބަލައިގަތުމާ މެދު މިއަދުގެ ޖަލްސާގައި ވޯޓަށް އަހާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޭނާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށް ކަމަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ކޮންމެ ފަސް އަހަރަކުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބާ އެކުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އުމުރަކީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަސް ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައި ވެ އެވެ.
ބިލުގައިވާ ގޮތުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028 އަށެވެ. އެހެންވެ، އެ ތާރީހުގެ ކުރިން ރިޔާސީ އިންތިހާބާ އެކު، މަޖިލިސް އިންތިހާބު ވެސް ބާއްވަން ވާނެ ކަމަށް އެ ބިލުގައި ވެ އެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލައި، ދެ އިންތިހާބު އެކުގައި ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ފަހަރުމަތިން ވިދާޅުވެފައިވެ އެވެ. އެކަން ކުރައްވަނީ ދެ އިންތިހާބަށް ދައުލަތުން ކުރާ ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ދެ އިންތިހާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ކަމަށް ޣަފޫރު ވިދާޅުވި ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އެ ބަދަލަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ އެ ބަދަލަށް ދެކޮޅު ހައްދަވައިފަ އެވެ.