ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދަން އަންނަ މަހު ބާއްވާ އާންމު ވޯޓާ ގުޅޭ ޕެނަލް ޑިސްކަޝަނެއް ބާއްވަން ބާ ކައުންސިލުން ނިންމައިފި އެވެ.
އަންނަ ހޮނިހިރު ދުވަހު ހަވީރު ބާއްވާ އެ ޕެނަލް ޑިސްކަޝަންގައި ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝަކުރާއި ދިޔާނާ ސައީދު ވެސް ބައިވެރިވަޑައިގަންނަވަ އެވެ.
އެ ތިން ބޭފުޅުންނަކީ ވެސް ދެ އިންތިހާބު އެއްކޮށްލުމަށް ތާއިދު ކުރައްވާ ތިން ބޭފުޅުންނެވެ.
ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހުމަދު މުއިއްޒު އާއި ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ގާނޫނީ ވަކީލް ޝާހީން ހަމީދު އަދި ގާނޫނީ ގިނަ ދިރާސާތަކެއް ކުރައްވާ ޑރ. ޝަމްސުލް ފަލާހެވެ. ޑރ. ފަލާހަކީ ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު އެވެ.
ފެންނަ ނުފެންނަ ވޯޓުގައި އަހާ ސުވާލަކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ގާނޫނު އަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭތޯ ނުވަތަ ނޫންތޯ އެވެ.
އެ ވޯޓަށް ތާއިދުކޮށް ސަރުކާރުން ކެމްޕެއިން ކުރަމުންދާއިރު އިދިކޮޅު އެމްޑީޕީން ދަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެ ޕާޓީން ވަނީ ވޯޓު ހުއްޓުވަން ހައި ކޯޓަށް މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު މިހާތަނަށް ގޮތެއް ނުނިންމަ އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން ސުޕްރީމް ކޯޓަށް ވެސް ދުސްތޫރީ ދެ މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.
ގާނޫނީ ވަކީލުންތަކެއް ހުށަހެޅި އެ ދެ މައްސަލައިގެ ތެރެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ.