ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހުއްޓުވަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މަޖިލީހުން ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވިތާ 15 ދުވަސްވީއިރު އެ ބިލު ތަސްދީގު ކުރުމާ މެދު ގޮތެއް ނިންމާފައިނުވާތީ އަދި ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އުސޫލަށް އަމަލުކޮށްފައިނުވާތީ ބިލު ތަސްދީގު ކުރަން ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، އެ ބިލަކީ މިހާރު ބާތިލްވެފައިވާ ބިލެއް ކަމަށް ކަނޑައަޅައިދޭން މައްސަލައިގައި އެދިފައިވެ އެވެ.
އެހެންވެ، އެ ބިލު ފާސްކުރުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓެއް ނެގުމަކީ ގާނޫނުއަސާސީއާ ހިލާފަށް ކުރާ ކަމެއް ކަމަށް ކަނޑައަޅައިދޭން ވެސް އެދިފައިވެ އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލައަށް ހުއްދަ ނުދޭން ނިންމަވައިފަ އެވެ. އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުނެފައިވަނީ ގާނޫނުއަސާސީގެ 264 ވަނަ މާއްދާގައި ބުނާ އިޖުރާއަތަށް އަމަލުކުރަން ޖެހޭނީ ރައީސް ބިލެއް ތަސްދީގު ނުކުރަން ނިންމާ ހާލަތުގައި ކަމަށެވެ. އަދި ހުށަހަޅާފައިވާ މައްސަލާގައި ހިމެނޭ ބިލު ތަސްދީގު ނުކުރަން ރައީސް ނިންމެވި ކަމަށް އެނގެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމެވުމުގައިވެ އެވެ.
އަލީ ހުސެއިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމިިއިރު، އެ މައްސަލައާ އެކު ދެން ހުށަހެޅި މައްސަލަ ބަލައިގަނެ، މާދަމާ ޝަރީއަތް ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ބަލައިގެންފައިވަނީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު ހުށަހެޅި ދުސްތޫރީ މައްސަލަ އެވެ.
ވަކީލް އައިކް އަދި ޝިޔާމްގެ ފަރާތުން ހުށަހެޅީ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ، އެ ސުވާލު ހިމެނޭ ގޮތަށް ފެންނަ ނުފެންނަ ވޯޓު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.
ފެންނަ ނުފެންނަ ވޯޓާ ގުޅޭ މައްސަލަތަކެއް އެމްޑީޕީން ވެސް ވަނީ މީގެ ކުރިން ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލާގައި ވޯޓު ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދުނެވެ. ނަމަވެސް، އެ މައްސަލަތައް ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.