ސިޓީ ކައުންސިލުން އަލަށް ގެނައި ޕަމްޕް: މިއީ މިނެޓަކު 11،000 ލީޓަރުގެ ފެން ހިންދޭ ޕަމްޕެއް
02 މާޗް 2025 - 11:10
ވާރޭވެހި މާލޭގައި ފެންބޮޑުވާތީ، ފެން ހިންދުމަށް މާލޭ ސިޓީ ކައުންސިލުން ގެނެސްފައިވާ ދެ ޕަމްޕް ބޭނުންކުރަން ފަށައިފި އެވެ.
ޑިފެންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި މި ދެ ޕަމްޕް ބެހެއްޓުމަށް ނިންމައި، ސިޓީ ކައުންސިލުން އެކަން އަންގާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި އިއްޔެ އާއި ހުކުރު ދުވަހު މާލޭގައި ފެންބޮޑުވިއިރު އެ ޕަމްޕުތައް ބޭނުންކޮށްފައިވެ އެވެ.
ސިޓީ ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ބުނީ މާލޭގައި ފެންހިންދުމަށް އާންމުކޮށް ބޭނުންކުރާ ޕަމްޕަށް ވުރެ އެތައް ގުނައެއް ބާރު ސްޕީޑުގައި ފެން ބޭރު ކުރެވޭނެ އެ ދެ ޕަމްޕު ގެނައުމުގެ މަސައްކަތް ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.
އާންމުކޮށް ފެން ހިންދުމަށް ބޭނުންކުރާ ޕަމްޕަށް ވުރެ ބޮޑު އެ ދެ ޕަމްޕަކީ މިނެޓަކު 11،356 ލީޓަރުގެ ފެން ބޭރު ކުރެވޭ ދެ ޕަމްޕު ކަމަށް ކައުންސިލުން ބުނެ އެވެެ. މީގެ ކުރިން މާލޭގައި ފެން ހިންދުމަށް ބޭނުންކުރަމުން އައީ މިނެޓަކު 1300 ލީޓަރާއި 900 ލީޓަރުގެ ފެން ބޭރުކުރެވޭ ޕަމްޕުތަކެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ފެން ހިންދުމަށް ގެނައި ދެ ޕަމްޕު ކައިރީގައި މާލޭގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައިގެން ހުންނަވަނިކޮށް.
ސިޓީ ކައުންސިލުން ބުނި ގޮތުގައި މާލޭގައި ގާއިމުކޮށްފައިވާ ފެންހިންދާ ނިޒާމުގެ ސަބަބުން ރަށު ތެރެއަށް އެޅޭ ފެން ބޭރުކުރުމަށް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. އޭގެ ސަބަބުން ވިއްސާރަ މޫސުމުގައި ބޯކޮށްވާރޭވެހި މާލޭގެ މަގުތަކާއި ގޭގެއަށް ފެނުގެ އަސަރުކުރާ ކަމަށާއި އެކަމަކު އެފަދަ ކޮންމެ ހާލަތެއްގައި ވެސް ފެން ހިންދުމުގެ މަސައްކަތް ކުރަން ޖެހެނީ އެކި ފަރާތްތަކުގެ އެހީގައި ކަމަށް ބުންޏެވެ.
އެ ޕަމްޕުތަކާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެ ޕަމްޕުތައް ބޭނުންކުރަން ފެށުމުން އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަަމަށެވެ.
"މި ޕަމްޕުތައް ބޭނުންކުރަން ފެށުމުން، އާންމުކޮށް މި ބޭނުންކުރާ 10 ޕަމްޕަށް ވުރެ ބާރު މިނުގައި މި ޕަމްޕުތަކުން ފެން ހިންދެމުންދާނެ. މި ޕަމްޕުތައް ބޭނުންކުރަން ފެށުމުން މިހާރު މިވާ ގެއްލުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ކުޑަކޮށްދެވޭނެ." އޭނާ ވިދާޅުވި އެވެ.
ޕަމްޕު ބަހައްޓާފައި ހުރި ސަރަހައްދުގައި މާލޭގެ މޭޔަރު އާދަމް އާޒިމް މަޑުކޮށްލައިގެން ހުންނަވަނިކޮށް.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ބޭނުންކުރާ ކުދި ޕަމްޕުތަކުގައި، ކިރިޔާ ވެސް ކުނިކޮޅެއް ވަންނައިރަށް މަސައްކަތް ހުއްޓެވެ. އެކަމަކު އާ ޕަމްޕުތަކަކީ އެކަމަށް ހާއްސަ ޕަމްޕުތަކެއް ކަމަށްވާތީ ކުނި ވަން ނަމަވެސް، މަސައްކަތް ނުހުއްޓި ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ގެނައި ދެ ޕަމްޕް، ޑިފެންސް މިނިސްޓްރީއާ ހަވާލުކުރިއިރު މާލޭގައި އާންމުކޮށް ވެސް ފެން ބޮޑުވެއްޖެ ނަމަ، ފެން ހިންދުމުގެ މަސައްކަތް ކުރަނީ އެމްއެންޑީއެފުންނެވެ. އަދި އެކަމުގައި އެކި އިދާރާތަކުން އެހީތެރިކަން ފޯރުކޮށްދެ އެވެ.
މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓް ޕާކް ސަރަހައްދާއި މާފަންނު ފެރީ ޓާމިނަލް ސަރަހައްދު ހިމެނޭ ގޮތަށް 10 ތަނެއްގައި ފެން ހިންދަން ޕަމްޕު ބަހައްޓާފައި ހުއްޓެވެ. އެ ޕަމްޕުތަކުން ރޭގަނޑު 10:00 އާ ހަމައަށް 1،000 ޓަނުގެ ފެން މޫދަށް ބޭރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
04 March 2025
އަޅެ މި އޮތްހާ ދުވަހު ވަޅުދިޔަ ހިއްކާ ޕަންޕު މުޅިތާ ޖަހައިގެން ހަމަ މާލޭން ފެން ނުހިދިގެން އުޅުނު އިރު ހަމަ އެކކަށްވެސް ރޭކާނުލިދޯ ޕަންޕު ބޮޑު ކޮށްލާކަށް.. މިނިްޓަރުންތައް ޗަރުކޭހަށް ނުކުމެ އުޅުނީ ވެލި ބަސްތާ ހިފައިގެން ފޮޓޯ ނަގަން.. ކަމަކަށްވާ ކަހަލަ ކަމެއް މި ކުރެވެނީ އާޒިމަށް...
މުހައްމަދު އަޝްމަލް
03 March 2025
އެތާ ފެން ހިންދަން އުޅުނު އެމްއެންޑީއެފް ސޮރެއް ބުނީ އާދަމް އާޒިމް އެތަނަށް ގޮސް މުޅިން ޑްރާމާއޯ ކުޅުނީ. ހުސް ފޮޓޯ ނަގާ ވީޑިއޯ ނަގާ ހެދީއޯ. އެއްވެސް ކަމެއް ނުކުރެޔޯ. އެމްއެންޑީއެފް އިން ހުރިހާ ކަމެއް ކުރީ.
އިސްމާލި
04 March 2025
ބަލަ އެމް.އެން.ޑީ.އެފް އަށް މި ހުރިހާ ދުވަހު ނުގެނެވުނުވަރުގެ ދެ ޕަންޕު ގެނެސް ހަދިޔާ ކުރުމުން އެވަރުވެސް ކުޑަވީތަ؟ ދެން މޭޔަރު ގޮސް އެތާ ފެންގަނޑަށް އެރީ ޕަންޕު ހިންގަންވެސް ޖެހޭތަ؟ އެކަމަށް ނޫންތަ މނޑފ މީހުން ތަމަރީން ކޮއްފައި އެ ތިބީ؟؟
ހަސަނު
04 March 2025
އެތާ އޭނާ ވަކި ކީއްތަ ކުރަން ޖެހޭނީ؟ ޗަރުކޭސް ކުޅެން ޖެހޭތަ ޕަންޕު ކައިރީ؟
އަޖްވަދު މުހައްމަދު
03 March 2025
އާޒިމް މިކަމާ ނުވޭ ދެން. ސަރުކާރުން ކުރަމުންދާ ކަންކަމުގެ ކްރެޑިޓް ނަގަން ނޫޅޭ!
ހަސަނު
04 March 2025
މުއިއްޒު ނުވީނަމަ މަގުގައި ފެން ބޮޑު ނުވިހޭ....
ސުވޭދާ ޒާހިރު
03 March 2025
އާދަމް އާޒިމްގެ ފަރާތުން ފެނިގެން ދަނީ ކަންނުވެ ނަންވާން އުޅޭތަން. ސަރުކާރުން ހުރިހާ ކަމެއް ކުރީމަ އޭގެ ކްރެޑިޓް ނަގަން އުޅޭތަން. މިބުނީ އެމްއެންޑީއެފް އިން ހުރިހާ ކަމެއް ކުރަނީ. މީނަ ފިލްމް ކުޅެން އެތާގަ
އިސްމާލި
04 March 2025
އޭނަ ދިން ޕަންޕެއް ބަލާލަން އޭނައަށް ދެވޭނެ ދޯ؟ އެެހެން ނޫނަސް އެއީ މާލޭގެ މޭޔަރު. މާލޭގެ ކަންކަން ހިނގާނުހިނގާގޮތް ބެލޭނެ. ޚާއްސަކޮއް ކައުންސިލުގެ އަތެއް ވާ ކަންކަމުގައި މޭޔަރަށް އެތަނަށް ދެވޭނެ. މނޑފ ކުދިން ތަމްރީންކޮއްފައި އެތިބީ ފެން ހިންދަން/
ސިއްބަތް އަޒީޒް
03 March 2025
ހަމަ އަންތަރީސްވޭ އާދަމް އާޒިމް މިކަމުގެ ކްރެޑިޓް ނަގާތީ. ބައްލަވާ ސަރުކާރުން ސީދާ ރައީސް އަންގަވައިގެން ކުރިޔަށް ގެންދިޔަ ކަމެއް މިޔަކީ. އަހަރުމެންނަށް އިނގޭތީ މިބުނަނީ.
ސޮފްވާން ހަމިދު
03 March 2025
ބަލަގަ ތިކަމުގަ އުޅުނީ އަހަރުމެން. އާރްޑީސީއިން. ތިކަން ތީ ސީދާ ރައީސް މުއިއްޒް ބުނެގެން އެޕްރޫވް ކުރި ބަޖެޓަކުން ގެނައި އެއްޗެއް. ޕީޕީއެމްގެ މެޖޯރިޓީ ކައުންސިލުން. އެމްޑީޕީ މީހުން ވޯޓް ނުދޭ ކަމެއް. ދެން ކިހިނެއް އާޒިމް ތީގެ ކްރެޑިޓް ނަގާނީ؟
މުހައްމަދު ސަނީހް
03 March 2025
ކައުންސިލުން ގެނައި އެއްޗެއް ނޫން. ސަރުކާރުން ފައިސާ ދީގެން އާރްޑީސީ އިން ގެނައި އެއްޗެއް.
ހުމެއިދު އަބްދުﷲ
02 March 2025
އަޅެ މި މޭޔާރ އާޒިމް ފޮނި ނުކަޑާ ހަމަ އެއްކަމެއްވެސް ނޯވޭ ދޯ؟ ސަރުކާރުން ފައިސާ ދީގެން ގަތް އެއްޗެއްގަ މީނަ ފޮނި ކަޑާވަރު މިހުރީ
މުހައްމަދު ހުމެއިދު
02 March 2025
މިކަން އިނގޭ މީހެއްގެ ހައިސިއްތަތުން ބުނެލަން. މީ ސަރުކާރުން ފައިސާދީގެން ގެނައި އެއްޗެއް
މުސްތަފާ ކަރިމް
02 March 2025
މި ޕަމްޕް ގަންނަން ފައިސާ ދިނީ ސަރުކާރުން. ގެނައީ އާރްޑީސީއިން. ބޭނުން ކުރަނީ އެންއެންޑީއެފް އިން. ދެން ކޮން މޮޅު ވާހަކައެއް އާޒިމް މިދައްކަނީ
ހަސަނު
04 March 2025
ސަރުކާރުން ލާރި ގެނައީ ކޮންތާކުން ހޭ؟