މާލެއިން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ރޭ ހަރަކާތްތެރިވަނީ.
02 މާޗް 2025 - 14:20
އިއްޔެ ހަވީރުން ފެށިގެން މެދުނުކެނޑި މާލެ އަށް ކުރި ވިއްސާރާގައި މަގުތަކުން 16،911 ޓަނުގެ ފެން ހިންދައި، މާލެ އާއި އެކި ރަށްރަށުގެ ގިނަ ގެތަކަކަށް ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
މާލެ އަށް އިއްޔެ ހަވީރުން ފެށިގެން ރޭ ފަތިހާ ހަމައަށް ވެހުނު ބޯ ވާރޭގެ ސަބަބުން ގާތްގަނޑަކަށް ހުރިހާ މަގުތަކެއްގައި ފެންބޮޑުވި އެވެ. އެހެންވެ، ސިފައިންގެ ހާއްސަ ޓީމުތައް ނުކުމެ ގޭގެ އަށް އެހީތެރިކަން ފޯރުކޮށްދީ، ފެން ވަނުމުގެ ފުރުސަތު އޮތް ގެތަކަށް ވެލިބަސްތާ ފޯރުކޮށްދިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެކި ސަރަހައްދުތަކުގައި ފެން ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއިރު މިހާރު ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެެ.
މާލޭގެ މަގުތަކުގައި ރޭ ފެންބޮޑުވުމުން ގޭގެ އަށް ފެން ވަނުމުން ސަލާމަތް ކޮށްދިނުމަށް ސިފައިން ވެލިބަސްތާގެ އެހީތެރިކަން ފޯރުކޮށްދެނީ.---ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނި ގޮތުގައި ފެން ހިންދުމުގެ މަސައްކަތް މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެ ވަގުތާ ހަމައަށް 16،911 ޓަނުގެ ފެން މަގުތަކުން ހިންދި އެވެ.
"މި އޮޕަރޭޝަނުގައި، ސިފައިން ވަނީ މާލޭގެ 8 ސަރަހައްދެއްގައި 19 ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަަސައްކަތްކޮށްފައި،" އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި އެވެ.
އަދާހަމަ: އަދި މާލޭ ސިޓީގެ ފެންބޮޑުވެފައިވާ ސަރަހައްދުތައް އާންމު ހާލަތަށް ގެނެވިފައިވާތީ، ފެން ހިންދުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ. މި އޮޕަރޭޝަންގައި 16911 ޓަނުގެ ފެންވަނީ ހިންދާފަ. pic.twitter.com/x045vNbttl
— Maldives National Defence Force (@MNDF_Official) March 2, 2025
އެ ވިއްސާރައިގައި މާލޭގެ ހުރިހާ މަގުތަކެއްގައި ކަހަލަ ގޮތަކަށް ފެން ބޮޑުވެ، ގޭގެއަށް ފެންވަދެ ގެއްލުންވި އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އެ އޮޕަރޭޝަނުގައި މާލޭގެ 131 ގެއަކަށް އެހީތެރިވި އެވެ. އަދި 976 ވެލި ބަސްތާ ގޭގޭގައި ޖަހައިދީފައިވެ އެވެ.
ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން ނަޖިސް ބޭރުވުމުގެ ހާދިސާތައް ހިނގާފައިވާތީ ހަތަރު ގެއަކުން 40 މީހަކު ރައްކާތެރި ތަންތަނަށް ބަދަލުކޮށް، ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދިނެވެ.
މާލޭގެ މަގެއްގައި ފެންބޮޑުވެފައި.
މާލޭގެ އިތުރުން ކ. ހުރާ، ކ. ގުރައިދޫ، ކ. ހިންމަފުށި، ކ. ތުލުސްދޫ ކ. މާފުށި، އދ. މާމިގިލި، ދ. މީދޫ، ފ. ނިލަންދޫ އަދި ލ. އިސްދޫގެ މަގުތަކުގައި ފެން ފެންބޮޑުވުމުން، ފެން ހިންދުމާއި ވެލި ބަސްތާ ޖެހުމުގައި އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގެ ސިފައިން ވެސް ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފ. ނިލަދޫގެ ގެއެއްގައި ސިފައިން ރޭ ވެލިބަސްތާ ޖަހައިދެނީ.---ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ވިއްސާރައިގެ ރެކޯޑުތަކުގައިވާ ގޮތުން 24 ގަޑިއިރުގެ ތެރޭގައި މާލެއަށް 223.5 މިލިމީޓަރުގެ ވާރޭވެހުނެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯވާރޭގައި މަގުތަކުގައި ފެންބޮޑުވެ ވަރަށް ބޮޑަށް ގެއްލުންވި އެވެ. އެހެންވެ، ރޭ ދަންވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފަ އެވެ.
މެޓު އޮފީހުން މިވަގުތު ވެސް އޮތީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ. މެޓުން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ކަނޑުތައް ވެސް ގަދަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލްޙާ ޖުނައިދްް
03 March 2025
ގުދުރަތީ މިފަދަ ކާރިސާތަކަށް ސަރުކާރުން އެހީފޯރުކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ނުހަނު ސާބަސް ދަންނަވަން.
ބޮޑުވަރު
03 March 2025
މިތަރައްގީ ނުގެނެވިގެން، ސިޔާސީ ވެގެނޭ މިކިޔާ ވެރިންތަށް އެއްމޭޒަކަށް ނޭރިގެން މިއުޅެނީ. ބޮޑެތި އެތަށް ކަމެއް ހައްލު ކުރަން ހުއްޓަ، ތިމާ ޕާޓީއާ، ތިމާގެ ލެގަސީ، ހިންގަންވެގެން މަރުދެނީ.
ޢާމިލު1
02 March 2025
ހިންދޯ އަކި ނޫން އުކާލީ މޫދަށް. ވަރަށް ދެރަވަރު..
އަލީ ޒާހިރު.
02 March 2025
އަހަންނަކީވެސް މާފަންނުގަ އުޅޭ ރައްޔިތެއް. މިދިޔަ ސަރުކާރާ ހިލާފަށް މިފަހަރު އެހީ ލިބުނުލެއް ރަނގަޅު. އެހާމެ އަވަސްވެސްމެ. ހަމަ ވަކިން އައިސް ހާލު ބަލާ ހެދި
މުޝްނިދު
02 March 2025
އަދިވެސް އާދަމް އާޒިމް އުޅޭނެ މިކަމުގެ ކްރެޑިޓްވެސް ނަގަން. އެކަމަކު ހުރިހާ ކަމެއް މިކުރަނީ އަދުގެ ސަރުކާރުން
ހުމެއިދު މިހައްމަދު
02 March 2025
އުފާވެރި ހަބަރެއް. މިހެން ވާން ޖެހޭނެ
ގޮއްޔެގެ
02 March 2025
މާލޭގަ އުޅެވޭވަރެއްނޫން. މަ މިތަނުން ބާލަދީ.
ރަޓުމީހާ
03 March 2025
މިތަނަށް ގެނައީ ބަޔަކު ގަދަކަމުން ބަނދެގެންތަ؟.
ފެކަޓްް
02 March 2025
ސަރުކާރަށް ސަނާކިޔާ ބޮޓުންނަށް. ހަޖަމް. ޝުކުރިއްޔާ އާޒިމް. މިހުރިހާ ޒަމާނަކު ނޭނގުނޭ އެންމެ ޕަމްޕަކުން މިނެޓަކު 11،000 ލިޓަރުގެ ފެން ޕަމްޕު ކުރެވޭވަރުގެ މެޝިނެއް ހޯދާލާކަށް. ވެރިއަކަށް ހުރި މީހާވެސް އެދިޔައީ އެކަމުގައި 3 އަހަރު އުޅެފަ. ލޮލް. އާޒިމް ވަރެއްނެތް ހަމަ.
ވަސީމާ ލަތީފް
03 March 2025
މޮޔަނުގޮވާ. ތިކަން ކުރީ ސަރުކާރުން. ތިޔަށް ފައިސާ ދެއްކީވެސް ސަރުލާރުން. ތި ގެނައީވެސް އާރުޑީސީއިން. ކޮންމެހެން ކްރެޑިޓް ނަގަން އުޅޭނެކަމެއްނެތް.
ވާހިދު މޫސާ
02 March 2025
ވަރަށްވެސް ރެޑީގަ އެމްއެންޑީއެފް އިން ތިއްބަވަނީ. އަހަންނަށް ހަމަ ޔަގީން މީ ރައީސް ބޭނުންވާގޮތްކަން.
ޖަނާހު މުހައްމަދު
02 March 2025
ރޭގަ އަދި މިއަށްވުރެ ފެންބޮޑުވީސް މިސަރުކާރުން ހެދި ފެންހިންދާ ނިޒާމު ނެތްނަމަ