މުނިފޫހިފިލުވުން / އޮސްކާ އެވޯޑްސް

އިޒުރޭލު ސިފައިންގެ ލާއިންސާނީ އަމަލުތައް ދައްކާ ޑޮކިއުމެންޓްރީއަކަށް އޮސްކާ ލިބިއްޖެ

"ނޯ އަދާ ލޭންޑް"ގެ ޓީމުން އޮސްކާ އެވޯޑާ ހަވާލުވަނީ.-- ފޮޓޯ: އޭއެފްޕީ

03 މާޗް 2025 - 10:50

1 comments

އިޒުރޭލު ސިފައިންގެ ލާއިންސާނީ އަމަލުތައް ދައްކާ ޑޮކިއުމެންޓްރީއަކަށް އޮސްކާ އެވޯޑު ލިބިއްޖެ އެވެ.

މިއަދު ބޭއްވި މި އަހަރުގެ އޮސްކާ އެވޯޑު ހަފުލާގައި އެންމެ މޮޅު ޑޮކިއުމެންޓްރީ ފީޗާ ފިލްމުގެ އެވޯޑު ލިބުނީ "ނޯ އަދާ ލޭންޑް" އަށެވެ.

"ނޯ އަދާ ލޭންޑް" އަކީ އިޒުރޭލުގެ ސިފައިން ފަލަސްތީނުގެ ވެސްޓް ބޭންކް ސުންނާފަތިކޮށް، ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅޭ ގޮތުން ހަދާފައިވާ ޑޮކިއުމެންޓްރީއެކެވެ. އެ ޑޮކިއުމެންޓްރީއަށް އޮސްކާ ލިބުނު އިރު، އެ ޑޮކިއުމެންޓްރީ ޑިސްޓްރިބިއުޓް ކުރަން އެތައް ސްޓޫޑިއޯއަކުން ވަނީ ދެކޮޅު ހަދައިފަ އެވެ.

"ނޯ އަދާ ލޭންޑް"ގެ ޓީމުން އޮސްކާ އެވޯޑާއެކު.-- ފޮޓޯ: އޭއެފްޕީ

މި ޑޮކިއުމެންޓްރީ ހަދާފައި ވަނީ ފަލަސްތީނުގެ އެކްޓިވިސްޓަކާއި ފިލްމު ޑައިރެކްޓަރަކާއި އިޒުރޭލުގެ ނޫސްވެރިޔަކާއި ފިލްމު ޑައިރެކްޓަރަކު ގުޅިގެން ހަތަރު މީހުންގެ ޓީމަކުންނެވެ.

މި އެވޯޑާ ހަވާލުވުމަށް ފަހު މި ޑޮކިއުމެންޓްރީގެ އެއް ޑައިރެކްޓަރު އަދި ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ބަސެލް އަދްރާ ދިން ސްޕީޗުގައި ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ކުރާ މަސައްކަތް ހުއްޓާލަން ގޮވާލައިފަ އެވެ.

އޮސްކާގެ މި އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑު ކާމިޔާބުކުރީ އެމެރިކާގެ ރޮމޭންޓިކް ކޮމިޑީ ފިލްމު "އަނޯރާ" އެވެ. އެންމެ ގިނަ އެވޯޑު ވެސް ލިބުނީ އެ ފިލްމަށެވެ. އެ ފިލްމަށް ވަނީ ފަސް އެވޯޑެއް ލިބިފަ އެވެ.

ހަށިވިއްކާ އަންހެނަކު ރަޝިއާގެ ނުފޫޒުގަދަ މީހެއްގެ ދަރިއަކާ ކައިވެނިކުރާ ފަހުން ދިމާވާ ކަންތައްތަކެއް ދައްކާ "އަނޯރާ" އަށް، އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޕްރޮޑިއުސަރާއި ޑައިރެކްޓަރާއި އެޑިޓިން އަދި ސްކްރީންޕްލޭގެ އެވޯޑު ވެސް ލިބުނެވެ. އެ އެވޯޑުތައް ލިބުނީ އެ ފިލްމުގައި އެ ހުރިހާ މަސައްކަތެއް ކުރި ޝޯން ބޭކާ އަށެވެ. އެހެންވެ، އޭނާ މިހާރު ވެފައި ވަނީ އޮސްކާގެ ތާރީހުގައި ވެސް އެއް ފިލްމަކުން އެންމެ ގިނަ އެވޯޑު ކާމިޔާބުކުރި ފަންނާނަކަށެވެ.

މި އަހަރުގެ އޮސްކާގައި ވާދަކުރި އެންމެ ނުފޫޒުގަދަ ފިލްމުތައް ކަމަށްވާ "އެމިލިއާ ޕޭރެޒް" އާއި "ދަ ބްރޫޓަލިސްޓް" އަށް ހީކުރިވަރުގެ ކާމިޔާބީއެއް ނުލިބެ އެވެ.

ދެން އެންމެ ގިނަ އެވޯޑު ލިބުނު "ދަ ބްރޫޓަލިސްޓް" އިން ކާމިޔާބުކުރީ ތިން އެވޯޑެކެވެ. އެއީ، އެ ފިލްމުގެ ލީޑު އެކްޓަރު އެޑްރިއަން ބްރޮޑީ އަށް ލިބުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑާއި އެންމެ މޮޅު އޮރިޖިނަލް ސްކޯ އަދި އެންމެ މޮޅު ސިނެމަޓޯގްރެފީގެ އެވޯޑެވެ.

"އަނޯރާ" އަށް އޮސްކާގައި ބޮޑު ކާމިޔާބީއެއް ލިބުނު ނަމަވެސް، އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައި ވަނީ އެންމެ 40 މިލިއަން ޑޮލަރެވެ.

މި އަހަރުގެ އޮސްކާގައި ގިނަ އެވޯޑުތައް ކާމިޔާބުކުރީ ވެސް މިނިވަން ޕްރޮޑިއުސަރުންނާއި ކުންފުނިތަކުން އުފެއްދި ފިލްމުތަކެވެ. ބޮޑެތި ސްޓޫޑިއޯތައް ކަމަށްވާ ނެޓްފްލިކްސް އާއި ޑިޒްނީ އާއި ޔުނިވާސަލް ކަހަލަ ތަންތަނުގެ ފިލްމުތަކަށް މާ ބޮޑު ކާމިޔާބީއެއް ނުލިބެ އެވެ.

ފާހަގަކޮށްލެވޭ އެހެން އެވޯޑުތަކަށް ބަލާއިރު، މި ފަހަރު އެންމެ މޮޅު އިންޓަނޭޝަނަލް ފީޗާ ފިލްމުގެ އެވޯޑު ކާމިޔާބުކުރީ ބްރެޒިލްގެ މިލިޓަރީ ޑިކްޓޭޓާޝިޕަށް ބިނާކޮށް ގެނެސްދިން "އައިމް ސްޓިލް ހިއާ" އެވެ. މިއީ ބްރެޒިލްގެ ފިލްމަކަށް އޮސްކާ ލިބުނު ފުރަތަމަ ފަހަރެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެވލނ

03 March 2025

މީ އެމީހުްނގެ ބާރު ނުފޯރާ ގޮސް ވަނަ ލިބުނު ޑޮކިއުމަންޓުރީއެއް. ވަރަށް މަސައްކަތްކުރިކަމަށްވަނީ މިކަން ހާސިލުވިޔަނުދޭން. ބީބީސީން ނެރުނު ޑޮކިއުމަންޓުރީ މިހާރު ވަނީ ނަގާފައި. ފަލަސްތީނުގެ ވާހަކަ އޮތީމަ. ވަރަށް ގިނަ މީހުްނ ކުށްވެރިކުރި އެކަން. ދިވެހި ހަބަރަކުން ނުދެކެން މީގެ ވާހަކައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454