ހެލްތު މިނިސްޓްރީ ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
07 މާޗް 2025 - 14:03
ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން ނުވަތަ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ތަތްކުރުމަކީ އިޝްތިހާރު ކުރުމަކަށް ނުވާނެ ކަމަށާއި އާ ގަވައިދުގައި އިޝްތިހާރު ކަމަށް ބަލަނީ "އެފަދަ ދެވަނައެއް ނެތް" ނުވަތަ "އެންމެ މޮޅު" ފަދަ އިބާރާތްތަކާ އެކު ޑިސްޕްލޭ ކުރުމުން ކަމަށް އެމްއެފްޑީއޭއިން ބުނެފި އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އެމްއެފްޑީއޭއިން މިދިޔަ މަހުގެ ތެރޭގައި އަމަލުކުރަން ފެށި ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ގަވައިދާ މެދު ގިނަ ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް، ކުދި ވިޔަފާރިތަކާއި ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންގެ ޝަކުވާ މި މައްސަލައިގައި ބޮޑެވެ.
އެމްއެފްޑީއޭގެ އޮފިޝަލަކު ވިދާޅުވީ ކާބޯތަކެތި އިޝްތިހާރުކުރާ ގަވާއިދު މީގެ ކުރިން އޮތީ އާއްމު ގަވައިދުތަކާ ބެހޭ ގާނޫނުގެ ދަށުން ކަމަށް ވެފައި އެ ގަވައިދުގައި އިޝްތިހާރުކުރަން ފީއެއް ދައްކަންޖެހޭ ގޮތަށް އަދި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. އެހެންވެ ހަރުކަށި ފިޔަވަޅުތަކާ އެކު ގަވައިދު ހަދަން ޖެހުނީ އިޝްތިހާރުކުރުން ވަކި ހުދޫދެއްގެ ތެރެއަށް ފައްތަން ކަމަށް ވިދާޅުވި އެވެ.
ބައެއް ތަންތަނުން ކާބޯތަކެތި އިޝްތިހާރުކުރާއިރު އެއީ ބަލިތަކަށް އޮތް ފަރުވާއެއް ކަމަށް ބުނެ ވެސް އިޝްތިހާރުކުރާ ކަމަށާއި ވިއްކާ ކާ އެއްޗެހީގައި ނުހިމެނޭ ބައިތައް ވެސް ލިބޭ ކަމަށް ވެސް ބުނެފައި ހުންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ކާބޯތަކެތި ރައްކާތެރިކުރުމާ ބެހޭ ގާނޫނުގެ ދަށުން އާ ގަވައިދެއް ހެދީ އެކަން ރަނގަޅަށް މޮނީޓާކުރުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެހެންވެ، ވަކި ހުދޫދެއްގެ ތެރެއިން އިޝްތިހާރުކުރެވޭނެ ގޮތް ހެދީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކާބޯތަކެތި ލިބެން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުކުރުން ނުވަތަ ފިހާރައެއްގެ ބިއްލޫރިގަނޑުގައި ތަތްކުރުމަކީ އިޝްތިހާރު ކުރުން ނޫން ކަމަށެވެ. ނަމަވެސް، ލިބެންހުރި ކާބޯތަކެއްޗަކީ "އެފަދަ ދެވަނައެއް ނެތް" ނުވަތަ "އެންމެ މޮޅު" ފަދަ އިބާރާތްތައް ބޭނުންކުރުމަކީ އިސްތިހާރު ކުރުމަށް ވާނެކަން ފާހަގަކުރެއްވި އެވެ.
"ޑިސްޕްލޭ ކުރުމަކުން ނުވޭ އިޝްތިހާރަކަށް. އެކަމަކު ޑިސްޕްލޭކޮށްފައި ހުންނަ އެތީގައި ޕްރޮމޯޝަނަލް އެކްޓިވިޓީއަކަށް އަންނަންޏާ އެއީ އިޝްތިހާރަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އެފަދަ ގޮތަކަށް އިސްތިހާރުކުރާ ނަމަ ޖެހޭނީ އެމްއެފްޑީއޭއަށް ހުށަހަޅައިގެން ހުއްދައެއް ނަގާށެވެ. އޯޑިއޯ/ވީޑިއޯ އިޝްތިހާރެއް ނަމަ 1،500ރ. އަދި އެނޫން އިޝްތިހާރެއް ނަމަ ހުއްދަ ނަގަން ޖެހޭނީ 1،000ރ. ގެ ފީއެއް ދެއްކުމަށް ފަހުގަ އެވެ. ކާބޮނޭޓެޑް ޑްރިންކްސް/އެނާޖީ ޑްރިންކްސް އިޝްތިހާރު ކުރާ ނަމަ އެ ފީއަކީ 3،000ރ. އެވެ. އެ އުސޫލުތަކާ ހިލާފަށް އިޝްތިހާރު ކޮށްފި ނަމަ 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އެމްއެފްޑީއޭއިން ބުނީ ކާބޯތަކެތި އިޝްތިހާރު ފާސްނުކޮށް ބޭނުންކުރާތީ މީގެ ކުރިން ވެސް މީޑިއާތަކާއި މީޑިއާ ކައުންސިލަށް ވެސް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، އޭރު ފިޔަވަޅު އެޅޭނެ ގޮތެއް ނޯވެ އެވެ. އާ ގަވައިދުގެ ދަށުން މީޑިއާގައި ކާބޯތަކެތި އިޝްތިހާރުކުރާނަމަ ހުއްދަ ނަގަން ޖެހޭނީ އެ އެއްޗެއް އިޝްތިހާރުކުރަން ބޭނުންވާ ކުންފުންޏަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން ސައީދު
08 March 2025
ގާނުނާއި ގަވާއިދުތަސް ހުންނަން ވާނީ ނިކަން ސާފްކޮށް، އޭގެ މާނަ އަދި ބޭނުން ވަރަށް ތަފްސީލްކޮށް ކިޔާ ކޮންމެ މީހަކަށްވެސް އިނގޭ ގޮތަށް. އެހެން ނޫނީ ދެން އޭރެއްގަ ވެރިއަކު ބޭނުން ގޮތަކަށް ގޮތް ނިންމާ ޖުރިމަނާ ކުރީމަ ކޯއްޗަކަށް ވަނީ? މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް ދެކެނީ ސަރުކާރުން.
ސަނީސައިޑްބޮންޑް
08 March 2025
އިސްތިހާރު ފާސްކޮށްގެން ހުއްދަލިބިގެން ބަލާލާއިރު އިސްތިހާރުކުރަން ބޭނުންވާ ތަކެތިހުންނާނީ ގިނަފަހަރަށް އެކްސްޕަޔަރވެފަ. އެހާވެސް ސަރުކާރުގެ ސްޕީޑްސްލޯވާނެ.
ސޭކުބެ
08 March 2025
ޢެންމެ މީރުފަދަ އިބާރާތް ބޭނުންކުރާ އިސްތިހާރު ފާސްކޮއްގެން ފީދައްކައިގެން ޖެހީމާ އެއީ އެންމެ މީރު އެއްޗިއްސަށް ބަދަލުވާނެދޯ.
އެޑްސްއެޑް
08 March 2025
މީއީ ރަގަޅަށްކޮށްފައި އޮތް ކަމެއް. ދުނިޔޭގެ ޤައުމުތަކުގައި ވެސް ރެގިއުލޭޓްކޮށްފައި އޮންނަކަމެއް. މައްސަލަައަކަށްވީ ޤަވާޢިދުގައި މާނަކުރަންޖެހޭ މިންވަރަށް އެކަން ނުކޮށް އޮތުން. އިނގިރޭސި ބަހުން އިންފޯމޭޓިވް އެޑްވަޓައިސްމަންޓް އާއި ކޮމްޕަރޭޓިވް އެޑްވަޓައިސްމަންޓް އާއި ޕާސުވޭސިވް އެޑްވަޓައިސްމަންޓް ބުނަސް ދިވެހިބަހުން މިކިޔަނީ އިސްތިހާރޭ. އެހެންވީމަ ރަގަޅަށް މާނަކުރެވިފައި އޮންނަންވާނެ. ޤަވާޢިދުން އެކަން ރަގަޅުކޮށްފައި އަލުން ޕަބްލިޝްކުރޭ.
ދަގަތްފާނު
07 March 2025
ބަނގުލަދޭސްމީހެއްގެ ފޮޓޯޖަހައިގެން "ބުޅާމަސް އަޅާފަ" ހެދިކާ ހަދައިފިއޭ ކިޔައިގެން ނޫސްތަކުގެ ފަލަސުރުހީގައާއި ސޯސަލްމީޑިއާގަ ހަބަރު ފެތުރުން އެއީ ކޮންކަހަލަ ކަމެއްތޯ. އެކަން ސާބިތުވިތޯ، ސާބިތުނުހިފޭ ތޯތޯ ވާހަކަ ފަތުރައިގެން އެމީހާގެ ހައްގަށް އަރައިގަނެވުނީތޯ.
ގޮނުއަނގަ
07 March 2025
އިޝްތިހާރު ކުރުމުގެ މިންގަނޑު ކަނޑައަޅަންވީ ކުދި ވިޔަފާރި ތަކެއްޗަކުންނޫން. ކުދި ވިޔަފާރިތަކަށް ފުރުޞަރު ދީބަލަ. މި ބުނީ އިޝްތިހާރުގެ ކުލި ނަގާނީ ބޮޑެތި ވިޔަފާރިތަކުން އުފައްދައިގެން އިޝްތިހާރުކުރަން ނެރޭ ތަކެތިންނޭ. އެފަދަ ކުންފުނިތައް އުފެއްދޭތޯ ނޫނީ މާރުކޭޓަށް ލެވޭތޯ ބަލާބަލަ. ތިޔަ ޤަވާއިދަކީ ގޭބަދިގޭ ހެދިކާ ކުރިމަގުގެ ކުރިބައްދާ އިޝްތިހާރު.
ގޮނުއަނގަ
07 March 2025
ކާބޯތަކެތި ޢިޝްތިހާރު ކުރުމަކީ ބިރުހުރި ކަމަކަށްވެއްޖެ. ކިހިނެއްތޯ ތިވަރުން ދިވެހި އުފެއްދުމެއް ހަމަމަގަށް ބާޒާރަށް ނެރޭނީ. "ފަރާޓާ ލިބެން އެބަހުރި" ލިއުނީމާ އިޝްތިހާރަކަށް ނުވި. އެކަމަކު އެއީ ވިއްކަން ހުންނަ އެއްޗެއްކަން އެނގޭނެ. "އެންމެ މީރު އެންމެ މަޖާ ފަރާޓާ" ވީމާ ވަރަށް އަގު ބޮޑުވީތަ. މިވީ ކިހިނެއް. ދުލުން ބޭރުކޮށްލި ލަފްޒެއްގެ ސަބަބުން މުޅި ވިޔަފާރިން މިތަނަށް މަދުވެގެން 1000ރ ފީއެއް ދައްކަން ޖެހިއްޖެ. ކަނބުލޯ މީކަމުދާ ގޮތެއްނޫން.
އިސްމާލު2.0
07 March 2025
ފުރުތަމަ އަމިއްލަ ވިޔަފާރިތައް ރެގިއުލެޓްކުރަން ހެލްތު މިނިސްޓްރީން އުޅޭ އުޅުމަކީވެސް އޭގެ ޒާތުގައި ވަރަށް ބޮޑު ގޯހެކެވެ. ޓޮބެކޯ ރޯލިންގ ޕޭޕަރުން ލިބުނު ފިލާވަޅު އިބުރަތަކަށް ފުދޭ ނޫންތޯ؟ އިކޮނޮމިކް މިނިސްޓްރީއަކާއި އެތަނުގެ ދަށުން ރަޖިސްޓްރަރ އޮފް ކޮމްޕެނީސްއެއް ހުންނަނީ ސަމާސަ ކުރާކަށް ނޫނެވެ.
ޝެލަރީ
07 March 2025
ބަންގުލާ މީހުން ކޮތަޅުކޮތަޅުގަ ކާއެއްޗެހި އަޅައިގެން ގޭގޭ އާ ސައިޓް ތަކުގެ ދޮރުތަކު އަޅުފާ ދާއިރުވެސް ސިއްހީމިންގަނޑަށް ބަރާބަރާށް ފެތޭދެއްތޯ؟
އަދިވެސް ސާފެއްނުވޭ
07 March 2025
އަނބިގޮއްޔެ އުފާކޮށްދޭން އޭނަ ކައްކާ އެއްޗެހި އެއީ "ދެވަނައެއް ނެތް ވަރުގެ" ކެއުމެކޭ ބުނެވޭނީ ފަސްޓް ސައެންޓިސްޓުގެ ހުއްދަ ހޯދައިގެން ތޯ ސާފެއް ނުވޭ އަދި!