08 މާޗް 2025 - 18:01
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުރަތަމަ ނިންމާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ރިވިއުކޮށް، މި ސަރުކާރުން އާންމު ކުރި ލިސްޓުގައި ކުރީ ލިސްޓުގައި ނުހިމެނޭ ބަޔަކު ހިމަނާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ތުހުމަތުކޮށްފި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓް ލިބޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، އޭގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ މީހުންގެ ލިސްޓެއް މި ސަރުކާރުން އާންމުކުރީ މިދިޔަ މަހުގެ 27 ގަ އެވެ.
ކުރީގެ ސަރުކާރުގެ 4،000 މީހުންގެ ލިސްޓުގެ ތެރެއިން މި ސަރުކާރުން ރިވިއު ކުރި ލިސްޓުގައި ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައި ވަނީ 1،820 މީހަކަށެވެ. އޭގެ ތެރޭގައި ތިން ކޮޓަރީގެ ފްލެޓް ލިބޭ ކަމަށް ޝަރުތު ހަމަވަނީ 1،423 މީހެކެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވަނީ 397 މީހެކެވެ.
ފްލެޓު ލިސްޓުގެ މައްސަލަތަކުގެ ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ، މި ސަރުކާރުން ރިވިއުކުރީ 4،000 ފްލެޓު ލިބުނު މީހުން އެކަނި ކަމަށް ބުންޏަސް އޭގައި ނުހިމެނޭ 577 މީހަކު ލިސްޓުގައި ހިމަނާފައިވާ ކަމަށެވެ.
ފްލެޓު ލިސްޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބްރޭ) -- ފޮޓޯ: އެމްޑީޕީ
"އަޅުގަނޑުމެން [އާންމުކުރި] 4،000 ފްލެޓު ލިބޭ ލިސްޓުގައި ނުހިމެނޭ 577 މީހެއްގެ މައުލޫމާތު ރިވިއުކޮށްފައި އެ މީހުންނަށް ފްލެޓު ދޭނެ ކަމަށް ޑރ. މުއްތަލިބްގެ [މިހާރުގެ ހައުސިން މިނިސްޓަރު] ލިސްޓުގައި އެބައޮތް އިއުލާނުކޮށްފައި،" އިބްރޭ ވިދާޅުވި އެވެ.
އިބްރޭ ވިދާޅުވީ، މީގެ ތެރެއިން 56 މީހެއްގެ މާކްސް އާ ކުޅެ، ލިބިފައިވާ މާކްސްގެ އަދަދު މަތިކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން ބުނީ، ވެރިފައި ކުރީ ތިން ކޮޓަރި ބޭނުންވެގެން ހުށަހަޅެޅި މީހުންގެ ތެރެއިން ތެރެއިން 75 ޕޮއިންޓް ލިބިފައިވާ މީހުންނާއި ދެ ކޮޓަރިއަށް އެޕްލައި ކުރި މީހުންގެ ތެރެއިން 73 ޕޮއިންޓް ލިބިފައިވާ މީހުން ކަމަށެވެ. އަދި 75 ޕޮއިންޓުން ގުރުއަތަށް ދާން ކަނޑައަޅައި އާންމުކޮށް އިޢުލާން ކޮށްފައިވާއިރު، ވެރިފިކޭޝަންގައި އެ މީހުން ހިމެނުމަކީ އެންމެ އިންސާފުވެރި ގޮތަށް ވާތީ އެކަން އެހެން އެގޮތަށް ކުރީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި ތިން ކޮޓަރީ ފްލެޓަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 75 ޕޮއިންޓަށް ވުރެ ދަށްކޮށް މާކްސް ލިބުނު އެއްވެސް މީހެއްގެ ފޯމު ބަލާފައި ނުވާނެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ހައުސިންގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަދި ފްލެޓު ކޮމިޓީގައި އެންމެ އިސްކޮށް ހަރަކާތްތެރި އަކްރަމް ކަމާލުއްދީން ވިދާޅުވީ މި ސަރުކާރުން ލިސްޓު އެކުލަވާލާފައިވަނީ ބޭނުންވާ ބަޔަކަށް ފްލެޓު ދިނުމުގެ މަގުސަދުގައި ކަމަށެވެ.
ހައުސިން މިނިސްޓްރީން ކުރިން ބުނެފައި ވަނީ، ފްލެޓް ލިބިފައިވާ އެއްވެސް މީހަކަށް ކަޑައަޅާފައިވާ ފްލެޓް އެހެން މީހަކަށް ހަމަޖައްސާފައި ނުވާނެ ކަމަށެވެ.
މިއީ ސީދާ ގިނަ ބައެއްގެ ހައްގުތަކަށް އަރައިގަތުން ގޮތުން ގޮތުގައި އަކްރަމް ވަނީ ސިފަ ކޮށްފަ އެވެ. އަދި ހައްގު ގެއްލުނު މީހުންގެ ހައްގުގައި އެމްޑީޕީން ނިކުންނަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ފްލެޓް ލިސްޓާ ގުޅޭ ޝަކުވާތައް އެ ޕާޓީ އަށް ހުށަހެޅުމުގެ ފުރުސަތު ވެސް މާދަމާ ރެއިން ފެށިގެން ހުޅުވާލައިފަ އެވެ.
"މާދަމާ ރެއިން ފެށިގެން ކޮންމެ ރެއެއްގެ 9:15 އިން ފެށިގެން 11:30 އަށް ޗާންދަނީ މަގުގައި ހުންނަ ދަނޑިކޮށީ ހަރުގެއަށް ވަޑައިގެން ވެސް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ،" އެ ޕާޓީން ބުންޏެވެ.
މި ސަރުކާރުން އާންމުކުރި ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮތީ އެއް މަސް ދުވަހަށް ހުޅުވާލައިފަ އެވެ. ރިވިއު ކުރި ލިސްޓުގައި ވަނީ 424 މީހެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެ މީހުން އުނިކޮށްފައިވެ އެވެ. އަދިި ފްލެޓަށް އެދުނު މީހުން ޝަރުތު ހަމަނުވާ ސަބަބުތައް ވެސް މި ލިސްޓުގައި ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރި
09 March 2025
މިއަދު ދައްކަންވީ ހަމައެކަނި ފުލެޓް ވާހަކައެއް ނޫނެވެ. ގޯތި ވާހަކަ ވެސް ދައްކަންވީނުންތޯ ؟ ފުލެޓްތަކަށް ވުރެން މާ އަގުބޮޑު ރައްޔިތުންނާއި ދައުލަތަށް ގެއްލުންވާނީ ގޯތި ހިލޭ ދިނުމުންނެވެ. ގޯތި (ބިން )ގެ އަގަކީ 7 މިލިއަށް ނުވަތަ 12 މިލިއަށް ރުފިޔާއެވެ. މީ ހިލޭސާބަހަށް ދިން އެއްޗެކެވެ.ނަމަވެސް ފުލެޓެއްގެ އަގަކީ 3 މިލިއަން އާއި 5 މިލިއަށް ރުފިޔާ ކަމަށްވާއިރު މީ ފައިސާ ދައްކާ ގޮތަށް ދޭ ލޯނެކެވެ. އެމްޑީޕީ މީހުން ވެސް މިކަމުގައި ލަދުގަންނަށް ޖެހޭނެއެވެ.
އަބްދުﷲ ކަމާލުއްދީ
09 March 2025
އެމްޑީޕީ މީހުނަށް ފުލެޓްތައް ބަހާލާފަ މިއަދު ކޮންވާހަކައެއް ދައްކާކަށް
ރައީސް ސްލޯލިހު
09 March 2025
އެމްޑީޕީ އިން ފްލެޓް ލިސްޓް ބަހާލި އިރު އެއީ ކުރި ސޮދަގާތެއްތޯ؟
ސައުދު މުހައްމަދު
09 March 2025
އެމްޑީޕީ އަށް އެމީހުންނަ ފްލެޓް ދެވުނު ގޮތެއްވެސް ނޭނގޭ ދޯ؟ ތީ ބޮޑުވަރު ދެން. ބަލަ ހައިދަރަށްވެސް ދީފައޭ އޮތީ މިދިޔަ ވެރިކަމުގައި. އިނގޭތީ މިބުނަނީ.
ސިއްބަޒް އަޒީޒް
09 March 2025
ނޫން ނެތް. ތިވާހަކަ ބުނެގެން މުޅި ލިސްޓް އަޅުވާ ކިޔައިފިން. އަދި ހައުސިންގ މީހެއް ލައްވާވެސް ބެލިން. ނެތް ތިބުނާ ކަހަލަ ކަމެއް.
ތޫބާ ނާޒިމް
09 March 2025
ދައްކަބަލަ ތިބުނާ މީހެއްގެ ނަން. ނަމެއް ނުދައްކާ ހުސް ވާހަކަ ނުދައްކާ. ލަދުގަނެބަލަ ކޮންމެވެސް ވަރަކަށް އަކްރަމޫ!
އައީޝާ
09 March 2025
އަކުރަމުވެސް ތިޔަ ވާހަކަ ދައްކަވަން މާކަ ރަނގަޅެއްނޫން، ފެށުން އޮތީގޯސްކޮށް ތިއަށް ކިޔަނީ ގުދޯ ގުދޯ
ޔަތީނު
09 March 2025
އަކުރަމް ވެސް އެމްޑީޕީ ވެސް ރަގަޅެއް ނޫން ވާހަކަދައްކަން. ސިޓީ ކައުންސިލް ލައްވާ ދޭން ޖެހޭނީ މާލެ މީހުން ހާލުގަ ގަޑަ ތެޅެނީ ހަމަ. ހަތީމްގަ އައްލާފަ ހުވާކުރަން ކެރޭނެތަ ފުލެޓް ލިބިފަ އެހުރީ ހައްޤު މީހުންނައްތޯ މިސަރު ކާރައް.
ރިފްގާ މުހައްމަދު
09 March 2025
ނުދޭ. ކަލޭމެން މުހައްގުން ފްލެޓް ދިން މީހުން އުނި ކުރީ
ޝިފާއު ދީދީ
09 March 2025
އެމްޑީޕީ އިން ދައްކާ ވާހަކަ ގަބޫލް ކުރާނެ ބަޔަކު ނޫޅޭ މިއަދު. ވަރަށް ސަލާމް
ލަބާން
09 March 2025
މިއަދު އެކަންޏެއް ނޫން. އެއްވެސް އިރެއްގަ އެމީހުން ދައްކާ ވާހަކައެއް ބަޔަކު ގަބޫލެއް ނުކުރޭ. ކުރިޔަސް ކުރި ބަޔަކު ކުރީ މަޖުބޫރުން ބިރު ދައްކާފަ ހުރީމަ