ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ އިމާރާތެއް: މިހާރު އަންނަނީ: މި ފްލެޓުތަކުގައި މިހާރު ބާކީ ކުރަންޖެހެނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)ގެ މަސައްކަތް ކަމަށް އެފްޑީސީން ބުނޭ.---ފޮޓޯ: މިހާރު
30 ޖުލައި 2025 - 09:19
ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގައި މިހާރު ކުރަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ މަސައްކަތްތައް ކަމަށް އެ ކޯޕަރޭޝަނުން ބުނާ ވާހަކަތައް އިދިކޮޅު އެމްޑީޕީން ރޭ ދޮގުކޮށްފި އެވެ.
ގެދޮރުވެރިޔާގެ މަޝްރޫއު އަދި ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓުގެ މަޝްރޫއު ފެށިއިރު ސަރުކާރު ހިންގަމުން އައި އެމްޑީޕީން ނެރުނު ބަޔާނެއްގައި އެހެން ބުނީ އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ވާހަކަތަކަކާ ގުޅިގެންނެވެ.
ހަމްދާން ވިދާޅުވީ ގެދޮރުވެރިޔާ މަޝްރޫއުގެ ތެރޭގައި ޓަވަރުތައް ޕަވާ ގްރިޑަށް ގުޅާލުމާއި ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް އުޅޭ މީހުންނަށް އިންޓަނެޓާއި އެހެނިހެން މީޑިއާގެ ވަސީލަތްތައް ކަނެކްޓް ކުރެވޭނެ ގޮތަށް ޖީޕޮން ނެޓްވޯކް އަދި ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތައް ކަހަލަ މުހިންމު ވަސީލަތްތައް އިބޫގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން އުނިކޮށްފައިވާ ކަމަށެވެ.
އެކަމަކު، އެ ވާހަކަތައް ދޮގުކޮށް އެމްޑީޕީން ބުނީ، އެއީ އިމާރާތްތަކުގެ މަސައްކަތް ކޮންޓްރެކްޓަރުން ނިންމުމުން ސަރުކާރާއި އެފްޑީސީ ގުޅިގެން ކުރަންޖެހޭ ކަންކަން ކަމަށެވެ. އަދި އެ ޕާޓީން ބުނިގޮތުގައި އެއްބަސްވުމުން ކަމެއް އުނިކުރެވޭނީ އެ ކަމެއް އެއްބަސްވުމުގައި ހިމަނާފައިވާ ނަމަ ކަމަށެވެ.
"އެހެންކަމުން ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުމުން މަސައްކަތްތަކެއް އުނިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. އެ ވާހަކަތައް ފަތުރަމުންދަނީ އެ ފްލެޓުތައް މީހުންނާ ހަވާލު ކުރަން ފެށުނުއިރު ވެސް މި ސަރުކާރުގެ ނާގާބިލްކަމުގެ ސަބަބުން ދެންނެވުނު މަސައްކަތްތައް ނުކުރެވި ހުރުމުން އެކަމުގެ ހަގީގަތް އޮޅުވާލައިގެން ކަމަށް މި ޕާޓީން ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އިތުރަށް ތަފުސީލް ދެމުން އެމްޑީޕީން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ އިމާރާތް ކަމަށްވާ 4،000 ފްލެޓުގެ މަޝްރޫއު ހިންގާފައި ވަނީ އެފްޑީސީ މެދުވެރިކޮށް ކަމަށެވެ. އެއީ 32 ޓަވަރުގައި ތިން ކޮޓަރީގެ 2،800 ޔުނިޓާއި ދެ ކޮޓަރީގެ 1،200 ޔުނިޓު ކަމަށް ބުންޏެވެ. އިންޑިއާގެ ދެ ކޮންޓްރެކްޓަރަކާ އެ މަޝްރޫއު ހަވާލު ކޮށްފައިވާއިރު، ފައިސާ ހަމަޖައްސާފައި ވަނީ އެ ގައުމުގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނިގޮތުގައި، އެ އިމާރާތްތަކުގައި ފެނާއި ކަރަންޓާއި ފޯނު ލައިނާއި ޓީވީ ކޭބަލް އަދި އިންޓަނެޓް ކޭބަލް ފަދަ ހިދުމަތްތައް ގާއިމް ކުރުމަށް އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ވެސް ނިންމާފައި ވާނީ އިމާރާތުގެ މަސައްކަތްތައް ކޮންޓްރެކްޓަރު ނިންމުމުން ސަރުކާރާއި އެފްޑީސީންނެވެ.
"މި ގޮތުން އެ ކަންކަން ކުރުމަށް ތައްޔާރުވުމުގެ ގޮތުން 2022 ވަނަ އަހަރުން ފެށިގެން އެކިއެކި މަޝްވަރާ ބައްދަލުވުންތައް ބާއްވައި، އެކަން ކުރާނެ ގޮތް ރާވައި، އެކަން ކުރާނެ ފަރާތްތައް ވެސް ވާނީ ކަނޑައަޅައިފަ އެވެ. އަދި އެ ކަންކަމަށް ކުރަންޖެހޭ އެންމެހައި ހަރަދުތައް ސަރުކާރުން ކުރުމަށް ވާނީ ނިންމައިފަ އެވެ،" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.
އެ މަސައްކަތްތަކާ ގުޅޭ ގޮތުން އެފްޑީސީގެ އެމްޑީ ހަމްދާން މީގެ ދެ ދުވަސް ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ފްލެޓެއްގެ މަސައްކަތް މިހާރު ނިމުމާ ގާތް ވެފައިވާ ކަމަށެވެ. ބާކީ މިހާރު ހުރީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ)ގެ މަސައްކަތްތައް ކަމަށާއި މިހާރު އެ ފްލެޓްތަކުގައި ކުރަނީ އިބޫގެ ސަރުކާރުން ނުކުރަން ނިންމި ކަންކަން ކަމަށް ވެސް ހަމްދާން ވިދާޅުވި އެވެ.
1. ބިލްޑިން ސައިނޭޖް
2. ސީސީޓީވީ ނެޓްވޯކް
3. ގާބޭޖް ޝޫޓް
4. ބޫމް ގޭޓް
5. ލޭންޑްސްކޭޕިން
6. ފީޑާ ކޭބަލް އެންޑް ޓްރާންސްފޯމާ ކަނެކްޝަން
7. އެމްޑަބްލިޔުއެސްސީ ސީވޭޖް ކަނެކްޝަން
8. އެމްޑަބްލިޔުއެސްސީ މެއިންލައިން ކަނެކްޝަން
9. ބޫސްޓާ ޕަމްޕް ފޯ ދޯދި ޕްރޮޖެކްޓް
10. ޝަފްޓް ޑޯ
11. އެކްސްޓާނަލް ގޭޓްސް
12. އިންޓަނެޓް އެންޑް މީޑިއާނެޓް
ހަމްދާން ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން ރާވާފައިވާ ގޮތުން ފެން، ކަރަންޓު އަދި އިންޓަނެޓް ހިދުމަތް ދޭނެ ގޮތެއް ވެސް ކުރީގެ ސަރުކާރުން ރާވައިފައެއް ނެތެވެ.
"އަލްހަމްދުﷲ މިހާރު އެ މަސައްކަތްތައް ދަނީ މި ސަރުކާރުގައި ފަށައި، ބާރު ސްޕީޑުގައި ކުރެވެމުން،" ހަމްދާން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
30 July 2025
ދައުލަތުން ހިންގާ މިފަދަ ކަންކަމަކީ އެވަގުތަކު ވެރިކަމުގައި ހުންނަމީހާ އާއި އޭނާގެ ވަޒީރުން ހިތުހުރި ގޮތަކަށް ކުރުމަށް ދޫކޮށްލާފައިވާ ކަންކަމަކަށް ހަދައިފި ނަމަ މިފަދަ ކަންކަމުގެ ތެރޭގައި ހުންނަ ވައްކަމާއި ޙިނާނާތް ނައްތާ ނުލެވޭނެ. އަދި އަދުލުވެރިކަމާއި އިންސާފާއި އެކު މާލީ ފައިދާ ހުރިކަންކަން ނުކޮށްފާނެތީ ދުނިޔޭގައި މިފަދަ ސޯޝަލް ހައުސިންގ ސްކީމް ތަކަށް ޙާއްސަ ޤާނޫނު ހަދާ އެ ޤާނޫނާއި އެއްގޮތަށް ހާމަކަން ބޮޑުކޮށް މިކަހަލަ ކަންކަން ކުރަމުން ދަނީ.
އޮނަރަބްލް އަފީފު ދީދީ
30 July 2025
އެއްބަސްވުމާއި އެއްގޮތަށް ފުލެޓަށް އިންސްޓޯލްމަންޓް ފައިސާނުދެއްކުމާއި، މަކަރާއިހީލަތުން ފުލެޓް ހޯދުންފަދަ ތިރަށުމީހުންގެ ކަށީގައިހިފާފައިވާ ނުބައިއާދަތައް ނައްތާލެވޭނީ ފުރަތަމަ ބިމާއި ފުލެޓް ޓެކްސް ފްރީކޮށް އޭނާހޯދާ ދެވަނަ ބިމާއި ފުލެޓުން %50 އަދި އިތުރަށް މިލްކް ކުރާ ކޮންމެފުލެޓަކާއި ބިމުން %100 ޓެކްސްނަގަން ކަޑައަޅާ ސޯޝަލް ހައުސިންގ ސްކީމަށް ދޮގު މައުލޫމާތުދިނުމާއި އެފަދަކަމަކަށް އެހީތެރިވުމަކީ ޖިނާޢީ ކުށެއް ކަމަށް ޤާނޫނުގައި ކަޑައަޅައިގެން.
އާމިނަތު އަލީ.
30 July 2025
އަހަރެނާއި ފިރިމީހާ މިއުލެނީ މާލޭ މީހަކަށް ހިޔާ ފުލެޓުން ދީފައިހުރި 2 ކޮޓަރީގެ އެޕާޓްމެންޓެއް 18 ހާސް ރުފިޔާ އަށް ކުއްޔަށް ނަގައިގެން. އެކަމަކު މިތަން ލިބުނު މީހާ ސަރުކާރަށް އެންމެ ފައިސާ ފޮއްޗެއްވެސް ނުދައްކާ. މިއީ އިންސާފުތޯ؟ އަހަރެން ރައްޖެތެރޭ މީހެކޭ ކިޔާފައި ސަރުކާރުން އަހަރެންނަކަށް ފުލެޓެއް ނުދިން. އެކަމަކު މުޅި އުމުރު މިދަނީ މާލޭގައި.
ހަސީނާ.
30 July 2025
ފުލެޓަށް މަހުން މަހަށް ފައިސާ ނުދައްކާނަމަ 3 މަސް ކީއްކުރަން އެންމެ ދުވަހަކަށްވެސް ބައިތިއްބާކަށް ނުޖެހޭނެ. އެފަދަ ފުލެޓްތަކުގެ އެއްބަސްވުން އުފާވާލައި ފައިސާ ދައްކާ އެހެން ބަޔަކަށް ފުލެޓް ތައް ދޭންވީ. މިހާރު ހަދާ އެއްބަސްވުން ވަރަށް ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
30 July 2025
ކ.މާލޭމީހުނަށް ދޫކޮށްފައިވާ ސޯޝަލް ހައުސިންގ ފުލެޓްތަކަށް މަހުންމަހަށް އެޗްޑީސީ އަށް ދައްކާންޖެހޭ ފައިސާ ނުދެއްކިކަމަށްވިޔަސް އެތަންތަން ލިބުނު މާލޭގެ ގިނަމީހުން ވަނީ އެމީހުނަށްދިން ފުލެޓް 15 ވަރަކަށް ހާސް ރުފިޔާއަށް އެހެންފަރާތަކަށް ކުއްޔަށްދީފައި. މާލޭސަރުކާރަށާއި އެޗްޑީސީ އަށް ވެސް މިކަން ވަރަށް ރަނގަޅަށް އިގޭ. މާލޭ މީހުންގެ ނުބައި ކަމުން މިތަންތަނަށް އިންސްޓޯލްމަންޓް ފައިސާ ނުދައްކާތީ މިހާތު ޗައިނާ ފަދަ ތަންތަނުން ލޯނު ލިބޭނެ ގޮތެއްވެސް ނެތް.
އެހެނަސް
30 July 2025
އެހެންވެ އެމްޑީޕީން ހިޔާ ފްލެޓްގެ ފިނިޝިން ވެސް ނުނިންމާދިނީ އެނެތިއްޔޭ ކިޔާފަ
ވާހީދާ
30 July 2025
ތިތާކައިރީ ހަދަންހުރި ސްކޫލާ މިސްކިތްތައްވެސް އެޑްކޮށްލީމަ އެޗްޑީސީ އަށް ފައިދާވާނީ. ޢަދި ބޮޑު ކަޓެއްނެގޭނީ. ޢެއަރޕޯޓުވެސް ފެނުނީ ކުއްލިތަކަށް ހުޅުވަންޖެހުނު ތަނެއްހެން
އަފްރާސިޔާބު
30 July 2025
އައު އެއްބަސްވުމުގެ ދަށުން ތިން ކޮޓަރީގެ ފްލެޓެއްގެ އަގަކީ 14500.00 (ސާދަހާސް ފަސްސަތޭކަ) ރުފިޔާ. އެއީ ސެކިއުރިޓީ ޑިޕޮޒިޓް 25000 ނުލައި. ކުލި 9000.00 ރުފިޔާ + ސަބްސިޑީ 4000.00 ރުފިޔާ+ މެއިންޓެނަންސް ފީ 1500.00 = 14،500.00ރ. ސަބްސިޑީއަކީ ސަރުކާރުން ދައްކާއެއްޗެއް އެމީހަކު ކޮންމެ މަހެއްގެ 10 ގެކުރިން އަގު އަދާކޮށްފިނަމަ. ދެން އޮތީ އެއްބަސްވުން ކޮންމެ ވަގުތެއްގައިވެސް ކުއްޔަށްދިން ފަރާތަށް އުވާލުމުގެ ބާރު އެގްރިމެންޓްގައި ހިމަނާފައި އޮތުން.
ނައީމް.
30 July 2025
ފުލެޓަށް އެދި ހުށަހަލާ ފޯމަށް ދިނީ ދޮގު މައުލޫމާތު ކަމަށް ނުވާނަމަ ފުލެޓަށް ދައްކަންޖެހޭ ފައިސާ ކޮންމެ މަހެއްގެ 10 ދެ ކުރިން ދެއްކޭނެ. 3 ކޮތަރީގެ ތަނެއް 10500 އަށް އެއީ މާލޭގެ އަގުތަކަށް ބަލާއިރު ވަރަށް ރަނގަޅު ކުޑަ އަގެއް. ލާރި ނުދައްކަން ދުނިޔޭގެ ދެކޮޅު ނުދައްކަބަލަ.
ވަދީއު
30 July 2025
އެމްޑީޕީ ވެރިކަމުގަ އެއްވެސް މަސަކަތެއް ހަމަޔަކަށް ނުކުރޭ، އަބަދުވެސް ކޮންމެވެސް މަސަކަތެއްގަ މައްސަލަ ޖެހިފަ. އަމިއްލަ މީހުންނަށް ލާރި ދޭންވެގެން ހިންގިހާ ޖަރީމާތައް ވީމަ ވާނެ ހައެތި މިވަނީ
އައްބެ
30 July 2025
އުނިކޮށްފައި އެއްބަސްވުން ހެދީމައި އުނިކުރިއެއްޗެއް އެއްބަސްވުމަކު ނޯންނާނެދޯ