ގދ އަތޮޅުގެ ފަޅުރަށެއް. ފަޅު ރަށް އަދި ފަޅެއް ޓޫރިޒަމަށް ދޫކުރުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ގާނޫނަށް ވަނީ އިސްލާހެއް ހުށަހަޅާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
11 މާޗް 2025 - 12:11
މީހުން ދިރިއުޅޭ ރަށްރަށުގެ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސުގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ބޭނުންކުރަން ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒެވެ.
ޓޫރިޒަމާބެހޭ ގާނޫނު މިހާރު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށާއި ސިޓީތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކުގެ ޓޫރިޒަމް ޕްލޭން ހަދައި، އެތަންތަން ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު އޮންނަނީ ކައުންސިލްތަކަށެވެ.
ނަމަވެސް ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ރަށްރަށުގެ ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ފަޅުތަކާއި ފަޅު ރަށްތަކުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދޫކުރެވޭ ތަންތަން ކަނޑައެޅުމުގެ ބާރު އޮންނާނީ ރައީސަށެވެ.
އެ ބިލްގައި ހިމެނޭ ދެވަނަ އިސްލާހަކީ ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ރަށެއް ނުވަތަ ފަޅެއް 50 އަހަރަށް ދިނުމަށް ފަހު، އެ އިސްލާހަށް އަމަލު ކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި އެތަނުގެ މުއްދަތު އިތުރު 49 އަހަރަށް އިތުރުކުރާ ނަމަ، އެއް ފަހަރާ ފަސް މިލިއަން ޑޮލަރު ދައްކަން ޖެހުމެވެ. އަދި އެ މުއްދަތު 20 އަހަރަށް އިތުރުކުރާ ނަމަ 2.5 މިލިއަން ޑޮލަރު އަދި 25 އަހަރަށް މުއްދަތު އިތުރުކުރާ ނަމަ ތިން މިލިއަން ޑޮލަރު އެއް ފަހަރާ ދައްކަން ޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ނަމަވެސް އެ އިސްލާހަށް އަމަލުކުރަން ފަށާތާ ހަ މަސް ފަހުން 49 އަހަރަށް މުއްދަތު އިތުރު ކުރެވޭނީ ފީއެއްގެ ގޮތުގައި އެއްފަހަރާ 10 މިލިއަން ޑޮލަރު ދައްކައިގެން ކަމަށް އެ އިސްލާހުގައިވެ އެވެ.
ކުރިން ގާނޫނުގައިވާ ގޮތުން، ރިސޯޓުތަކުގެ މުއްދަތު އިތުރުކުރަން ދައްކަން ޖެހޭ ފީއެއްގެ ގޮތުގައި މުއްދަތު އިތުރުކުރާ ކޮންމެ އަހަރަކަށް ދައްކަން ޖެހެނީ އެއް ލައްކަ ޑޮލަރެވެ. އަދި އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެ އެވެ. އަދި ހަ މަހަށް ވުރެ ދިގު މުއްދަތަކުން އެ ފައިސާ ދައްކާނަމަ، ކޮންމެ އަހަރަކަށް ދެ ލައްކަ ޑޮލަރުގެ ރޭޓުން ފީއެއް ދައްކަން ޖެހެ އެވެ.
ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ރީ ޑިވަލޮޕް ކުރުމުގައި އަމަލު ކުރަން ޖެހޭ ގޮތަށް ހުށަހެޅި އިސްލާހެވެ. އެ އިސްލާހުގައިވާ ގޮތުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ތަނެއް އަލުން މަރާމާތު ކުރަންވާނީ އެގްރީމެންޓަށް ބަދަލުތަކެއް ގެނެސްގެން ޓޫރިޒަމް މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެތަނެއް ނުހުޅުވައިފިނަމަ، އެ އެގްރީމެންޓް ބާތިލް ކުރުމުގެ ބާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައޫފްް
12 March 2025
ދެން އެމްޑީޕީއިން ސިފަކުރާނެ ލާމަރުކަޒީ ނިޒާމް ފުނޑާލަނީޔޭ. ބަލަ ކަލޭމެންނަށޭ ނުވީ. ނުވީމަ އަހަރެމެންގެ ރައީސް މި ކުރަނީ. ރައްޔިތުން ހެޕީ
ލުބުނާާ
12 March 2025
ރައީސުލްޖުމޫހުރިއްޔާއަށް ފުރިހަމަޔަށް އިތުބާރު އެބައިން މިކަންކަން އެންމެ އެކަށޭނެގޮތަކަށް އިންތިޒާމްވެގެން ގެންދެވޭނީ މިބާރުތަށް ރައީސްއަށް ދީގެން.
ރައްޔިތުން ކޮބާ
12 March 2025
ކައުންސިލްތަކަށް އެއްވެސް ތަނެއްދިނުމުގެ މާނައެއްނެތް. އައްޑޫގައި އޮތީ ބިންތަކާކުޅެ ހިތުހުރިގޮތަކަށް އައްޑޫގެ ބިންތަށް މޭޔަރުންގެ ބޭނުމަށް ބޭނުންކުރުން. ރައްޔިތުންނަށް ވާ ފައިދާއެއްނެތް.
މާކުންބެގެ ބޮޑިބަތް ތެލި
12 March 2025
އެކަނި ޑީލުހަދާ އަދި ސިއްރު ސިންރުން އެކަނި ކާލީމައި ފަޅާނާރާނެ . ރަށް ވިއްކާލި އަސްލު އަގެއް ވެސް ރައްޔިތު މީހާއަކަށް ނޭގޭނެ.
ނިންމާނިންމާ
11 March 2025
ކައުންސިލަރުންނަކީ އެއީ ރައްޔިތުންގެ ވަރަށް ކުޑަ ކުޑަ ފްރެކްޝަން އަކުން ހޮވިގެން އައިސްތިބޭ ބަޔެކޭ އެމެންނަށް މާލީ ގޮތުން ވެސް އަދި އިދާރީ ގޮތުން ވެސް މާބޮޑެތި ބާރުތަކެއް ދީގެން ނުވާނެއޭ މާލޭ ސަރުކާރުގެ އަތުގައި ހުރިހާ ބާރެއް އޮންނަން ޖެހޭނީ މީ ޔުނިޓަރީ ދައުލަތެކޭ ރާއްޖޭގެ ހުރިހާ ތަނެއް ކޮމާރޝަލް ވެސް އަދި ޓޫރިޒަމް ބޭނުމަށް ވެސް ދެވޭނީ ރައީސް މީހާގެ ސޮއި އޮންނަ ހުއްދަ އެއް ލިޔުމަކުން ލިބި އިއުލާން ކުރުމަށް ފަހުއޭ މިކަން މިގޮތަށް ނިންމާށޭ
މާޝް ހަމީދު
11 March 2025
މި ނިންމުގަ ހުރީ ޕޮސިޓިވް ކަންކަން. ސަބަބަކީ އަހަންކަށް ނުފެނޭ ކައުންސިލުން އިންވެސްޓަރުން ހޯދާނެ ގޮތެއް. ރައީސް މީހާއަށް އިނގޭނެ
މުހައްމަދު މަސްއޫދު
11 March 2025
މި ނިންމުމުގެ ސަބަބުން ހަމަ ޔަގީނުންވެސް ރަށްތައް ތަރައްގީ ކުރުން އަވަސް ވާނެ. މީހުންވެސް ލިބޭނެ
މޫސާ ޔައިޝް
11 March 2025
ކުރިންވެސް މަ ކިޔަމުން އަންނަ އެއްޗަކީ މިއީ. މިކަން އޮންނަންވާނީ ކައުންސިލްގެ ދަށުގަނޫނޭ ސީދާ ރައީސް އަތުގައޭ. އިންވެސްޓަރުން ހޯދަންވެސް އަދި އިންވެސްޓަރުން އަންނާނީވެސް ރައީސް އަރިހަށް
ސިއްބަތް އަޒީޒް
11 March 2025
ރަނގަޅު ނިންމުމެއް. ކައުންސިލްތަކުގަ މިކަހަލަ ރަށް ދިނުމުގެ ނޮލެޖްވެސް ނުހުންނާނެ
މުހައްމަދު ހަލީމް
11 March 2025
މަގޭ ނަޒަރުގައި މިއީ ވަރަށް މުހިއްމު އިސްލާހެއް. މީގެ ސަބަބުން ޕްރޮސެސް އަވަސްވާނެ