އެފްއޭއެމްގެ އަހަރީ ކޮންގްރެސްއެއްގައި ބައިވެރިވި ބައެއް މެމްބަރު ކްލަބްތަކުން ވޯޓް ދެނީ: އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރުމާ ގުޅޭ ގޮތުން އަންނަ އާދިއްތަ ދުވަހު ކޮންފަރެންސެއް ބާއްވަން ވަނީ ހަމަޖައްސާފަ --. ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
13 މާޗް 2025 - 10:46
އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތުގައި ކްލަބްތަކާ އެކު މަޝްވަރާކޮށް ހިޔާލު ބަދަލުކުރަން ކޮންފަރެންސެއް ބާއްވަން ފީފާއިން ތައްޔާރުވެއްޖެ އެވެ.
އަންނަ އާދިއްތަ ދުވަހު ބައްވާ ކޮންފަރެންސްގެ ދައުވަތު ކްލަބްތަކަށް ވެސް އެފްއޭއެމް މެދުވެރިކޮށް ފީފާއިން މިހާރު ވަނީ ފޮނުވައިފަ އެވެ.
ހެންވޭރު މީރުމާ ހޮޓެލްގައި ބާއްވާ ކޮންފަރެންސްގައި ބައިވެރިވުމުގެ އެއްވެސް ހައިސިއްޔަތެއް ސަރުކާރަށް ނުދޭން ފީފާގެ މަންދޫބުން ނިންމާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ފީފާގެ މަންދޫބުން ޓީމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ފީފާގެ މެންބަރު އެސޯސިއޭޝަން ޑިޕާޓްމެންޓްގެ ސީނިއާ ގަވަނެންސް މެނޭޖަރު އަހްމަދު ހައްރާޒު އެވެ.
އޭނާގެ މަގާމުގެ މަސްލަހަތު ބޭނުންކޮށްގެން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ނިންމުންތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ހައްރާޒުގެ މައްޗަށް އޮތީ ކުރެވިފަ އެވެ. އެފްއޭއެމްގެ ޖެނަރަލް ސެކްރެޓަރީކަމަށް މީހުން އައްޔަން ކުރުމުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮންނަ ހައިސިއްޔަތައް އޭނާ ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަމުގެ ތުހުމަތުތައް އޭނާގެ މައްޗަށް ކުރެވެ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބަހެއް ހޯދަން "މިހާރު" އިން އޭނާގެ ރަސްމީ އީމެއިލް އަށް މިދިޔަ މަހު ފޮނުވި ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެ އެވެ.
އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވެސް ފީފާގެ އިސް މަންދޫބެއްގެ ގޮތުގައި އޭނާ ބައިވެރިވާނެ އެވެ.
މި ފަހަރުގެ ކޮންގްރެސްއަކީ، އެފްއޭއެމްގެ ހިންގުން ނޯމަލައިޒޭޝަން ކޮމީޓިއަކާ ހަވާލު ކުރި ފަހުން އެ ކޮމިޓީގެ ބެލުމުގެ ދަށުން ބާއްވާ ފުރަތަމަ ކޮންގްރެސް އެވެ. ކޮންގްރެސްގެ ރިޔާސަތު ބަލަހައްޓަވާނީ ނޯމަލައިޒޭޝަން ކޮމިޓީގެ މިހާރުގެ ޗެއާމަން އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒެވެ.
ކޮންގްރެސްގެ އެޖެންޑާގައި ވަނީ ފިޔަވަޅު އަޅާ ކޮމިޓީ އާއި އިސްތިއުނާފް ކޮމިޓީ އަދި އެތިކްސް ކޮމިޓީ ހޮވަން ހިމަނައިފަ އެވެ. ދެން އެޖެންޑާގައި އޮތީ މިދިޔަ ދެ އަހަރުގެ އެފްއޭއެމްގެ މުއާމަލާތްތައް އޮޑިޓް ކުރާނެ އޮޑިޓް ފާމެއް ކަނޑައެޅުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy