އީދު ބަންދާ ގުޅިގެން އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހު ވެސް ސަރުކާރު ބަންދުވާނެ.
މިދިޔަ އަހަރުގެ ފިތުރު އީދު ދުވަސް ކުލަގަދަކޮށް ފާހަގަކުރަން މާލޭގައި ބޭއްވި ބޮޑުމަސް ދުއްވުމާއި މާލި ޕެރޭޑްގައި ބޮޑު މަސް ބޭނުމުގެ ހަރަކާތް ކުރިއަށް ގެންދަނީ.--- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު
14 މާޗް 2025 - 17:40
މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅިގެން އެ ހަފުތާ އެއްކޮށް ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.
އެ ގޮތަށް ހަމަޖެހުނީ ފިތުރު އީދު ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 31 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ޖެހިގެން އަންނަ އޭޕްރީލް މަހުގެ 1،2 އަދި 3 ވަނަ ދުވަހު ވެސް ސަރުކާރު ބަންދު ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑަައެޅުއްވުމުންނެވެ.
ރައީސް ނިންމެވި ގޮތުން ނަމަ މި މަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ރޭ ޝައްވާލް މަހުގެ ހަނދު ސާބިތުވެ، މި މަހުގެ 30 ވާ އާދިއްތަ ދުވަހަކީ ޝައްވާލް މަހުގެ 1 ވަނަ ދުވަސް ކަމަށް މިނިސްޓްރީން ކަނޑައަޅައިފި ނަމަ ފިތުރު އީދުގެ ބަންދު ދުވަސްތައް މާޗު 31 އިން ފެށިގެން އޭޕްރީލް 3 ވާ ބުރާސްފަތި ދުވަހާ ހަމައަށް ލިބޭނެ އެވެ. އޭގެ ފަހުން ހުކު ދުވަހާއި ހޮނިހިރު ދުވަހަކީ ހަފުތާ ބަންދު ކަމަށް ވާތީ ދެން ސަރުކާރު ހުޅުވޭނީ ހަފުތާއެއްހާ ދުވަހުގެ ބޮޑު ބަންދަކަށް ފަހު އޭޕްރީލް 6 ގަ އެވެ.
ކަލަންޑަރުގައި މިހާރު ކަނޑައަޅާފައިވާ ގޮތުން ނަމަ އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް ބަންދެއް ނޫނެވެ. އެކަމަކު، ރައީސް ނިންމެވި ގޮތުން ނަމަ މި މަހުގެ 30 ނުވަތަ 31 އަކީ އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައެޅިޔަސް އޭޕްރީލް 3 ވާ ބުރާސްފަތި ދުވަސް ބަންދުވާނެ އެވެ.
"މިގޮތަށް މި ހަމަޖެއްސެވީ، ފިތުރު އީދުގެ ބަންދާ ގުޅިގެން، އާއިލާއާއެކު ވީހާ ވެސް ގިނަ ދުވަސްތަކެއް އެކުގައި ހޭދަކުރުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، މެދުނުކެނޑޭގޮތަށް ބަންދު ދުވަސްތައް މުވައްޒަފުންނަށް ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ފިތުރު އީދާ ގުޅިގެން ބޮޑު ބަންދެއް ލިބޭއިރު، މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވެސް ސަރުކާރު ބަންދުވާނެ އެވެ. އެއީ ކޮންމެ ރޯދަމަހެއްގެ ފަހު 10 ބަންދުކުރަން ރައީސް މުއިއްޒު ނިންމަވާފައިވާތީ އެވެ.
އެހެންވެ، ރޯދަމަހުގެ ފަހު 10 އާއި ކުޑައީދު ބަންދު ދުވަސްތަކާ އެކު 15 ދުވަހަށް ސަރުކާރު ބަންދުވާނެ އެވެ.
ރޯދަމަހުގެ ފަހު 10 ގައި ސަރުކާރު ބަންދުކުރަން ރައީސް ނިންމެވީ، އިސްލާމީ އުސޫލުތައް ގާއިމު ކުރެއްވުމަށާއި ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
"ރަމަޟާންމަހުގެ ފަހު ދިހައަކާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދެއްވުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސެވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމުގައި ވަނީ އަންގަވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ބިން ރަފައިދާ
14 March 2025
ބައެއްމީހުން އެބަކިޔަ އާއިލާގޮވައިގެން ސީދާ ބޭރަށޭ ދާނީ. ސުވާލަކީ މީތޯ ބަންދުނުމުގެ މަގުސަދަކީ؟
ސަރކައިޒަމް
14 March 2025
މިވީހާ ޒަމާނެއް މިވީ ރޯދަމަހު އަހަރުމެން ދިވެހިންގެ ތެރެއިން ސަރުކާރުގެ މުވައްޒަފުންނާއި ވެރިންނަށް، ގުޅުން ބަދަހިކުރަން އަދި އަޅުކަންކުރަން ފުރުސަތު ނުލިބިއެވެ. ދުކްތޫރެއް ވެރިކަމެއް ގެނައީތީވެ މިވަރުވެސް މިވީ. ކުރިޔަށް ދިވެހި ގައުމު.
ހަސަންބެއްޔާ
14 March 2025
މިއީ ސިޔާސީގޮތުން ކުޅޭ ކުޅިވަރެކެވެ. ދީނުގައި ހަމަ ހަގީގަތުގައިވެސް އޮންނަނީ ރޯދައަށް ހުންނަކަމުގައި ވަނީނަމަ ކާންބޯން މަސައްކަތް ނުކޮށްތިބުންތަ؟ އެއީ ރޯދައިގެ އަޅުކަން އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރާގޮތްތަ؟ ރޯދަމަހު އަޅުކަމުގައި އުޅުމުގެ ފުރުސަތު ލިބުނީ މިއަދުތަ؟
މުރާސިލް
14 March 2025
މި ގޮތަށް ސަރުކާރު ބަންދުކުރާކަށް ނުޖެހެއެވެ. ޤައުމުގެ އިޤްތިސާދު އިނދަޖެހި މުޅި ދަޢުލަތް ދަރަނިވެރިވެ، ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށް ސަރުކާރުންދޭ ޖެހޭ ފައިސާ ނުދީ، 15 ދުވަހަށް ސަރުކާރު ބަންދުކޮށްގެން ތިބުމުގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބޭނެ ގެއްލުމާއި ދޭތެރޭ ސަރުކާރުން އެއްގޮތަކަށްވެސް ނުވިސްނައެވެ. ސަރުކާރުން ދައްކާ ވާހަކައާއި އަމަލާއި ދިމާވާން ޖެހެއެވެ. ސަރުކާރު ބަންދު ނުކުރިއަސް ރަމަޟާންމަހު އަޅުކަން ކުރެވޭނެއެވެ.
ދަރި
14 March 2025
އެއަރޕޯޓް އިދާރީ މުވައްޒިފުން އިސްތިސްނާ ވެއްޖެ! ޓާމިނަލް ހުޅުވަނީ އިދާރީ މުވައްޒަފުން ލައްވާ މަސައްކަތް ކޮށްގެންބާ?
އަމީތާބު
14 March 2025
ބަލަ ކަލޭމެންގެ މުސާރަ ބޮޑުވާނެ އެހެން އެންމެންގެ މުސާރައަށްވުރެއް. އަހަރީ ބޮޑު ބޯނަހެއް އޮންނާނީ. އެހެންވީމާ ކަލޭމެންނާ އެހެންމީހުންނާ އެއްވަރުކުރާނީ ކިހިނެއް.
ޙަސް
14 March 2025
މި ނޫނީ މުދައްރިސުންނަށް ހަމަ ނޭވަިލައިގެނ ރަމްޟާން މަހެއްގެ ރޭ އޅުކަން ކޮއްލަން ނުލިބޭ. ޝުކުރިއްޔާ ރައީސް.
ތަޖޫ
14 March 2025
އަހުމަދިއްޔާ ކުދިންނަށްވެސް މިބަންދު ލިބޭނެތޯ؟
ތަޖޫގެބޭބެ
14 March 2025
ބަންދުވިޔަސް، ނުވިޔަސް ކިޔަވާނެ ކަމެއް ނެތް. ކީއްކުރަން ކިޔަވަނީ؟ ކިޔަވައިގެންވާ ފައިދާއެއް ނެތް. އަމިއްލައަށް ބަންދު ކަމަށް ނިންމާ.
އ
14 March 2025
ބަލަ އާއިލާ ގޮވައިގެން ބޭރައް ކަޑާކައް ނޫން ބަންދުކުރީއަކީ... އިސްލާހުވެ އަޅުކަން ކުރުމައް ފުރުސަތު ދިނުމުގެ ގޮތުން... އަދިވެސް ވިސްނުން ތިހިރީ ބެންކޮކައް ދާންތަ??
އަސްލު.....
14 March 2025
ކުޅޭކުޅޭ ގައުމެއް ކޮންކަހަލަ ބައެއްތަ އަހަރުގެ 11 މަސް ޗުއްޓީހަދަންވީނުން.... ބޮޑު އަކަށް ވެއްޖެ.
އިބްރޭސް
14 March 2025
ކަންނެތްޖީލެއް ބިނާކުރުމުގައި އަވަދިނެތި. ސަރުކާރުގެ ހަރަދުތައް ކޮންޓްރޯލްކުރަން މީހުން ވަކިކޮށް މުސާރަ ކުޑަނުކުރެވޭއިރު، މުސާރަ ހިނގާނޭ ގޮތައް މިކަހަލަ ބޭކާރު ބަންދުދުވަސް ދެނީ. މީ ދުނިޔޭގެ ކޮން ގައުމެއްގައި ކަންކުރާ އުސޫލެއްތޯ؟ އަހަރުމެންގެ ސޭކުސްތާނުގައި އެކަނި ދޯ؟
ބިއްލެ
14 March 2025
ބްރޯ. ކޮންޓްރޯލް ބައި އޭއައި. ޑޯންޓް ވޮރީ.