ޑެލީ އަލީ (ކ) އަށް ރަތްކާޑް ދެއްކުމަށް ފަހު އޭނާ ދަނޑުން ފައިބައިގެން ދާން ރެފްރީ އިޝާރާތުން ދައްކަނީ
16 މާޗް 2025 - 11:14
އިނގިރޭސި މިޑްފީލްޑަރު ޑެލޭ އަލީ ދެ އަހަރަށް ފަހު ކުޅުނު ފުރަތަމަ މެޗުގައި ކުޅެން ނުކުތްތާ 10 މިނެޓް ނުވަނީސް ރަތްކާޑް ދައްކައި ދަނޑުން ފޮނުވާލައިފި އެވެ.
އިޓާލިއަން ލީގުގައި ރޭ އަލީ ކުޅޭ ކޯމޯ އަތުން 2-1 އިން އޭސީ މިލާން މޮޅުވި މެޗުގައި އަލީ ކުޅެން އެރީ 81 ވަނަ މިނެޓުގަ އެވެ. އޭނާ އަށް އިތުރު ވަގުތުގެ ތެރޭގައި ރަތްކާޑެއް ދެއްކީ މިލާނުގެ އިނގިރޭސި މިޑްފީލްޑަރު ރުބެން ލޮފްޓަސް-ޗީކް އަށް ނުރައްކާތެރި ފައުލެއް ކުރުމުންނެވެ.
ރެފްރީ އެންމެ ފުރަތަމަ އޭނާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު ފަހުން ރަތެއް ކަމަށް ނިންމީ އެވެ.
ރުބެން ލޮފްޓަސް-ޗީކްގެ ފަހަތުން ޑެލީ އަލީ އޭނާ އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ
އަލީ އަށް ރަތްކާޑު ދެއްކިޔަނުދޭން މިލާނުގެ އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ ވެސް މަސައްކަތްކުރި އެވެ. އެއީ އޭނާ ކުޅެން ނުކުތީ އެހާ ގިނަ ދުވަހަށް ފަހު ކަމަށް ވާތީވެ އެވެ. އެ ދެ ކުޅުންތެރިންނަކީ ކުރިން ޓޮޓެންހަމް ހޮޓްސްޕާސް އަށް އެއްކޮށް ކުޅުނު ދެ ކުޅުންތެރިންނެވެ.
އަލީ މީގެ ކުރިން މެޗެއް ކުޅުނީ ފެބްރުއަރީ 2023 ގައި ތުރުކީގެ ބެސިކްޓަސްގައި އަނަޓާލިޔަސްޕޯއާ ދެކޮޅަށެވެ.
އޭގެ ފަހުން އަނިޔާ އާއި ޒާތީ ދިރިއުޅުމުގެ ބައެއް މައްސަލަތަކާ ހެދި އޭނާ ހުރީ ފުޓްބޯޅައާ ދުރުގަ އެވެ. މިދިޔަ ޖަނަވަރީ މަހު ކޯމޯ އަށް އޭނާ ގެންދަން އެ ޓީމުގެ ކޯޗު ސެސް ފެބްރިގާސް ނިންމީ ފްރީ ޓްރާންސްފާގައި ހުރުމުންނެވެ. އުމުރުން 28 އަހަރުގެ ކުޅުންތެރިޔާގެ ތަޖުރިބާ އެ ޓީމަށް މުހިންމު ވާނެ ކަމަށް ވެސް ފެބްރިގާސް އޭރު ބުންޏެވެ.
ކޯމޯގެ ޖޯޒީގައި ޑެލީ އަލީ (ވ) ކުޅުން ނުކުންނަން ތައްޔާރު ވެގެން
މިލާންގެ އަމިއްލަ ދަނޑު ސެންސީރޯގައި ކުޅުނު މެޗުގައި ކޯމޯ އަށް މެޗުގެ ފުރަތަމަ ލީޑް ނަގައި ދިނީ ލޫކަސް ޑަ ކޫނާ އެވެ.
ފުރަތަމަ ހާފުގައި ކޯމޯ ލީޑްގައި އޮވެގެން ނިންމާލި އެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ކްރިސްޓިއަން ޕުލިސިކް މިލާނަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު 75 ވަނަ މިނެޓްގައި ޖެހީ ޓިއާނީ ރެއިންޑާސް އެވެ.
މިލާން އޮތީ ސެރީ އާ ގެ ތާވަލުގެ ހަތް ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ވާދަވެރި އިންޓަ މިލާނެވެ. ކޯމޯ އޮތީ 13 ވަނައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy