ރޭ ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އިންޖީނުގެ ހުޅުވައިދެއްވަނީ--
16 މާޗް 2025 - 12:20
މި އަހަރުގެ ޕީކް ސީޒަނާ ދިމާކޮށް މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށް، ހުޅުމާލޭގައި ސްޓެލްކޯ އިން ގާއިމުކުރި ބެކަޕް އިންޖީނުގެ ހުޅުވައިފި އެވެ.
ހުޅުމާލެ 2 ގައި ރޭ، އެނެކްސް- 2 ހުޅުވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެވެ.
ބެކަޕް އިންޖީނުގެ 48،000 އަކަފޫޓުގެ ބިމެއްގައި ހަދައި ހުޅުވާފައި ވަނީ ސްޓެލްކޯ މުވައްޒަފުން ނުވަ ދުވަސް ތެރޭގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ފަހުމީ ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ދިނުމުގެ މަތިވެރި ރޫހާ އެކު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުން ނިންމާލީ ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.
"ރޯދަ މަހުގައި ވެސް އަތްވާއި ވާރެއަށް ބެލުމެއްނެތި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ހައްގުގައި. އެކަމަށްޓަކައި މުވައްޒަފުންނަށް ވެސް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. މީގެ އިތުރުން ސްޓެލްކޯއިން އަތޮޅުތެރޭގައި ހިދުމަތްދޭ 33 ރަށުގައި ވެސް ރޯދަމަހާއި ޕީކް ސީޒަނަށް ތައްޔާރުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް މުވައްޒަފުން ކޮށްފައިވޭ. އެ މުވައްޒަފުންނަށް ވެސް ޝުކުރު ދަންނަވަން،" ފަހުމީ ވިދާޅުވި އެވެ.
ރޭ އިންޖީނުގެ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވާހަކަ ދައްކަވަނީ.
ފަހުމީ ވިދާޅުވީ ރޯދަ މަހުގެ ފަހު 10 ސަރުކާރު ބަންދުކުރުމާއި އަދި ސްކޫލް ޗުއްޓީއާ ދިމާވުމުން އެހެން އަހަރުތަކާ އަޅާބަލާ އިރު މި އަހަރުގެ ރޯދަ މަހު، ކަރަންޓު ކެޕޭސިޓީ މައްޗަށްދާ މިންވަރު އިތުރުވާނެ ކަމަށް ލަފާ ނުކުރެވޭކަމަށެވެ.
ނަމަވެސް ރޯދަ މަހަށް ފަހު އަންނަނީ ހޫނު މޫސުމުގެ ކަރަންޓު ޕީކްވާނެ ދުވަސްވަރު ކަމަށް ބެލެވޭތީ އެ ކުންފުނިން ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯއިން ބުނީ މި ހިދުމަތަކީ ޓެކްނިކަލް ހިދުމަތަކަށްވުމުން، އިންޖީނަކަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮތް ނަމަވެސް އެފަދަ ހާލަތެއްގައި ވެސް ވީއެންމެ އަވަހަކަށް އަލުން ހިދުމަތްދޭން ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށެވެ.
ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމުކުރި އެނެކްސް 2 އިންޖީނުގޭގައި 1.6 މެގަވޮޓްގެ 12 ޖަނަރޭޓަރު ސެޓު ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އޭ ގެތެރެއިން ހަތް ޖަނަރޭޓަރު ސެޓު މިހާރު ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައި ވާއިރު، ބާކީ އަނެއް ފަސް ޖަނަރޭޓަރު ސެޓު ރޯދަ މަހުގެ ތެރޭގައި ގެނެސް ރޯދަ ނިމުމުގެ ކުރިން ކޮމިޝަންކޮށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ފަހުމީ ވަނީ އެ އިންޖީނުގޭގެ މަސައްކަތް ފެށި ހިސާބުން، އިންޖީނުތައް ގެނައުމާ ހަމައަށް މަސައްކަތް ކުރިއަށް ދިޔަ ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވަމުން ގެންދެވިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމިއްޓޭ
16 March 2025
އަޅާ ހީކުރީ ފަހުމީކައިރީގައި ހުންނެވީ ރައީސް މުއިއްޒުކަމަށް.
އޮނަރަބްލް އަފީފު ދީދީ
16 March 2025
މާތްވެގެންވާ މުޤައްދަސް ރަށްކޮޅުގެ މީހުނަށް "އިތުރަށް ކަރަންޓްބޭނުން ވެދާނެކަމަށްހީވާތީ" 1.6 މެގަވޮޓްގެ 12 އިންޖީނުގެތެރެއިން 7 އިންޖީނު 9 ދުވަސްތެރޭ ބަހައްޓައިފި. ކ.މާލެފިޔަވާ އެންމެގިނަމީހުން ދިރިއުޅޭ އައްޑޫސިޓީގެ ރައްޔިތުން ކަރަންޓަށް ޖެހި ދޮޅުގަނޑިން ދޮޅުގަނޑިން ކަރަންޓް ކެޑޭތާ 15 އަހަރުވީއިރުވެސް މާލޭސަރުކާރަށް އައްޑޫގެ ކަރަންޓްގެ މައްސަލަ ހައްލު ކުރެވޭކަމަކަށް ނުވި. އައްޑުއަކީވެސް ކަރަންޓް ވިއްކައިގެން FENAKA އަށް ބޮޑު ފައިދާ ލިބޭ ތަނެއް.
އޮނަރަބްލް އަފީފު ދީދީ
16 March 2025
މިސަރުކާރުގައި އެންމެރަނގަޅަށް ހިންގާ އެއް ކުންފުންޏަކީ STELCO ކަމަށް ބުނެވިދާނެ. އެހެން ކަމުން ޑރ މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އައްޑޫސިޓީ ފަދަ ރާއްޖޭގެ ބޮޑެތި އާބާދީގައިހުރި ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށްޓަކާ ރާއްޖޭގެ ކަރަންޓްގެ ހިދުމަތް ދިނުމުގައި STELCO އާއި FENAKA ކުންފުނީގެ ޙިއްސާ ބާއްވަންވީގޮތާއި، ދައުލަތުން ކަރަންޓަށް ސަބްސިޑައިޒްކުރުން ފަދަ ކަންކަން މުރާޖާކޮށް ކަރަންޓާއި ބެހޭ ޤައުމީ ޕްލޭނެއް އެކުލަވާލުން ވަރަށް މުހިންމު.
އޮނަރަބްލް އަފީފު ދީދީ
16 March 2025
ރާއްޖޭގެ ބައިނަލް އަޤުވާމީ 3 އެއަރޕޯޓް ހިމެނޭގޮތަށް ކ.މާލެ ސަރަޙައްދާއި، ކުޅުދުއްފުށި، ހަނިމާދޫ، ލ.އަތޮޅު ގުޅިފައިވާ ރަށް ތަކާއި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓީގެ ކަރަންޓާއި ސޯލަރ ހަރުކޮށްދިނުމަކީ ސްޓެލްކޯގެ މަސްއޫލިއްޔަތެއް ކަމަށް ކަޑައަޅާފައި ސްޓެލްކޯއިން ހިދުމަތްދޭ ސަރަޙައްދުތަކަށް ދައުލަތުން ސަބްސިޑައިޒް ކުރުން ހުއްޓާލާފައި، އަގުހެޔޮކޮށް ކަރަންޓްގެ ހިދުމަތް ހޯދަން ބޭނުންވާ ގޭބިސީތަކަށް އިންސްޓޯލްމަންޓް އުސޫލުން ސޯލަރ ބަހައްޓާ ދޭންވީ.
އޮނަރަބްލް އަފީފު ދީދީ
16 March 2025
މަތީގައިދެންނެވި ސިޓީތަކާއި، ހަނިމާދުއާއި ލ.ގުޅިފައިރަށްތަކަށް ކަރަންޓްގެހިދުމަތްދިނުން State Electric Company ގެ ދަށަށް ބަދަލުކޮށް ވިޔަފާރީގެ އުސޫލުން ކުންފުނި ހިންގާން ފެއްޓުމުން ދައުލަތަށް ބުރައަކަށްނުވާގޮތަށް ރާއްޖޭގެ ބޮޑެތި ސިޓީތަކަށް ބަރާބަރަށް ކަރަންޓްދެވޭނެ. އަދި FENAKA އިން ކަރަންޓްދޭ ކުދިކުދިރަށްރަށުގެ ގޭބިސީތަކަށް ދައުލަތުން ސަބްސިޑައިޒްކޮށްގެން އަގުހެޔޮކޮށް އެމީހުނަށް ކަރަންޓްދެވިދާނެ. މިފަދަ ދެމެހެއްޓެނިވިގޮތެއް މިކަމަށް ހޯދަންޖެހޭ.