ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން: ޔުކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ލަޑީމިއާ ޕުޓިންއާ ވަރަށް އަވަހަށް މަޝްވަރާކުރައްވާނެ ކަމަށް ބެލެވޭ. -- ފޮޓޯ: އޭއެފްޕީ
17 މާޗް 2025 - 04:56
ރަޝިޔާ އާއި ޔުކްރެއިންނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް އާއި ރަޝިޔާގެ ރައީސް ލަޑީމިއާ ޕުޓިން މި ހަފްތާގައި މަޝްވަރާކުރައްވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެ އެވެ.
ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަސައްކަތުގައި އެމެރިކާ އިސްވެ ސައޫދީ އަރަބިއްޔާގައި ބޭއްވި މަޝްވަރާގައި ޔުކްރެއިނުން މިހާރުވެސް ވަނީ އެއް މަސް ދުވަހަށް ހަމަލާތައް މެދުކަނޑާލައި ސުލްހައިގެ ވާހަކަތައް ފަށަން އެއްބަސްވެފަ އެވެ. އެކަމަކު ރަޝިޔާއިން އަދި އެކަމުގައި ޖަވާބެއް ނުދެ އެވެ.
ހަމަލާތައް މެދުކަނޑާލުމުގެ ހުށަހެޅުމަށް ޕުޓިން ސާފު ޖަވާބެއް ނުދެއްވައި، އެ ހުށަހެޅުމުގައިވާ ޝަރުތުތަކާ މެދު ވަނީ ގިނަ ސުވާލުތަކެއް އުފައްދަވައިފަ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޕުޓިންއާ އެތައް ގަޑިއިރެއްގެ ބައްދަލުވުމެއް ބޭއްވެވި ޓްރަމްޕްގެ މަންދޫބު ސްޓީވް ވިޓްކޯފް ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "މި ހަފުތާގައި ދެ ރައީސުން ހަގީގަތުގައި ވެސް ރަނގަޅު އަދި ރަނގަޅު މަޝްވަރާއެއް ކުރައްވާނެ ކަމަށް އުންމީދުކުރެވޭ" ކަމަށެވެ.
މީގެ ކުރިން ރަޝިޔާއިން ބުނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގެއި ލަވްރޯވްއަށް ފޯނުން ގުޅުއްވާފައިވާ ކަމަށާއި މިދިޔަ މަހު ސައުދީ އަރަބިއްޔާގައި ބޭއްވި އެމެރިކާ-ރަޝިއާ ސަމިޓްގައި ދެ ބޭފުޅުން ވަނީ "އެއްބަސްވުންތައް ހަރުދަނާ ގޮތެއްގައި ތަންފީޒު ކުރުމާ ގުޅޭ ގޮތުން" މަޝްވަރާ ކުރައްވާފައި ކަމަށެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހޮނިހިރު ދުވަހު ވަނީ ރަޝިޔާއިން ހަނގުރާމަ ނިމުމަކަށް ގެންނަން ބޭނުން ނުވާ ކަމަށް ތުހުމަތުކުރައްވައި، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމުގެ ކުރިން ރަޝިޔާއިން އެންމެ ފުރަތަމަ ބޭނުންވަނީ "ހަނގުރާމައިގެ މައިދާނުގައި އެމީހުންގެ ހާލަތު ރަނގަޅުކުރަން" ކަމަށް ވިދާޅުވެފަ އެވެ.
ފެބްރުއަރީ ސައޫދީގެ ރިޔާޟްގައި ބޭއްވި ބައްދަލުވުމަކީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރަޝިޔާއިން ޔުކްރެއިނަށް ހަމަލާދޭން ފެށި ފަހުން އެމެރިކާ އާއި ރަޝިއާއާ ދެމެދު ބޭއްވި މަތީ ފަންތީގެ ފުރަތަމަ ބައްދަލުވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމުގާ
17 March 2025
ޓުރަންޕަކީ ހާދަ ނުބައިމީހެކޭ. މިހަނގުރާމަ ހުއްޓުވާފާ ދެން އޭނާ ލޯ އަމާޒުކުރާނީ އިރާނާ ހަމާސްއަށް. އިރާނަކީ ރަޝިޔާގެ ގާތް އެކުވެރިއެއް. އެހެންވީމާ ޕުޓިން ޓުރަންޕު މިއެއްލާ ދަލުގާ ނުޖެހޭނެކަމަށް އުންމީދުކުރަން.