17 މާޗް 2025 - 09:17
ލަންޑަން (މާޗް 17) - އިނގިރޭސި ލީގު ކަޕްގައި އެންމެ ކާމިޔާބު ލިވަޕޫލްގެ މައްޗަށް ފައިނަލުގައި 2-1 ން މޮޅުވެ 70 އަހަރަށް ފަހު ނިއުކާސަލް ޔުނައިޓެޑުން ތައްޓެއް ހޯދައިފި އެވެ.
ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލު މެޗަށް ނުކުތް އިރު ފޭވަރިޓްގެ ގޮތުގައި އޮތީ ލީގު ކަޕް އެންމެ ގިނައިން ކާމިޔާބު ކުރި ލިވަޕޫލެވެ. އެ ޓީމުން ވަނީ 10 ފަހަރު ލީގު ކަޕްގެ ތަށި ހޯދައިފަ އެވެ.
ލީގު ކަޕްގެ ތަށީގެ ލިސްޓާއި ޕްރިމިއާ ލީގުގެ އެއްވަނައިގައި ބޮޑު ލީޑަކާ އެކު އޮތް ނަމަވެސް ރޭ ކުޅުނު ފައިނަލު މެޗުގައި ލިވަޕޫލަށް އެ އެޑްވާންޓޭޖެއް ނުނެގުނެވެ. ޑޭން ބާން އާއި އެލެގްޒެންޑާ އިސާކްގެ ލަނޑުތަކުން ނިއުކާސަލްއިން ލީޑް ނެގި އެވެ.
ލިވަޕޫލްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ފެޑެރީކޯ ކިއޭޒާ އެވެ.
މީގެ ކުރިން ނިއުކާސަލްއިން ހޯދި ތައްޓަކީ 1955 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ތައްޓެވެ. މިދިޔަ 70 އަހަރު ބޮޑު މުބާރާތެއްގެ ތައްޓެއް ނުހޯދި އޮތް ކްލަބް ސައުދީގެ ސްވޮރިން ފަންޑުން 2022 ގައި ގަތުމަށް ފަހު އެ ކްލަބް ބިނާ ކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް ވެސް ބުނީ ނިއުކާސަލްގައި ކޯޗު އެޑީ ހައު ކުރަމުންދަނީ އަގުވަޒަން ކުރެވޭވަރުގެ މަސައްކަތެއް ކަމަށެވެ.
"ނިއުކާސަލް އަކީ އެ މީހުންގެ އަމިއްލަ ސްޓައިލް އަކަށް ކުޅޭ، ބަލިކުރަން އުނދަގޫ ޓީމެއް. އެކަން އަހަރެމެންނަށް އެނގުނު ސެއިންޓް ޖޭމްސް ޕާކު [ނިއުކާސަލްގެ ސްޓޭޑިއަމް] ގައި ކުޅުނު މެޗުން ވެސް،" ސްލޮޓް ބުންޏެވެ.
ނިއުކާސަލްގެ ކޯޗު އެޑީ ހައު، ލީގު ކަޕްގެ ތައްޓާ އެކު އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ
އެކަމަކު ލިވަޕޫލަށް ނާކާމިޔާބު ވީ ނިއުކާސަލް ބޭނުންވި ވަރަށް ލިވަޕޫލުން އެ ތަށި ބޭނުން ނުވާތީ ކަމަށް ބުނާ ވާހަކަ އަށް ސްލޮޓް އެއްބަހެއް ނުވި އެވެ.
މި ހަފުތާއެއްހާ މުއްދަތަކީ ލިވަޕޫލަށް ގޯސް ހަފުތާ އެކެވެ. މިދިޔަ ހަފުތާގެ މެދުތެރޭގައި ޕީއެސްޖީ އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ކެޓީ އެވެ. ރޭ ނިއުކާސަލް އަތުން ބަލިވެ ލީގު ކަޕް ގެއްލުނީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
17 March 2025
ހެހެހެހެހެ.އިނގިރޭސިވިލާތުގެ 1 ވަނައަށް 6 ވަނަ ބަލިނުކުރެވުނު ދޯ. 70 އަހަރުފަހުން އެއްްޗެއް ލިބުން އެއީ ވަރަށް ބޮޑު ކާމިޔާބީއެއް.ފުޓްބޯޅަ އުފެއްދި މީހުން ކަމަށް ދައުވާކުރާ އިނގިރޭސީންނަށް 1965ގެ ފަހުން އަދި ބައިނަލްއަގްވާމީ ބޮޑު މުބާރާތެއް ކާމިޔާބްނުކުރެވޭ.އޭރު އަދި ރާއްޖެއަށް މިނިވަންކަން ނުލިބޭ. ނަމަވެސް އެއީ ތިމަންނާމެން އުފެއްދި އެއްޗެކޯ. ލޮލް. ވ.ވެދުން
އަޙުމަދު މުޙައްމަދު
18 March 2025
ކަލޭ ތިހުންނަނީ ޒާތީ ހަސަދައެއްތަ؟ މި ޚަބަރުގައި އިގިރޭސީންނަށް ތަށި ނުލިބެއޭ ކިޔާ ވާހަކަ ދައަކާ ކޮމެންޓް ކުރުމުގެ ބޭނުމަކީ ކޮބާ؟