ބްރޯޑްކޮމް ބައްދަލުވުމެއްގައި ފަޒީން ބައިވެރިވެވަޑައިގަންނަވަނީ.
17 މާޗް 2025 - 11:15
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ހެދި ބްރޯޑްކާސްޓިން ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް، އެ މަގާމުން މުހައްމަދު ފަޒީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ އިސްތިއުފާގެ ސިޓީގައި، ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފަޒީން ވިދާޅުވީ، މިނިވަންކަމާ އެކު، ކޮމިޝަންގެ މެމްބަރެއްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަކީ މި ވަގުތަށް ވެވެން ނެތް ކަމަކަށް ވާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.
ނަމަވެސް މިނިވަން ދިމިގްރާތީ މުޖުތަމައެއް ދެމެހެއްޓުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމަށް ކެނޑިނޭޅި މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި ފަޒީން ވަނީ މީގެ ކުރިން ވެސް ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ. ފަޒީން އިސްތިއުފާ ދެއްވީ އެ މައްސަލައިގައި އޭނާ ވަކިކުރުމާ މެދު މިއަދު ހެނދުނު 11 ޖަހާއިރު ކޮމިޓީން ވަކި ގޮތެއް ނިންމަން ފާސްކޮށްފައި އޮއްވަ އެވެ.
އޭނާގެ ގާނޫނީ ވަކީލް ވިދާޅުވީ ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި ގުޅުވާލެވޭނެ އިތުރު އެއްވެސް ހެއްކެއް އަދި ގަރީނާއެއް ވެސް ދެއްކިފައި ނުވާ ކަމަށެވެ.
މާޗު 7، 2021 ގައި މަގާމަށް އައްޔަންކުރި ހިސާބުން ފެށިގެން މިއަދު އިސްތިއުފާ ދެއްވުމާ ހަމައަށް ވެސް މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކޮށްފައިވަނީ ވަކި ފަރާތަކަށް ނުޖެހި، ކޮމިޝަންގެ ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ހާސިލް ކޮށްދިނުމަށް ކަމަށް ވަކީލުގެ ސިޓީގައިވެ އެވެ.
ނަމަވެސް، ދައުލަތުގެ އެތައް އިދާރާއަަކުން އެއްފަހަރާ އެ މައްސަލަ ތަހުގީގު ކުރަނީ ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި އާދަޔާ ހިލާފު ނުފޫޒެއްގެ ބާރުގައި ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. އެ ސަބަބުތަކާ ހެދި މިނިވަންކަމާއެކު މަސައްކަތް ކުރެވެން ނެތުމުން ފަޒީން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ވަކީލު ވިދާޅުވި އެވެ.
"މިހެންވެ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިނިވަންކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި އަދާކުރުމަކީ މިހިނދަށް ވެވެން ނެތް ކަމެއް ކަމުގައި ދެކި ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުން މިއަދުން ފެށިގެން އިސްތިއުފާ ދިނުމަށް މުހައްމަދު ފަޒީން ނިންމައިފި ކަމުގައި ދިވެހި އެންމެހައި ރައްޔިތުންނަށް ދަންނަވަމެވެ،" ބަޔާނުގައި ވެ އެވެ.
ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރެއިން އޭނާއަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރަ އަމާޒު ވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށް، އޭނާ އޮފީހަކަށް ވެސް ނުނުކުމެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
17 March 2025
މަދަންނަމީހަކުވެސް އެބައުޅޭ މިހަފްތާގަ އިސްތިއުފާދޭންވެގެން، އެއީ މިހާރު 2 ފަހަރަށް އިންޒާރުދީފި މަސައްކަތުގެ އަޚުލާގު ގޯސްވެގެން. ވަރަށް އަވަހަށް ކަނޑާލާނެކަން ޔަގީންވީމަ އަވަހަށް އިސްތިއުފާދެނީޔޯ!!!
އިހްސާސް
17 March 2025
ކޮބާތަ ތިޔަމައްސަލަގައި ފުލުހުން އުޅޭ ހިސާބު؟ ފަޒީނާ ދެކޮޅަށް ދައުވާއެއް ކުރެވެން ނެތީތޯ؟ އެކޮއި މީޑިޔާއަށްވެސް އެބުނަނީ ކުރިޔޭ ކުރިޔޭ.
އެކޮއި
17 March 2025
ފަޒީނަށްވުރެ މާ ބޮޑަށްވެސް ތިޔަ މަޤާމަށް އެކަށީގެންވާ ޤާބިލު ބޭފުޅުން ތިޔަ ކޮމިޝަނުގައިއެބަތިބި. އެފަދަ 2 ބޭފުޅެއްގެ މައްޗަށް ކުރިހޯދައި ފަޒީނު ތިޔަ މަޤާމަށް އައީވެސް. ފަޒީނަށް ތިޔަ މަޤާމަށް އާދެވުނުދުވަހުވެސް ހިތަށްއެރި ''ޤާބިލު'' ގެ މާނައަކީ އަދި ބޭނުމަކީ ކޮބައިބާއޭ؟ ފަޒީނަށް ކުރިއެރުމާއި ކާމިޔާބަށް އެދެން. އަދި ތިޔަ ކޮމިޝަނަށްވެސް.
ސީނުން ގެއްލުނީމަ ޒިންމާވާން ނުޖެހޭ ރާއްޖެ
17 March 2025
ރާއްޖޭގައި އޮންނަ ކަންކަމުން ރެކި/ޒިންމާ ނަގަން ނުޖެހުމުގެ ކޫލް ޘަޤާފަތް. ބޭރު މީހަކު ކުށްކޮށްފަ މުއްސަނދިވެފަ ކުށަށް ޒިންމާ ވާން ނުޖެހޭ-ހަމައެކަނި ޑިޕޯރޓްކޮށްލާނީ. ތަންތާނގެ ވެރިން މަޤާމުގެ ނާޖާއިޒު ފައިދާ ނަގަމުންގޮސް ސަލާމަތް ނުވާ ހިސާބައް ދިއުމުން އިސްތިޢުފާ ދިނީމަ ޒިންމާ ނަގަން ނުޖެހޭ. ކުރަން ނުޖެހޭ ކަންކަމަށް ކޮންޓްރެކްޓް ހަދާފަ ބާތިލުކޮށްފަ ބަދަލުދިނުން-ޤާނޫނީ ކަރަޕްޝަން. ގޯސްކޮށް ތަޙުޤީޤު ހިންގާފަ ކުއްވެރިންގެ އަތުންފައިސާ ހޯދުން.