ސްރީ ލަންކާގެ އިގްތިސާދު 2022 ވަނަ އަހަރު އެންމެ ބޮޑަށް ގޯސްވި އިރު، މުދާ އިމްޕޯޓްކުރުމަށް ބޭރު ފައިސާ ނެތި ގައުމުން ތެޔޮ ލިބުން ދަތިވުމުން އާންމުން ތެޔޮ ގަންނަން ކިއޫ ހަދާފައި: އިގްތިސާދު މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައި. -- ފޮޓޯ: އޭއެފްޕީ
18 މާޗް 2025 - 05:15
ސްރީ ލަންކާގެ އިނދަޖެހުނު އިގްތިސާދު ހަމަޔަކަށްއެޅި އެނބުރި އައުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ތައުރީފްކޮށް އެ ގައުމަށް އިތުރު އެހީތައް ދޭނެ ކަމަށް ބުނެފި އެވެ.
އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ، ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކައާ އެކު ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވި ބައްދަލުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން އާންމުކުރި ވީޑިއޯ ކްލިޕެއްގައި ޖޯޖީވާ ވިދާޅުވީ "އިގްތިސާދު ހަމަޔަކަށް އެޅި، ރަނގަޅަށް ހިނގަމުންދާ" ކަމަށެވެ.
"މިއީ ރައްޔިތުންނަށް ވަރަށް މުހިންމު ކަމެއް. ހާއްސަކޮށް، ފަގީރުންނަށް. ހަމަ އެއްކޮށް ހުރިހާ ކަމެއްހެން ބޮއްސުންލައިގެން ދިއުމަށް ފަހު އެނބުރި އައުން ވަރަށް ބޮޑަށް ފާހަގަވޭ،" ޖޯޖީވާ ވިދާޅުވި އެވެ.
ލަންކާގެ ބޭރުގެ ދަރަނި ބޮޑުވެ އެ ފައިސާ ދައްކާގެ ބޭރު ފައިސާ ނުލިބި 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ބަނގުރޫޓުވުމުން އައިއެމްއެފްގެ ބެއިލްއައުޓަކަށް ދިޔައީ 2023 ވަނަ އަހަރު އެވެ. އައިއެމްއެފުން ވަނީ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓެއް ހަމަޖައްސައިދީފަ އެވެ.
ލަންކާގެ އިގްތިސާދީ އިސްލާހީ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން އައިއެމްއެފުން މިދިޔަ މަހު ވަނީ ހަތަރު އަހަރުގެ ބެއިލްއައުޓް ލޯނުގެ ހަތަރު ވަނަ ބައި ކަމަށްވާ 334 މިލިއަން ޑޮލަރު ދޫކޮށްފަ އެވެ.
އައިއެމްއެފުން ބުނީ އިސްލާހުތަކުގެ ގެނައުމުގެ ހެޔޮ ނަތީޖާ ލިބެމުން އަންނަ ކަމަށާއި"2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ވީ ގެއްލުމުގެ 40 ޕަސެންޓް" ރިއަލް ޖީޑީޕީގެ ނިސްބަތުން ރަނގަޅުވަމުން އަންނަ ކަމަށެވެ.
ޑިސެނަޔަކަށް ލަންކާގެ ވެރިކަމަށް ވަޑައިގަތީ އައިއެމްއެފާ އެކު ކުރީގެ ސަރުކާރުން ވެފައިވާ އެއްބަސްވުމުން އާންމުންނަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް ވިދާޅުވެ އެ ކަންކަން ބަދަލުުކުރުމަށް އައިއެމްއެފާ އެކު އަލުން މަޝްވަރާކުރައްވާނެ ކަމުގެ ވައުދާ އެކުގަ އެވެ. ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ނިންމެވީ އައިއެމްއެފާ އެކު މިހާރު ވެސް އޮތް ގޮތަށް ކުރިއަށްދާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނިލް
18 March 2025
ރައީސް ނަޝީދުގެ ކުޅަދާނަކަން މިފެނިގެން ދިޔައީ... ލަންކާ ބަނގުރޫޓްވެފައި ވަނިކޮށް ލަންކާ ކޮޅަށް ޖަހާއިދިނީ..
ބެއިލް
18 March 2025
އެ ގައުމުގެ ބަޖެޓުގައި އުޅޭ އެކުވެރިޔަކު ބުނި ގޮތުގައި ހުރިހާ ކަމެއް ބޮއްސުންލީ ޕްރޮކިޔުމެންޓް ނިޒާމް ފެއިލްކޮށްލުމުންކަމަށް. މިގައުމުވެސް ދަނީ އެ މިސްރާބަށް. ހެސްކިޔާފަ ކޮރަޕްޓް އިރު އެސްއޯއީސްތަކަށް ދީގެން ޕްރޮކިއުމަންޓްކަންކަން ކުރަން ސަރުކާރުން އޮތީ ނިންމާފަ. ލާރި ގަނޑު ކާލަން ގެންގުޅޭ އާ އުކުޅެއް
ޢާބިދު
18 March 2025
ދެން އޮތީ މިރާއްޖެނޫންބާ؟
މިނި ކާ ރާއްޖެ
18 March 2025
އެއްބަސްވެގެން ފަށާފާ ލާރިކޮޅު ހަމަ އަތަށް ލިބޭތަނުން ކުރިން ބުނި އެތި ކެންސަލް ކޮށްލާފާނެ ނޫންބާ...