ފަނޑިޔާރު އަޒްމިރަލްދާ: އަޒްމިރަލްދާ ނުފޫޒު ފޯރުވިކަމަށް އެއްވެސް ގާޒީއަކު ބަޔާނެއް ނުދެއްވާ ކަމަށް ވަކީލުން ވިދާޅުވި - ފޮޓޯ: ނިޝާން އަލީ / މިހާރު
18 މާޗް 2025 - 14:25
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ، އެއްވެސް ގާޒީއަކު ބަޔާން ދެއްވާފައިނުވާ ކަމަށް އަޒްމިރަލްދާގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލައިގައި ތުހުމަތު ކުރަނީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރުމުން އޭނާ ބަންދު ނުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށެވެ.
އަޒްމިރަލްދާގެ ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީން ބަލާ މައްސަލައިގެ ތަހުގީގަށް ކްރިމިނަލް ކޯޓުގެ ތިން ގާޒީއަކު ބަޔާން ދެއްވާފައިވެ އެވެ. އެ ގާޒީންގެ ބަޔާނަށް ބެލުމުން އެނގެނީ ވަކީލް ވިދާޅުވި ގޮތުގައި ޑރ. އިސްމާއިލްގެ ބަންދާ ގުޅިގެން އަޒްމިރަލްދާ އެއްވެސް ގާޒީއަކަށް ގުޅުއްވައި ނުފޫޒު ފޯރުވަން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމެވެ.
"އެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް ފަނޑިޔާރު އަޒްމިރަލްދާ އަމިއްލައަށް ވިަޔސް ނުވަތަ އެހެން މީހަކު މެދުވެރިކޮށް ވިޔަސް ގުޅުއްވާފައިނުވާ ކަން ވެސް ބަޔާންތަކުން ސާފުކޮށް އެނގެ އެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާގެ މައްޗަށް އެފަދަ ތުހުމަތެއް ކުރެވޭ ފަދަ ވާހަކައެއް ވެސް އެއްވެސް ގާޒީއަކު ދައްކަވާފައިނުވެ އެވެ." ޝަމީލްގެ ބަޔާނުގައިވެ އެވެ.
އެހެންކަމުން ފަނޑިޔާރު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ތުހުމަތެއް ކުރުމުގެ އެއްވެސް އަސާސެއް ވެސް ނެތް ކަމާއި އޮތް ނަމަ، އޮތީ ދައުލަތުގެ ބައެއް އިދާރާތަކުގެ ވަހުމެއް ކަމަށް ވަކީލް ވިދާޅުވި އެވެ.
ނަމަވެސް، ފަނޑިޔާރު އަޒްމިރަލްދާ ގުޅުވައި އެއްގޮތަކަށް ވެސް ގާޒީއަކު ވިދާޅުނުވާ ވާހަކައެއް ވިދާޅުވި ކަމަށް ބުނެ މައްސަލައިގެ ތަހުގީގު ރިޕޯޓްގައި ޖޭއެސްސީން ހިމަނާފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ. ގާޒީން ދެއްވި ބަޔާންތައް ފެންނަން ހުއްޓާ، އެ ބަޔާންތަކާ ހިލާފަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ކޮމިޓީ ރިޕޯޓްގައި ހިމަނާފައިވުމަކީ ޖޭއެސްސީގެ ގާނޫނުގެ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރަމުންދާއިރު، މިހާތަނަށް މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ފަނޑިޔާރާ އެ ކޮމިޝަނުން ހިއްސާކޮށްފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. ފަނޑިޔާރު ސަސްޕެންޑްކޮށްފައިވަނީ އެ މައްސަލައާ ގުޅިގެންނެވެ.
ވަކީލް ޝަމީލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ޑރ. އަޒްމިރަލްދާ ސަސްޕެންޑްކޮށް ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ އިޖުރާއަތްތަކާ ގުޅިގެން ޔޫއެން ސްޕެޝަލް ރެޕްޓުއާ އޮން އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. މީގެއިތުރުން އެމްބަސީތަކާއި ހައިކޮމިޝަންތަކުގެ ސަމާލުކަމަށް ވެސް މައްސަލަތައް ގެނެސްފައިވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.
ސަސްޕެންޑް ކުރި ފަހުން، މަގާމުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއުސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
900090
19 March 2025
މިހާތަނަށް ހުރިހާ ރައީސުންނަށް ލިބުނު ލީގަލް އެޑްވައިޒަރުންނަކީ ސުމެއްގެ ބައެއް އަދި ރައީސުން ވައްޓާ މަގު ކޮށައިދޭ ބައެއް. ކިހިނެއް މިވަނީ. ކަލޭމެން އާރޓިކަލް އެއް ހަދަންވީނު ޖީނިއަސް އައިޑިއަރ ދޭ މީހުންނަށް މާރިޔާއިން ފެށިގެން އުޝާމްއަށް. އެކަމަކު މި ރައީސުންނަށް އަންނަ މީހުންނަށް އަދިވެސް ފިލާވަޅު ދަހެއްނުވޭ. އެލްއޯޑަބްލިއު ޔަރސް ބްރޯތަކާ ދުރުވާކަށް.
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
18 March 2025
ސަރުކާރުން ބޭނުންވާ މަޤްޞަދެއް ހާސިލު ކުރަން ކުޅޭ ޑްރާމާއެއްކަން މާ ކުރިންވެސް އެނގޭ. ސަރުކާރުގެ އިތުބާރު ގެއްލި އަގުވެއްޓުން ނޫން ކަމެއް މިކަމަކުން ނުވާނެ. ވިސްނޭ ރައްޔިތުން ދެން ސަރުކާރަށް އާއެކޭ ނުބުނާނެ
ޖަބާލް
18 March 2025
ޖޭއެސްސީ އޮތީ ސަރުކާރު މުށުތެރޭ..ސަރުކާރުން ބޭނުންވީ ސްޕްރީމްްކޯޓް މުށުތެރެއަށްލާން..އެކަންކިރަން ޖޭއެސްސީގެ ބޭނުން ހިފާލީ ނެތް ނުވާ ކަންކަން އުފައްދައިގެން.
ހަމަދު ސަލީމް
18 March 2025
ދެން ވަރިހަމަ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، މަގުސަދު ހާސިލްވެއްޖެ.
ސާމިލު
18 March 2025
އަޖައިބު ހައިރާނެއް ނުވާނެތާ. ނުކުރާ ކަމެއް ނުހޯދޭނެ އެއްނު. މުއިއްޒު ކުރި އެންމެ މޮޔަކަންތައް މިއީ.
ޒަރީންތަ
18 March 2025
މިހަރު އެނގެންވާނެ ތި މައްސަލަ ރަނަގަޅަށް ބަލަައި ނިމޭ އިރު ކުށް ސާބިތުވާނީ މަތިން އަންގައިގެން ފޭކު ރިޕޯޓު ހަދައި ފަނޑިޔާރުންގެ އަގު ވައްޓާލި ދައުލަތުގެ މުވައްޒަފުންކަން! މިކަމުގަ ބައިވެރިވި އެންމެން މިފަހަރު ގޮޅިއަށް ފެތޭނެކަން މިހަރު އެނގިއްޖެ! އާދައިގެ ބަޔަކަ ނޫން މިފަހަރު ތި ކުޅެގަތީ!
ގަގުނަސް
18 March 2025
އަތަށް ގޮވައިފި. ނުފޫޒެއް ނުފޯރުވާ. ސަސްޕެންޝަން އުވާނުލާ. އޭސީސީގެ ރައީސަށް ޖިނާއީ ތަޙްޤީޤު އެބަ ހިންގާ. ދެން އޮތީ އޭޖީގެ މައްޗަށް ޖިނާއީ ތަޙްޤީޤު ހިންގުން