އިޒްރޭލުން ބޮން އެޅި ޣައްޒާގެ އިސްލާމިކް ޔުނިވަސިޓީއެއްގެ ތެރެއިން ކުދިންތަކެއް ފޮތްތަކެއް ހޮވައިގެން ގެންދަނީ: ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންގެ ހިމާޔަތަށް ހަމާސް އިން ބާރުތައް ދޫކޮށްލުމަށް ފަތަހް ޖަމާއަތުން ވަނީ ގޮވާލާފައި. -- ފޮޓޯ: އޭއެފްޕީ
23 މާޗް 2025 - 09:43
ޣައްޒާގައި ފަލަސްތީނު ރައްޔިތުން ސަލާމަތުން ދެމިތިބުމަށްޓަކައި ހަމާސް ޖަމާއަތުން ބާރުތައް ދޫކޮށްލަން ޖެހޭ ކަމަށް ކަމަށް އެ ޖަމާއަތުގެ ސިޔާސީ ވާދަވެރި، ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުން ބުނެފި އެވެ.
"ހަމާސް އިން ޣައްޒާގެ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަށް އޯގާތެރިކަން އިސްކުރަންޖެހޭ،" ޣައްޒާގައި ހުންނަވައިގެން އޭއެފްޕީއަށް ފޮނުއްވި މެސެޖެއްގައި ފަތަހް ޖަމާއަތުގެ ތަރުޖަމާނު މަންތަރު އަލް ހައިކް ވިދާޅުވި އެވެ.
އޭނާ ވަނީ ޣައްޒާގައި ހަމާސް އިން ވެރިކަންކުރަމުންދާ ނަމަ ހަނގުރާމައިގައި އެންމެ ފަހުން ޣައްޒާއިން ފަލަސްތީނު ރައްޔިތުން ނެތި ހިނގައިދާނެކަން ހަމާސް އިން ގަބޫލުކޮށް ހަމާސް "އެއްފަރާތަކަށް ޖެހެން" ގޮވާލައްވައިފަ އެވެ.
ހަމާސް އިން ޣައްޒާގެ ކޮންޓްރޯލް ހޯދައި ވެރިކަން ކުރަން ފެށީ ފަތަހް ޖަމާއަތުގެ ބާރުގެ ދަށުގައި އޮއްވައި އުފެދުނު ކުރިމަތިލުންތަކަށް ފަހު 2007 ވަނަ އަހަރު އެވެ. އޭގެ ފަހުން ސުލްހަވެރިކަމާ އެކު މި މައްސަލަ ހައްލުކުރަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފަ އެވެ.
ހަމާސް އިން އޮކްޓޫބަރު 7، 2023 ގައި އިޒްރޭލަށް ދިން ހަމަލާއާ އެކު އިޒްރޭލުން ރައްދުގައި ދޭން ފެށި ހަމަލާތަކުގައި ޣައްޒާ މިހާރު ވަނީ އެއްކޮށް ބިމާ ހަމަވެފަ އެވެ. އަދި އަނެއްކާ އަލުން ހަމަލާތައް ފަށައި ގެއްލުން ދަނީ ބޮޑުވަމުންނެވެ.
"ހަނގުރާމައަށް ފަހު، ޣައްޒާގެ އިދާރީ ހިންގުމާ ގުޅޭ ކޮންމެ އެއްބަސްވުމެއް ބަލައިގަންނަން މި ތިބީ ތައްޔާރަށް. އެ ކަމުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް،" ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ގާނޫ ހޮނިހިރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މުހިންމީ ގައުމީ އެއްބައިވަންތަކަން،" ހަނގުރާމައަށްފަހު ޣައްޒާ ބެލެހެއްޓުމަށާއި އާރާސްތުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ޕްރޮފެޝަނަލުންގެ މިނިވަން ކޮމެޓީއެއް އެކުލަވާލުމަށް މިސްރުން ހުށަހެޅި ހުށަހެޅުމަށް ހަމާސް އިން ތާއީދުކޮށްފައިވާކަން ހަނދާންކޮށްދެމުން އޭނާ ވިދާޅުވި އެވެ.
އައްބާސް ވަނީ، އޭނާ ގަބޫލުކުރައްވާ ގޮތަށް، ޣައްޒާގައި ވެރިކަން ކުރުމުގެ ގާނޫނީ ހަމައެކަނި ފަރާތް ކަމަށްވާ ފަލަސްތީން އޮތޯރިޓީއަށް އެ ކޮމިޓީން ރިޕޯޓް ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެކަމަށް ދެކޮޅުހަދަ އެވެ.
ޣައްޒާގައި އަނެއްކާވެސް އިޒްރޭލުން ހަމަލާތައް ފެށީ، ހަމަލާ ބަދަލުކުރުން މެދުކަނޑާލަން ޖެނުއަރީ 19 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ކުރިއަށް ގެންދާނެ ގޮތަކާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހުގަ އެވެ. މިދިޔަ އަންގާރަ ދުވަހު ފެށި ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 600 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައި ވާއިރު މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. އަދި އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް ބައި ލައްކައަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
24 March 2025
ދެން އެބުނީ އިސްރާއީލުންނޭ މުޅި ފަލަސްތީނު ހިންގަންވާނީ. އައްބާސް ކަލޭ އިސްރާއީލަށް ފާޅުގައި ތާއީދު ނުކުރަނީ ކީއްވެތަ ފަލަސްތީނު މީހުން މަރާލަން.
ލަކީސްޓަރ
24 March 2025
މަރަށް ބިރުން ފިލާ ތިބޭ...
ޢައްޒާއިން
23 March 2025
ރައްޔިތުންބޭނުންވަނީ ހަމާސް، ރައްޔިތުންގެ ވޯތަކުން ނިންމަންޖެހޭނީ
އެދުރު ބެ
23 March 2025
ދެން ކީއްވެ ކަލޭމެން ވެރިކަން ކުރާ ، ހުޅަނގުގެ އައްސޭރީގެ ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމެއް ރައްކާތެރިކަމެއް ނެތީ؟ ޔަހޫދީން އެ ގެންދަނީ މަޑުމަޑުން މުޅި ވެސްޓުބޭންކުގަ އެމީހުންގެ އާބާދީތައް ފަތުރަމުން. މިކަމުގައި ތިޔަ ފަތަހަ ޖަމާއަތުން ގެންދަނީ ޒަޔަނިސްޓުންނަށް ފުރިހަމައަށް އެހީވަމުން.
އަހައްމު
23 March 2025
ތި ފަތަހަ ޖަމާއަތަކީ ފަލަސްތީނުގެ ރައްޔިތުންނަށް ހަރާންކޯރުވުން ބޮޑު ޖަމާއަތެއް..ހުޅަނގުންނާއި ޔަހޫދީން ޖަހާ ބެރަށް ނަށަންތިބޭ ބައެއް.
ލަކުސަދީބު.
23 March 2025
ދޮންކަލޯ ހުރިހާ އެންމެންވެސް ބޭނުންވަނީ ވެރިކަން. ދީނަކީ އެމީހުން އާންމުން ޖަޒުބާތުގައި ޖައްސަން ގެންގުޅޭ ގޭސްގަނޑެއް. ސައުދީގެ ޝާހީ ޢާއިލާ އަކީ މީގެ ނަމޫނާއެއް
ލާމަސީލު
23 March 2025
ހުރިހާ މުސްލިމް ގައުމަކުން އިސްރާއިލް އަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމުން މައިތިރިވެދާނެ. އިސްރާއިލް ވަޑައިގެންވެސް އޮތީ މުސްލިމް ގައުމުތައް. އިސްރާއިލް މައިތިރިކުރެވޭނީ އެމީހުން ވަށައިގެންވާ އެހެން މުސްލިމް ގައުމުތަކުގެ ބޯޑަރތައް އިސްރާއީލަށް ބަންދުކޮށްގެން.
ސައްދާމު
23 March 2025
ނޭފަތުކުރިއާ ހިސާބަށް ވިސްނުންދާ މީހުންގިނައީ މިދިވެހިރާއްޖެއިން އިންޑިއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއެޅީމަ ނިކުންނާނެ ނަތީޖާ ތިކަމުން ނިކުންނާނީ އަރަބި އިސްލާމީ ގައުމެއްނެތް ހަގީގީ މިނިވަން ގައުމެއް އެގައުމުތަކުގެ އިގްތިސޯދާ ދިފާއީ ކަންކަން ބަރޯސާވެފަހުރީ ސީދާ އެމެރިކާއާ ހުޅަނގާ ދަތްނެތް ސިންގާތަކެއްފަދަ ގައުމުތަކެއްގެ ވާހަކަ ތިކިޔަނީ