މާރުކޭޓުން މީހަކު މިރުސް ގަންނަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
23 މާޗް 2025 - 14:10
ލޯކަލް މާރުކޭޓުގައި މިރުހުގެ އަގު ވަރަށް ބޮޑަށް ހެޔޮވެއްޖެ އެވެ.
މާރުކޭޓުގައި މިރުސް ކިލޯއެއް ލިބެން ހުރީ 100ރ. އަށެވެ. އަދި 100 ގްރާމު ލިބެން ހުރީ، 10ރ. އަށެވެ. މިރޯދަ މަސް ފެށުނު އިރު މިރުސް ކިލޯއެއް 250ރ. އަށް ވިއްކި އެވެ. އަދި 100 ގްރާމު މިރުސް ލިބެން ހުރީ 25-30ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ވިޔަފާރިވެރިއަކު ބުނީ، އެހާ ބޮޑަށް މިރުހުގެ އަގު ހެޔޮވީ، މިރުސް ލިބޭ ވަރު އިތުރުވުމުން ކަމަށެވެ. އޭނާ ބުނީ، ގޮޅީގައި ހުންނަ މިރުސް، ނުވިކި ބައެއް ފަހަރު އުކާލަން ވެސް ޖެހޭ ކަމަށެވެ.
"މާގިނައީ ލިބޭ ވަރު. އަނެއްކޮޅުން އެހެން ރޯދަމަސްތަކަށް ވުރެ މީހުން ވެސް އަންނަ ވަރު މަދު،" އޭނާ ބުންޏެވެ.
މާރުކޭޓުގައި މިރުސް އެހާ ބޮޑަށް އިތުރުވީ، "ކަނޑޫދޫ މިރުސް" ލ އަތޮޅުގައި ވެސް ހައްދަން ފެށުމުންނެވެ.
މީގެ ކުރީގެ ރޯދަ މަސްތަކުގައި މިރުސް ކިލޯއެއްގެ އަގު 600ރ. އަށް ވުރެ މައްޗަށް ވެސް ގޮސްފައި އެބަހުއްޓެވެ.
ލޯކަލް މާރުކޭޓުގައި މިވަގުތު އެންމެ ގިނަ އަދަދަކަށް ލިބެން ހުރީ ލ. އަތޮޅުގެ މިރުސް ކަމަށް މީގެ ކުރިން "މިހާރު" އަށް މައުލޫމާތު ދިން ވިޔަފާރިވެރިއަކު ބުންޏެވެ. އޭނާ ބުނީ، އެވްރެޖުކޮށް ކަނޑޫދު އިން ކޮންމެ ދުވަހަކު ގެންނަނީ 200 ކިލޯ ކަމަށެވެ. އެކަމަކު ލ. އަތޮޅުން އެކަނި 700 ކިލޯގެ މިރުސް ކޮންމެ ދުވަހަކު ވެސް މާރުކޭޓަށް ވައްދަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
23 March 2025
ގޮޅިތަކުގަ ބޮންދުންގެ ނިސްބަތް ދަށްވެއްޖެބާއެވެ؟
އެހެން
23 March 2025
މީހުން ޗުއްޓީއަށް ރަށަށް ދިޔައީ.
ބައޯކަލޯ
23 March 2025
ރައްޔިތުން މިހާރު ބޭނުމެއްނުވޭ މިރުސްކައިގެން އަނގަޔާ ކަރުތެރެ ފިއްސާލާކަށް. ރައްޔިތުން އެއަށްވުރެ މިހާރު ދީނީގޮތުންނާ ދުނިޔަވީގޮތުން ހޭލުންތެރިވެއްޖެ.