'އަދަދު' ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ، ހުސެއިން ފިޔާޒް މޫސާ. --ފައިލް ފޮޓޯ
24 މާޗް 2025 - 19:41
ރައީސް ޑރ. މުހައްމަދު މުއިއްޒު "އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަށް ބިރު ދައްކައި، އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި، ބިރު ދެއްކި ކަމަށް ގާނޫނީ ގޮތުން މާނަ ކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް އެ މަނިކުފާނު ބޭނުންފުޅު ކުރައްވާފައިވާކަން އެނގެން ނެތުމުން ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް މުއިއްޒު، ފިޔާޒަށް ފޯނުން ގުޅުއްވައި، ބިރު ދައްކައި އިންޒާރު ދީފައިވާ ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޑިއުޓީ ޕްރޮސިކިއުޝަނަށް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
"މި މައްސަލާގައި ދިވެހި ފުލުހުންގެ ހިދުމަތުން ހޯދާފައިވާ ހެކި ގަރީނާ މި އޮފީހުން ދިރާސާކޮށް ބެލިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހުސައިން ފިޔާޒު މޫސާއަށް ގުޅައި އިންޒާރު ދިން ކަމަށް ގާނޫނީ ގޮތުން މާނަކުރެވޭނެ ފަދަ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުން ކުރައްވާފައިވާކަން އެނގެން ނެތަތީ، މި މައްސަލައިގައި ދައުވާ ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފަ އެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.
އެ އޮފީހުން ބުނި ގޮތުގައި، ގާނޫނުލްއުގޫބާތުގެ ދަށުން، އިންޒާރެއް ދިން ކަމަށް ބެލެވޭނީ، މީހަކު ފަރުވާލެއް ނެތި ކުރާ އަމަލެއްގެ ސަބަބުން، އޭނާ މަރުވެދާނެ ކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައި އަދި މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދައްކައިފި ނަމަ އެވެ.
އިތުރު ތަފުސީލް ދެމުން ޕީޖީ އޮފީހުން ބުނީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، އިންޒާރެއް ދިން ކަމަށް ގާނޫނީ ގޮތުން ބެލެވޭނީ، މީހެއްގެ ފުރާނަ އަށް ނުވަތަ ހަށިގަނޑަށް ނުވަތަ އާއިލާގެ މެންބަރަކަށް ނުވަތަ ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހަކަށް ގެއްލުމެއް ދީފާނެ ކަމުގެ ބިރުދައްކައި ނުވަތަ އިންޒާރުދީފި ނަމަ ކަމަށެވެ.
ނަމަވެސް، ފިޔާޒުގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ، އޭނާ އަށް ރައީސް ގުޅުއްވައި ދެއްކެވި ވާހަކަފުޅެއްގެ ތެރޭގައި "ގާނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް" ވިދާޅުވެ އިންޒާރު ދީފައިވާ ކަމަށް ބަޔާންކޮށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
"...މިއީ އިސްވެ ދެންނެވުނު ގާނޫނީ ނައްސުތަކަށް ފެތޭ އިންޒާރު ދިނުމުގެ އަމަލަކަށް ނުވާތީ މިއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް މި އޮފީހުން ނިންމީ އެވެ،" އެ ބަޔާނުގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިބިން
25 March 2025
ޕީޖީން އެބަޖެހޭ އެކޯލުގެ ރިކޯރޑިންގ ހާމަކުރަން. ރައީސް ދެއްކެވި ވާހަކައިގެ ތެރޭގަ އިންޒާރެއް ނުހިމެނޭކަން ޔަޤީންކުރުމަށް...
ނިޒާރު މުސްތަފާ
25 March 2025
ފިޔާޒު މެން ވަރަށް މޮޅުވާނެ ރައްޔިތުންނަށް އޮޅުވާލަން. މީނަ ހިންގާ ނޫހަކީވެސް މުޅިން ދޮގާއި މަކަރުން ހިންގާ ނޫހެއް.
ކޯލް
27 March 2025
ކަލޯ ތިނޫންމީހަކު ދައްކަބަ
ލާމިއު މުހައްމަދު
25 March 2025
ރ.މުއިއްޒުއަކީ ވަރަށް އޯގާތެރި ރައީސެއް. މީހުނަށް ފޯނުން ގުޅާ އިންޒާރުދޭ ވަރަށްވުރެ އަހްލާގު ރަނގަޅު ވެރިއެއް
ނުއުމާން
25 March 2025
ދެން ފިޔާޒު އެކަމް ހާދަ އެކްޓްވެސް ބޮޑޭ. މީނަ ރަނގަޅުވާނެ ފިލްމުކުޅެން
ނާހިލް ނައީމް
25 March 2025
އަހަންނަށް ޔަގީން ގައުމެއްގެ ރައީސަކު މީހަކު ބިރުން ސިހޭވަރުގެ އެއްޗެއް ނުބުނާނެކަން. ރައީސް އެބައުޅޭތަ ފިޔާޒުވަރު މީހެއްނެތިގެން
ރާހިލް ރަޝީދު
25 March 2025
ބަލަ ފިޔާޒްް ހާދަ ހިތުގަ ޖެހިގެން ތިއުޅެނީ؟ ބަލަ ތިވަރު ބޮޑު އިންޒާރެއް ގައުމެއްގެ ރައީސަކު ދޭނެތަ ފޯނުން ގުޅައިގެން؟ އަންނަނީ ހިނި ފިޔާޒު މެން އުޅޭގޮތުން
ޝާމްނާޒް ހަލީމް
25 March 2025
ފިޔާޒްއެވެ. މަގޭ ކޮށި ވިސްނުންވެސް ގަބޫލެއް ނުކުރޭ މަނިކުފާނަށް ރައީސް މުއިޒް ގުޅާފާނެ ކަމަށް. އަހަންނަކީވެސް އެމްޑީޕީ މީހެއް
ޝަމްނާޒް
25 March 2025
ރޯދަމަހެއްގައި މިހާ ވަރަށް ދޮގު ހަދަން ނުވާނެ. ފިޔާޒަށް ހެޔޮ ވިސްނުން ދެއްވާށި
ޕިންޓެ
25 March 2025
ތިދެން މީހަކައް ގުޅާ ވަރުގެ އުރައްޕެ ހުރިމީހެއްތަ. ބަލަމޮޔަފުޅުނުވޭ. ރައީސުލް ޖުމުހޫރިއްޔާ ނުލިބޭނެ ތިހާ އަނގަފުޅާ ކުރިޔަސް
ހާމީދު
25 March 2025
ރަސްމީގަޑީގައި މިކަހަލަ ހަބަރު ނުގެނެސްދިނުން އެދެން. ބޮޓުންތައް އެތިބެނީ ފިންގާޖަހާލާފަ ކޮމެންޓްކުރަން. ނުކޮށްފިއްޔާ ބޮސް ގެންގޮސް އެބަ ސައިޒުކޮށްލާ.