ކ. ތުލުސްދޫގެ އާ އިންޖީނުގެ އަޅަން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އަދި މަސައްކަތާއި ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރު އަބުދުﷲ ރާފިއު ސޮއި ކުރައްވަނީ-- ފޮޓޯ: ސްޓެލްކޯ
24 މާޗް 2025 - 21:24
ކ. ތުލުސްދޫގައި އަލަށް އިމާރާތް ކުރަން ނިންމާފައިވާ އިންޖީނުގެ އާއި ކަސްޓަމާ ސާވިސް ބިލްޑިންގް އަދި އިންޖީނުގޭގެ ވަށާފާރު އިމާރާތްކުރުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ޖުމްލަ 175 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން 11.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ސަން ވިލް ޕްރައިވެޓް ލިމިޓެޑް އާ އެވެ.
އެއްބަސްވުމުގައި ސޮއިކުރީ އިއްޔެ ސްޓެލްކޯގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި މަސައްކަތާ ހަވާލުވި ސަންވިލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ރާފިއު އެވެ.
ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް އަދި އެ ރަށު ކައުންސިލްގެ ރައީސް އަސްލަމް މޫސާ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ތުލުސްދުއަކީ ސްޓެލްކޯއަށް ވަރަށް މުހިއްމު ރަށެއް ކަމަށެވެ.
ސްޓެލްކޯ ކުންފުންޏަކަށް ވުމަށްފަހު މާލޭ ސަރަހައްދު ފިޔަވައި، ހިދުމަތަށް ނެގި ފުރަތަމަ ރަށަކީ ތުލުސްދޫކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިހާރުވެސް ހިންގަމުންދާ އިންޖީނުގެއަކީ ވަރަށް ފެންވަރު ރަނގަޅު ޕަވާހައުސްއެއް ކަމަށެވެ.
"މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި ޕަވާހައުސްއަކަށް ވާތީ، މީހުންނަށް އެންމެ ފަސޭހަކޮށް، އާބަން ސެންޓަރުތަކާ ދުރުގަ ޕަވާހައުސްތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އަޅުގަނޑުމެން ތުލުސްދޫ ޕަވާހައުސް މި ބަދަލުކުރަނީ އަލަށް ހިއްކާފައިވާ ސަރަހައްދަށް،" ފަހުމީ ވިދާޅުވި އެވެ.
އެ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް ވިދާޅުވީ ތުލުސްދުއަށް ބޭނުންވާ ވަރަށް ކަރަންޓު ލިބުމުގައި ދަތިތަކެއް ހުރި ކަމަށެވެ.
"އެއީ އީދު ފަދަ ހާއްސަ ދުވަސްތަކުގައި ޕީކަށް އަރައިގެންދާ ވަގުތު ކޮންމެސް ވަރަކަށް ހިކްއަޕް އުޅޭ ވާހަކަ. އެ ކަންކަން އިރާދަކުރެއްވިއްޔާ މި އިންޖީނުގެއާއެކު ރަނގަޅުވެގެން ދާނެ،" ނަސީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމް.ޕީ.ކުޑަ ފުތު
24 March 2025
މި އެން.ޕީން.ތައް ނުލާހަމަ އެއްކަމެއްވެސް ނުވަނީތަ ފަހެ.އަދި އިންޓަވިއުވެސް ދޭންމިޖެހެނީ މިވެރިން.
މިންމިި
24 March 2025
ކޮންމެވެސް ސަބަބަކާހުރެ ފަހުމީގެ ނަން އަބަދު މިއޮންނަނީ ނޫހަށް އަރާފާ.
ތުލުސްދޫ މީހާ
25 March 2025
ތި އެމް.ޕީ އަކީ ތުލުސްދޫ އަށް އެއްވެސް ކަމެއްކޮށްދޭ މީހެއްނޫން. މުޅިން ހިހޫތަނުން ކައިގެން އުޅޭނީ އަމިއްލަ އެދުމާއިގެން. ކައިރީގަ އުޅޭ އައުވާނުންނަށް ކަންތައްކޮށްދޭނީ. ޖުުމްލަކޮށް މުޅި މުޖުތަމައަށް ފައިދާވާއެއްވެސް ކަމެއްގައި އޭނައަށް އެއްޗެއް ނުލިބޭގޮތަކަށް ނުކުރާނެ.
ބައޯކަލޯ
24 March 2025
"ހިކްއަޕަށް" ދިވެހިން ކިޔަނީ އުކުނިތަ؟