ކައްޕި (ކ) 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ގޯލްކީޕަރު އިމްރާނާ އެކު.
06 އެޕްރީލް 2025 - 01:28
ގައުމީ ފުޓްބޯޅަ ޓީމާއި، ވިކްޓްރީގެ ކުރީގެ ކެޕްޓަން މުހައްމަދު އިބްރާހީމް (ކައްޕި) އަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އެބަދެ އެވެ.
ކައްޕިގެ އާއިލާ މެމްބަރަކު ބުނީ އޭނާ އަށް ސްޓްރޯކެއް ޖެހުނީ އިއްޔެ މެންދުރުފަހު އޮފީހުގައި ހުއްޓާ ކަމަށާއި، ސިކުނޑީގެ ތިން ނާރެއް ބްލޮކްވެފައިވާ ކަމަށެވެ.
"މިހާރު ވަނީ އެންޖިއޯޕްލާސްޓީ ހަދާފައި. އެކަމަކު އަދިވެސް މައި ބްލޮކް ނުފިލާތީ، މާދަމާ އަށް ބެލުމަށް ފަހު ސިކުނޑީގެ ސާޖަރީއެއް ހަދަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނީ" އޭނާ ބުންޏެވެ.
"ކައްޕިގެ ހާލު ސްޓޭބަލެއް ނޫން."
ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް ޑިފެންޑަރުގެ ކުރީގެ ކޯޗުންނާއި، އެއްކޮށް ކުޅުނު ވަރަށް ގިނަ ކުޅުންތެރިން މިރޭ ވަނީ އޭނާ އަށް ގޮވާލަން ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ.
ވިކްޓްރީ އަށް 1992 އިން 2002 އަށް ކުޅުނު ކައްޕި އަކީ އެ ޓީމުގެ ލެޖެންޑުގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ އެ ޓީމާ އެކު ގައުމީ މުބާރާތް ފަސް ފަހަރު، އެފްއޭ ކަޕް ދެ ފަހަރު، އަދި ކަޕްވިނާސް ކަޕް ވެސް ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ކާމިޔާބަކީ 2002 ވަނަ އަހަރު ވިކްޓްރީން ގައުމީ މުބާރާތް ދެ ވަނަ ފަހަރަށް މިލްކުކުރިއިރު ކެޕްޓަނުގެ ގޮތުގައި ތަށި އުފުލާލުމެވެ.
ކައްޕި ކުޅުން ހުއްޓާލީ 2003 ވަނަ އަހަރު ވާދަވެރި ނިއު ރޭޑިއަންޓަށް ކުޅުމަށް ފަހު އެވެ. އޭނާ ވަނީ އެ އަހަރުގެ ކަޕްވިނާސް ކަޕް ނިއު އިން ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނަމަވެސް އެ އަހަރު އަނިޔާވެ ކުޅުމާ ދުރަށް ދިޔައީ އެވެ.
ކައްޕި އަކީ ގައުމީ ޓީމުގެ ތާރީހުގެ ވެސް ވަރަށް ވިދުންގަދަ ކުޅުންތެރިއެކެވެ. އޭނާ ވަނީ 1999 ގެ ސާފް ޗެމްޕިއަންޝިޕުގެ ތިން ވަނަ ރާއްޖެ ހޯދިއިރު ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފަ އެވެ. އަދި ތިން ވަނަ ހޮވި މެޗުގައި ނޭޕާލް ކޮޅަށް ގޯލު ވެސް ޖެހި އެވެ. ޖެހިގެން އައި 2000 ވަނަ އަހަރު މާލޭގައި އޮތް ގޯލްޑަން ޖުބިލީ މުބާރާތުގެ ދެ ވަނަ ރާއްޖެ ހޯދިއިރު ކެޕްޓަނަކީ ވެސް އޭނާ އެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި 2001 ވަނަ އަހަރު ވެސް ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އެޅި ކައްޕި އަކީ، އައްސަދު އަބްދުލްގަނީ އާއި އަކްރަމް އަބްދުލްގަނީ އަށް ފަހު އެ ޒިންމާ އެންމެ ގިނަ މެޗުގައި އުފުލި ކުޅުންތެރިޔާ ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުނައްވަރު
06 April 2025
އަވަސް ޝިފާއަކަށް އެދެން
ކޯޗު3
06 April 2025
މުހަންމަދު އަށް އަވަސް ޝިފާ އަކަށް އެދި ދުއާ ކުރަން. ކައްޕިމެން މިސާލަކަށް ބަލާ ކުޅުންތެރިން ތަކެއް ފެންނާނެނަމަ އޭ ހިތައް އަރާ. ރިވެރި އަޚުލާގު އެއްޗަކީ. ގޭގަވެސް ބޭރުގަވެސް ދަނޑުމަތީ ވެސް ކޮންމެތާކުވެސް.
ޑރ ވާންޗޯ
06 April 2025
ﷲގެ ރަހުމަތުން އަވަސް ޝިފާއަކަށްއެދެން. އިންސާނާއަކީ ވަރަށް ނާޒުކު ހަމައެހާ ކްރިޓިކަލް އެއްޗެއް، ދެރަކަމަކީ އަހަރެމެންގެތެރެއިން ގިނަބަޔަކަށް އެކަމުގެ އިހުސާސް ނުވާކަން.
ކޮރަލް
06 April 2025
ހާލު ބޮޑު ބަލި މީހަކަށް ގޮވާލަން ދާއިރު އެމީހަކަށް ދެވޭ ވަރަކުން ފައިސާ ގެ އެހީ އެއް ހިފައިގެން ދާން ވީ އެވެ. މިއީ ފައިސާ އާ ނުލާ އެއްވެސް ކަމެއް ނުވާ ޒަމާނެކެވެ. ކުދި އަދި މެދު ފަންތީގެ އާއިލާ ތައް ގިނައިން އުޅެނީ ކިރިޔާ ދެކޮޅު ޖެހޭ ނުޖެހޭ ހާލުގަ އެވެ.
ޢަލީ މޯޑް
06 April 2025
ކައްޕިއަކީ ހިތްހެޔޮ ހުލްގު ރަގަޅު ބޭފުޅެއް އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
ރާއްޖެ
06 April 2025
ފުޓްބޯޅަ ކުރިމަގު ބަނަވީ މި ކަހަލަ ކުޅުންތެރިން މިޒަމާނުގަ ނެތީމަ.
ބަސްދީ
06 April 2025
ކައްޕިއަށް އަވަސް ޝިފާއެއް ދެއްވާށިއެވެ
ހަމީދު 25
06 April 2025
ޚުލްޤު ރަނގަޅު، ސާލިހު ސިފަތަކެއް ފެންނަންހުރި އެކުވެރި އެއް. އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން
ހުސައިން ނަސީރު
06 April 2025
ކައްޕިއަށް މާތް ﷲ ގެ ހެޔޮރަހުމަތުން އަވަސް ޝިފާއެއް ދެއްވާށިއެވެ.
ޔުސުފ ޙަސަން
06 April 2025
ކައްޕިއަށް މާތް ﷲގެރަޙްމަތުން އަވަސް ޝިފާއެއް މިންވަރުކުރައްވާށި. އާމީން.