އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް: އޭނާ އަށް ފީފާއިން ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ. ސަސްޕެންޝަން އިތުރު ކުރާކަށް ފީފާއިން ނުނިންމާ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 އެޕްރީލް 2025 - 11:57
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް، ފީފާއިން ދިން ނުވަ މަސް ދުވަހުގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވެއްޖެ އެވެ.
އެފްއޭއެމަށް ބޭރުގެ އިދާރާތަކުން ދޭ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމުގެ ތުހުމަތުގައި ފީފާގެ އިންޑަޕެންޑެންޓް އެތިކްސް ކޮމިޓީން ބައްސާމް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ފުރަތަމަ މަރުހަލާގެ ސަސްޕެންޝަނެއްގެ ގޮތުގައި ފީފާއިން އޭނާ އަށް އޭރު ކުރިމަތި ކުރި ސަސްޕެންޝަނުގެ މުއްދަތު ހަމަވީ މިދިޔަ މަހު 20 ގަ އެވެ.
ފީފާއިން ޖޫން މަހު ބުނެފައި ވަނީ އެ އިދާރާގެ އެތިކްސް ކޮމިޓީން އޭރު އެ ފިޔަވަޅު އެޅީ ފީފާއިން ދޭ ފައިސާއިން އެފްއޭއެމްގެ ވެރިން މަނީ ލޯންޑަރިން އާއި ހިޔާނާތާއި ކޮރަޕްޝަނާއި އެހެނިހެން ޖިނާއީ ކުށްތައް ކުރާ ކަމުގެ ތުހުމަތުގައި ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަންގައިގެން ފަށާފައިވާ ތަހުގީގާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށެވެ.
ފީފާއިން އެފްއޭއެމަށް ދިން ފައިސާއިން ބައްސާމް، ދެ ޕެންޓް ހައުސް ގެނަފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ކޯޓުން އެންގުމުން އެ ތަން ވަނީ ހުސްކޮށް ފުލުހުންނާ ހަވާލުކޮށްފަ އެވެ. އަދި މަނީލޯންޑަރިންގެ ދައުވާ ވެސް ބައްސާމާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
ނަމަވެސް، އޭނާގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވިތާ ދެ ހަފުތާ ވީއިރު ވެސް ސަސްޕެންޝަން ފީފާއިން އިތުރުކޮށްފައެއް ނުވެ އެވެ.
އޭނާގެ ސަސްޕެންޝަނާ ބެހޭގޮތުން ފީފާއިން އިތުރަށް ފިޔަވަޅު ނޭޅުމުން، ފުޓްބޯޅައިގެ އާންމު ގަވާއިދުތަކަށް އަހުލުވެރި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ ފީފާގެ ކުރިމަތީގައި ބައްސާމް މިހާރު މައުސޫމް މީހަކަށް ވެފައިވާ ކަމަށެވެ.
"އޭގެން މާނަ ކުރެވޭނީ ފީފާގެ ކުރިމަތީގައި އޭނާ އިނޮސެންޓޭ. އޭނާގެ މައްސަލައެއް ނެތޭ. ހީ އިޒް ފްރީ،" މައްސަލައިގެ ގޮތުން ނަން ޖަހަން ބޭނުން ނުވާކަން ހާމަކޮށް ވާހަކަ ދެއްކެވި ތަޖުރިބާކާރު ވިދާޅުވި އެވެ.
ފީފާއިން އޭރު ބައްސާމް ސަސްޕެންޑް ކުރީ ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުގައި ހިއްސާވެ ބައިވެރި ވެސް ނުވެވޭނެ ގޮތަށެވެ. އެކަމަކު އޭނާގެ ސަސްޕެންޝަން މިހާރު ނިމުމުން، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއްގައި އަލުން އޭނާ އަށް ބައިވެރިވެ ހަރަކާތްތެރި ވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަބުނީ
08 April 2025
މިއީ މިގައުމަށް ހުރި ބޮޑު ވަބާއެއްނުން.
ސަނީސައިޑްބޮންޑް
08 April 2025
މީނައަދި ފީފާގެ ރައީސްކަމަށްވެސްލާނެ
އަލިބެ..
07 April 2025
މީނާ މިރާއްޖޭގެ ވެރިކަން ކުރަން ހުރިހާ ޝަރުތެއް ހަމަވޭ!
މައްކޫ
07 April 2025
ފީފާއަކީވެސް ކޮރަޕްޓް ތަނެއްވީމަ، އެހެންތާ ވާނީ!
ފެކްޓްސ
06 April 2025
މިހާރު ދިވެހިން ހިތުން ފުޓްބޯޅަ ފުހެވިގެން ގޮސް ދިވެހިންގެ ހިތްވަނީ ފުޓްސެލް އަ ގުޅިފ
މުލޭ
06 April 2025
އަހަރެމެން އޭނާ ބައިވެރިކޮށްފިއްޔާތާ ބައިވެރި ވެވޭނީ. އޭނާ ރިޝްވަތު ދިން "ކުލަބު" ތައް އަދިވެސް ލީގުގައި ތިބީ. އެހެންވީމާ އޭނާ އަންނާނެ އަދިވެސް އެފްއޭއެމަށް. އަދި އިތުރަށް ކާލާނެ. ދެންފަހަރަކުން ގަންނާނެ ހަތަރު ޕެންޓް ހައުސް. ފީފާގެ އިސްފަރާތެއްގެ ވެސް ބައިވެރިވުން މިކަމުގައި އޮތް ކަހަލަ.
ފީފާކީ
06 April 2025
ފީފާ އަކީ ދުނިޔޭގައިވާ އެފަދަ ދެވަނައެއްނެތް ކޮރަޕްޓް އިދާރާއެއް. އެއިދާރާގެ ކުރިމަތީ ވަގުންނާއި ކޮރަޕްޓް މީހުން ހުދު ކާފޫރަށް ވާ ތަނެއް އެތަނަކީ. އަހަރެމެން ހައިރާނެއް ނުވޭ..
ރަތް ކަނބިލި
06 April 2025
ބައްސާމު"ގެ" ދެ ޕެންޓުހައުސް މިހާރުން މިހާރަށް އަނބުރާ ރައްދުކުރަން ހުކުމް ކުރާނީ ކާކު
1181
06 April 2025
2022 ގެ ކުރިންވެސް ފީފާއަކީ ކޮރަޕްހިންގާ ތަނެއްކަމަށް ކިޔާ އުޅެ. އަދި 2022 ވަނަ އަހަރު އާޕެންޓިނާ އަށް އިންފަންޓިނޯ އަޑީގައި ހުރެ ތަބަކަށްލާފައި ވޯލްޑްކަޕް ދިން ހުތުރުގޮތް ފެނުން ފަހުން އެއްވެސް ވަރަކަށް ފީފާއިން ދައްކާ ވާހަކަ ގަބޫލެއް ނުކުރަން.
ދީދާސް
06 April 2025
މިހާރު ލާންޖެހޭނީ ކޮންގްރެސް ގަ އިންނަވާ ފޮޓޯ އެއް ނޫ! ކޮއްފަ ހުރި ވައްކަމާ . ކޯޓަށް ދަމާ ފޮޓޯ.