18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަން ޗައިނާގެ ތިން ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
07 އެޕްރީލް 2025 - 14:58
ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަން ޗައިނާގެ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި މީހުން ދިރިއުޅޭ 18 ރަށެއްގައި އެނާޖީ މެނޭޖްމަންޓް ސިސްޓަމްސް (އީއެމްއެސް)އާ އެކު، އެ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓުގެ ދަށުން 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) ގާއިމްކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުނިތަކަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ޖޭވީ އޮފް ޝިޖިއާޒުއަންގް ކެލިން އިލްކެޓްރިކް ކޯ ލިމިޓެޑް އާއި ގޯޑިއަން ނަންޖިންގް އޮޓޮމޭޝަން ކޯ ލިމިޓެޑް އަދި ސައިނޯ ސޯއާ ހައިބްރިޑް (ބެއިޖިން) ޓެކްނޮލޮޖީ ކޯ ލިމިޓެޑާ އެވެ.
18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަން ޗައިނާގެ ތިން ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
މި މަޝްރޫއުގެ ދަށުން ހދ. ހަނިމާދޫގައި 2،000 ކިލޯވޮޓް އަވާ، ށ. މިލަންދޫގައި 2،500 ކިލޯވޮޓް އަވާ، ނ. ހޮޅުދޫގައި 1،500 ކިލޯވޮޓް އަވާ، ނ. މަނަދޫގައި 3،000 ކިލޯވޮޓް އަވާ، ނ. ވެލިދޫ 3،000 ކިލޯވޮޓް އަވާ، ރ. އަލިފުށީގައި 2،000 ކިލޯވޮޓް އަވާ، ރ. ހުޅުދުއްފާރުގައި 1،500 ކިލޯވޮޓް އަވާ، ބ. ދަރަވަންދޫގައި 2،500 ކިލޯވޮޓް އަވާ، ބ. ތުޅާދޫގައި 3،000 ކިލޯވޮޓް އަވާ، މ. މުލަކުގައި 2،000 ކިލޯވޮޓް އަވާ، މ. މުލީގައި 2،000 ކިލޯވޮޓް އަވާ، މ. ވޭވަށުގައި 500 ކިލޯވޮޓް އަވާ، މ. ރަތްމަންދޫގައި 500 ކިލޯވޮޓް އަވާ، ތ. ގުރައިދޫގައި 2،500 ކިލޯވޮޓް އަވާ، ތ. ތިމަރަފުށީގައި 3،000 ކިލޯވޮޓް އަވާ، ގއ. މާމެންދޫގައި 1،000 ކިލޯވޮޓް އަވާ، ގދ. ފަރެސްމާތޮޑާ 3،000 ކިލޯވޮޓް އަވާ އަދި ގދ. ގައްދޫގައި 2،500 ކިލޯވޮޓް އަވާގެ ސްޓޯރޭޖް ސިސްޓަމެއް ބަހައްޓާނެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ އިޔާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ ލަނޑުދަނޑި ހާސިލްކުރުމެވެ.
މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓައި، އެ ރަށްތަކުގައި އިތުރު ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރުމުން ގްރިޑް ސްޓެބިލައިޒްކުރުމަށް މަގުފަހިކޮށްދީ، އިތުރު ސޯލާ ޕީވީ ކެޕޭސިޓީ ވިއުގަ އަށް ގުޅުމަށް ފުރުސަތު ފަހިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބަހައްޓަން ޗައިނާގެ ތިން ކުންފުންޏަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ތިމާވެއްޓާ ބެހޭ މިނިސްޓްރީ
"މަގޭ ސޯލާ" ޕްރޮގްރާމްގެ ދަށުންނާއި އަމިއްލަ ގޮތުން ގޭގޭގަ އާއި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކުރުމަށް ވެސް މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި 38 މެގަވޮޓް އަވާގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ހަރަދު ސަލާމަތްކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
07 April 2025
މީހަމަބޭކާރު ބޮޑުއިސްރާފެއް، ދުވަސްކޮޅެއްވާއިރު ތިޔައެއްޗެހި ކުނިގޮނޑަކަށްވާނެ، (ބެލެހެއްޓުމެއްނޯންނަނެ މެއިންޓަނަންސްސެއްނުކުރާނެ) ސޯލާޕެނަލޭ އިޔާދައޭ ކިޔައިގެން ރާއްޖޭގައި ހަޑިހާވަނީ، ރައްޔިތުން އިޔާދަކުރަނިވި ހަކަތައިގެ ތެރެއަށްވަނަނުދީ އޮޅުވާލުމެއްގެތެރޭގައި ބޭތިއްބުމަށް މަސައްކަތްކުރާފަދަގޮތެއް އަޅުގަނޑަށްދޭހަވަނީ! މިހާތަނަށް އެޅިހާސޯލާޕެނަލުން ރައްޔިތުންނަށްކުރިފައިދާއެއްނެތް، ކަރަންޓު އަގުހެވެއްނުވޭ
ސޯބު
08 April 2025
މީ ވަރަށް ބޮޑު ތެދެއް. އެއްސަރުކާރަކުން ކޮށްފައި ހުންނަ މިކަހަލަ ކަންކަމަކާ އަނެއް ސަރުކާރަކުން ނުބެހެ. މާނައަކީ އަޅާނުލާ ވީރާނާ ވެގެން ދާން ދޫކޮށްލަނިއްޔޭ. މިސާލަކަށް ހއ އުލިގަމުގައި ގާއިމުކުރި ވައިން ހަކަތަ އުފައްދާ ނިޒާމަކީ ކާމިޔާބު ކަމާ އެކީ ބޭނުން ކުރެވުނު ނިޒާމެއް. ނަމަވެސް ދެން އައި ސަރުކާރުތަކުން އަޅާނުލުމުގެ ސަބަބުން މިހާރު އެހުރީ ބޭކާރު ވެފައި.
ބަބުޅާ
07 April 2025
ދެރަކަމަކީ ހުރިހާކަމަކުން ދިވެހިން ބާކީކޮށް ބޭރުގެ ކުންފުނިތަކާ ހަވާލުކުރުން. މިކަމުގެ ގާބިލު ކުންފުނިތައްވެސް ރާއްޖޭގަ އެބަހުރި. ސޯލާއިންޑަސްޓްރީ އެއްހަދާ ދިވެހި ކުންފުނިތަށް ނެރުމުގެ ބަދަލުގައި ޗައިނާގެ ކުންފުނިތަކަށް ދިނުމަކީ ދެރަކަމެއް. ގައުމިއްޔަތުގެ ބައެއްމީ ދިވެހިން މި އިންޑަސްޓްރީއަށް ނެރުން. ވިސްނާލުން ރަގަޅު
1818
07 April 2025
ތި ސޯލާ ޕަވާރއަކުން ފާއިތުވި އަހަރުތަކުގައި ސްޓެލްކޯ އަދި ފެނަކަ ބިލުން. 1 ރުފިޔާވެސް ނުކަޑާ! ބްރިޖްގައި ހަރުކުރި ޕެނަލްތަކުން، 1 ރުފިޔާވެސް ކަރަންޓް ބިލުން މަދެއް ނުވޭ! ތީ މި ގައުމަށް ލިބޭ ފަންޑްކޮޅު ހުސްކޮށްލަން ކުރާކަމެއް!
ރެޓޭ
07 April 2025
ތިހެން ނަހަދާ 1 ރަށެއް މިޅިން ސޯލާ އެނަރޖީ ކޮށްބަލަ! ކޮންމެ ރަށެއްގަ އެތިކޮޅެއް ބެހެއްޓީމާ އެ އަކު ނުވޭ މި އަކު ނުވޭ! ރަށަށް ޑީސެލް ނާރުވާވަރު ވޭތޯ ބަލާބަލަ!