ދ. ކުޑަހުވަދޫގައި ހިންގާ އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި އެސެމްބްލީއެއްގައި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
08 އެޕްރީލް 2025 - 14:28
ސްކޫލުތަކުގައި ބާއްވާ ރަސްމިއްޔާތުތައް ޝަރަފުވެރިކޮށްދެއްވާ މެހްމާނުން ވާން ޖެހޭނީ އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާ ބޭފުޅުންނަށް ކަމަށް ކަނޑައަޅައި އެޑިއުކޭޝަން މިނިސްޓްރީން އާ އުސޫލެއް ހަދައިފި އެވެ.
އެ މިނިސްޓްރީން މިދިޔަ ފެބްރުއަރީ 27ގައި ސްކޫލުތަކަށް ފޮނުވައި، ދިރާސީ އާ އަހަރާއެކު އިއްޔެ އަމަލުކުރަން ފެށި އުސޫލުގައި ވަނީ ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމުގައި ބަލާނެ އާ މިންގަނޑުތައް ކަނޑައަޅައިފަ އެވެ.
މީގެ ކުރިން އަމަލުކުރަމުން ދިޔައީ ސެޕްޓެމްބަރު 8، 2019 ގައި ނެރުނު އުސޫލަށެވެ. އޭގައި، ޝަރަފުވެރި މެހެމާނުން ހަމަޖެއްސުމުގައި ބަލާނެ މިންގަނޑުތަކެއް ނެތެވެ. ނަމަވެސް، އާ އުސޫލުގައި ބުނީ ޝަރަފުވެރި ކުރުމަށް ހަމަޖައްސާ ފަރާތަކީ މުޖުތަމައު ގަބޫލުކުރާ އަދި އަހުލާގީ ގޮތުން ދަރިވަރުންނަށް ނަމޫނާއަކަށްވާ ފަދަ ބޭފުޅަކަށް ވާންޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން އެއްވެސް ބާވަތެއްގެ ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިވާ އަދި އެފަދަ ކުށެއްގެ ތަހުގީގެއް ކުރާ މީހަކަށް ވެސް ވެގެން ނުވާނެ ކަމަށް ބުންޏެވެ. ކުށެއް ސާބިތުވިއަސް ހުކުމް ތަންފީޒުކޮށް ނިންމިތާ 10 އަހަރު ވާންޖެހޭނެ ކަމަށް، މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި އުސޫލުގައިވެ އެވެ.
ކުޑަކުއްޖަކަށް އެއްވެސް ބާވަތެއްގެ ގޯނާއެއް ކުރުމުގެ ކުށެއް ސާބިތުވެ އަދި އެފަދަ ރިކޯޑެއް އޮތް މީހަކަށް، ސްކޫލުގެ އެއްވެސް ރަސްމިއްޔާތެއް ޝަރަފެއް ނުކޮށްދެވޭނެ ކަމަށް އޭގައިވެ އެވެ.
އާ އުސޫލުގައި ވަނީ ޝަރަފުވެރި މެހެމާނުން ކަނޑައެޅުމުގައި ބަލާނެ ގިންތިތައް ވެސް ހަމަޖައްސައިފަ އެވެ.
ޝަރަފުވެރި މެހެމާނުން ހަމަޖައްސާނީ އަހަރީ އިނާމު ދިނުމުގެ ޖަލްސާ އަދި ސްކޫލުގެ އަހަރީ ދުވަސްތަކުގެ ތެރެއިން މުޖުތަމައުގެ ބައިވެރިވުމާއެކު މިނިސްޓްރީން ރަސްމީކޮށް ފާހަގަކުރާ އަހަރީ ދުވަސްތަކަށެވެ. އޭގެ ތެރޭގައި ސްކޫލަށް 10 އަހަރާއި 25 އަހަރާއި 50 އަހަރާއި 75 އަހަރު އަދި 100 އަހަރު ފާހަގަކުރާ ރަސްމިއްޔާތާއި ދަރިވަރުންނަށް މަގާމު ހަވާލުކުރަން ބާއްވާ އަދި ސްކޫލުގެ ގްރެޖުއޭޝަން ރަސްމިއްޔާތު ހިމެނެ އެވެ.
އެ އަހަރީ ދުވަސްތައް ފިޔަވައި ދެން ބާއްވާނީ ސްކޫލު ފެންވަރުގައި ބާއްވާ ރަސްމިއްޔާތުތައް ކަމަށް އުސޫލުގައި ވެ އެވެ. އެހެންވެ، އެ އަހަރުތައް ފާހަގަކުރާ ހަފުލާ ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ މިނިސްޓްރީއާ މަޝްވަރާކޮށްގެން ހަމަޖައްސާ ބޭފުޅެކެވެ.
ރަސްމީ ދުވަސްތައް ފާހަގަކުރާ ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދޭނީ މިނިސްޓްރީން ކަނޑައަޅާ މީހެކެވެ.
ހާއްސަ އެސެމްބްލީއާ ދަރިވަރުންގެ ހާއްސަ ހުނަރުތައް ދައްކާލަން ބާއްވާ ހަރަކާތްތައް އަދި ޔުނީފޯމް ހަރަކާތްތަކާއި ސްކޫލު ފެންވަރުގައި ބާއްވާ ތަފާތު މުބާރަތްތައް ޝަރަފުވެރިކޮށްދެއްވާނީ އެ ސްކޫލުގެ ޕްރިންސިޕަލް ނުވަތަ ޕްރިންސިޕަލް ކަނޑައަޅާ އެހެން ސްކޫލެއްގެ ޕްރިންސިޕަލް ނުވަތަ ދާއިރާގެ ފަންނީ ބޭފުޅެކެވެ.
ދަރިވަރުން މަގާމުތަކަށް އައްޔަންކުރާ ރަސްމިއްޔާތު އަދި ސްކޫލުގެ ގްރެޖުއޭޝަން ބާއްވާނީ ސްކޫލުގެ ޕްރިންސިޕަލެވެ.
ޝަރަފުވެރި މެހެމާނުންގެ ގޮތުގައި ދައުލަތުގެ ތިން ބާރުގެ ވެރިންނާއި މިނިސްޓަރުންނާއި މަޖިލީހުގެ މެމްބަރުން އަދި ބޭރު ގައުމުތަކުން ރާއްޖެ ކަނޑައަޅާފައިވާ ސަފިރުންނަކީ އެކި ހަރަކާތްތަކުގައި ބައިވެރިވުމުގައި ވަކި ޕްރޮޓޮކޯލެއްގެ ތެރެއިން ކަންކަން ފަހިވެފައިވާ ބައެއް ކަމަށް ވާތީ، އެ ބޭފުޅުންނަށް ދައުވަތު ދޭނީ މިނިސްޓްރީން ކަމަށް ބުންޏެވެ.
ކުރީގެ އުސޫލުގައި ވަނީ ޝަރަފުވެރިން ހަމަޖެއްސުމުގައި ގިންތިތަކެއް ކަނޑައަޅައިފަ އެވެ. އޭގެ ތެރެއިން، ކެބިނެޓު މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑާއި ޔުނިވާސިޓީތައް އަދި ދައުލަތުގެ އިސްވެރިން ޝަރަފުވެރި ކޮށްދެއްވާނީ ސާނަވީ ސްކޫލު ނިންމާ އިމްތިހާނުތަކުން 60 ޕަސެންޓް ފާސް ނަތީޖާއެއް ނެރެފައިވާ ސްކޫލުތައް ކަމުގައި އޭރު އޮތީ ހަމަޖައްސައިފަ އެވެ.
އޭގެ އިތުރުން މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލުތައް ނުވަތަ ސާނަވީ އިމްތިހާނު ނިންމާ އިމްތިހާނުތަކުން ތިން މާއްދާއިން 100 ޕަސެންޓު ފާސްވެފައިވާ ނަމަ ވެސް، އެ ބޭފުޅުންނަށް ދައުވަތު ދެވޭނެ ކަމަށް ބުންޏެވެ. އެކަމަކު، އެގޮތަށް ދައުވަތު ދެވޭނީ މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ލިބިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
09 April 2025
އަހުރެން ސިޓީ ވައްޓާލާންން 135 އަހަރު ފުރޭ ރަސްމިއްޔާތަށް ހޮވޭތޯ. ހޮވެން ޖެހޭނެ. ކަލޭމެންގެ ވަށަފަރު ރައީސު މީހާ ގެންދަން ވެސް، ފޯމު ފުރައިގެން ސަރުތު ހަމަވޭތޯ ބަލަން ޖެހޭތާ؟
ރާވެރިބެ
09 April 2025
ކިހިނެތްވީ؟ އަނެއްކާ ހިތްހަމަ ނުޖެހޭ މީހަކަށް ދައުވަތު ދެވުނީބާ؟
އުސޫލުން
09 April 2025
އާ އުސޫލުހަދާ ނިމުނުއިރު، ހެދުނު އުސޫލުގެ ތެރެއިން އާއުސޫލުވަނީ ފޫގޮސް ބޭކާރު އެއްޗަކަށްވެފައި. އެހެންކަމުން ކިތަންމެ މާތް މަގުސަދެއްގައި ހެދުނު އުސޫލެއްކަމުގައި ވީނަމަވެސް އުސޫލުހަދާ ނިމުނުއިރު މަގުސަދުވަނީ ގެއްލިފައެވެ.
އުސްމާނުބެ
09 April 2025
ތިޔަބުނަ އުސޫލު ހަދހަންވީ ސަރުކާރުގެ އިސްވަޒީފާތަކާ އަދި އަމްދުން މަޖްލިސްމެންބަރުންނައް އޭރުން ތިޔަބުބާނާ ޝަރުތުތައް ދެން އޮންނާނީ ބޮޑުބައި ހަމަ ވެފަ . އެހެން ނޫނީ ބޭކާރު ކަމެއް ... ނިމާއިރު މިފެންނަނީ އެއްކަލަ ޒިންމާދާރު އަދި އިއްޒަތްތެރި ހިންގުންތެރިން ނޭކިޔާފަ ދެން އަންނަ ބޮޑުބައި އޮންނަނީ ހައްޕުޑު
ސާހިލް ހަސަން
09 April 2025
ވަރަށް ހަމަނުޖެހޭ އުސޫލެއް ކަމަށް ފެންނަނީ. ރާއްޖެޔަށާއި ދައުލަތަށާއި ސަރުކާރަށް އަމާނާތްތެރިކަމާއެކު ދިގު މުއްދަތަށް ޚިދުމަތްކޮށްފައި ތިއްބެވި ޢިއްޒަތްތެރީން ހަވާސާކޮށްލީ. ދައުލަތުން ހިތްވަރުދިނުމުގެ އިނާމާއި ޤައުމީ ޝަރަފުގެ އިނާމު ދީފައިވާ މީހުން ބަޔަކަށް ނުވީ. ރާއްޖޭގެ ރައްޔިތުންނަށް އެތައް ރޮނގަކުން އަގުހުރި އެތައް ޚިދުމަތެއް ކޮށްދީފައި ތިބި މަދަދުގާރުން އެއްފަރާތްކޮށްލީ. އަދި މި ފެންނަނީ "ޓިޕް އޮފް ދަ އައިސްބާގް"!
ސުނޭނާ
10 April 2025
ބަރާބަރު ވާހަކައެއް! ހަގީގީ އަބުރުވެރި އިއްޒަތްތެރި ދުވަސްވީ ހިދުމަތްތެރިން މާޖިނަށް ހަވާސާޔަށް ލީ ގަވައިދަކީ މި އާ ގަވައިދު.
އެކްސްް
09 April 2025
ތިއީ މާބޮޑުކަމެއްނޫން. ވެރިކަން ކުރާ ޕާޓީން ކަނޑަޅާމީހަކު ޝަރަފުވެރި މެހުމާނަކަށް ހަމަޖެއްސީމަ ނިމުނީ. މާހާސަރު ދިގުކުރުމުގެ ބޭނުމެއްނެތް.
ޏައިގު
09 April 2025
ސިޔާސީ އެެއްވެސް މީހެއް މި މިންގަނޑަށް ފެތޭނެ ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.ދޮގުހެދުމާއި ރައްޔިތުންގެ ލާރިން ވައްކަން ކުރާމީހުން ދަރިވަރުން ކުރިމައްޗަށް ގެނައުމަކީ ހަޑިކަމެއް.
މހއމ
09 April 2025
އާނ ތިހެން އަހަރެންވެސް މި ހިތަށް އެރީ. އެކަމަކު އެ ނޫން ބަޔަކު ހިޔެއްނުވޭ ހޮވާނެ ހެނެއްވެސް.
ހަގީގީވާހަކަ
08 April 2025
ތިޔަ ޝަރުޠުތައް ހަމަވާ މީހަކު މިރާއްޖެއިން އަތްފުނާ އަޅައިގެންވެސް ލިބިދާނެކަމާއިމެދު ޝައްކު. ދެން ޝަރުޠު ހަމަނުވިޔަސް މިވަގުތު ނުފޫޒުގަދަ މީހުންނަކާއި ނުކުޅެވޭނެ. ބާކީވާނީ އާރެއްބާރެއްނެތް މީހުން.
ޙަމްނާ
08 April 2025
ތިި ނިންމުމާއި އެކު މިނިސްޓްރީގެ ހިންގުންތެރިން މުރާލިވެސް ވާންވާނެ. މިނިސްޓްރީން ހުއްދަ ނުލިބިގެން ،މެއިލް އަށް ރިޕްލައި ނުލިބިގެން ރަށްފުުށުގައި ކިޔަވާ ކުދިންނަށް އިހްމާލްވާން ނަހަދާތި!
ރާއްޖެ
08 April 2025
ޖަލްސާތައް ބާއްވާ ފަރާތްތަކުން ސިޔާސީ މީހާ ނޫނަސް ޝަރަފްވެރިން ތިބޭނެ ކަން ދަންނަން އެބަޖެހޭ. އެކި ދާއިރާތަކުން ކިޔަވައިގެން ތިބޭ މީހުން، މަސައްކަތްތެރިން، ގައުމަށް ރީތި ނަން ހޯދާފައިވާ ކުޅުންތެރިން.
ސލހ6
09 April 2025
ގައްބަރޭމެން ވެސް ހަމަ ސަޅިއޭ...