ކޮމަންޑޫ ޕޮލިސް ސްޓޭޝަން.-- ފޮޓޯ: މިހާރު
09 އެޕްރީލް 2025 - 13:27
އެކި ރަށްރަށުގައި ޕޮލިސް ސްޓޭޝަންތަކުގެ ކުއްޔަށް މިދިޔަ އަހަރު 15 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ދޭން 146 ތަނެއް ހިންގަ އެވެ. އެއީ 89 ޕޮލިސް ސްޓޭޝަނަކާއި 44 ޕޮލިސް ޕޯސްޓު އަދި 13 ޕޮލިސް ޑެސްކެވެ.
އޭގެ ތެރެއިން ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ހިންގަނީ އެންމެ 15 ތަނެވެ. އަދި އެ ހިދުމަތް ދިނުމަށް 97 ތަނެއް ކުއްޔަށް ނަގައިގެން ހިންގާ ކަމަށް ވެސް އިއްޔެ ހިއްސާކުރި މައުލޫމާތުތަކުގައިވެ އެވެ. ބާކީ 34 ތަން ހިންގަނީ ކުއްޔަކާ ނުލަ އެވެ.
ރަށްރަށުގައި ފުލުހުންގެ ހިދުމަތް ދިނުމަށް ކައުންސިލް އިދާރާގެ އިމާރާތްތަކާއި އަމިއްލަ މީހުންގެ ތަންތަން ބޭނުންކުރެ އެވެ.
ޕޮލިސް ސްޓޭޝަންތަކުގެ ކުއްޔަށް އެކަނި ވެސް މިދިޔަ އަހަރު 15.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ، ފުލުހުންގެ މިދިޔަ އަހަރުގެ 2.1 ބިލިއަން ރުފިޔާގެ ބަޖެޓުގެ އެއް ޕަސެންޓެވެ.
ކުލި ދައްކާ އިމާރާތްތަކުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ކުރަނީ ގަލޮޅު ޕޮލިސް ސްޓޭޝަނަށެވެ. އެ ތަނުގެ ކުއްޔަށް މަހަކު 150،000ރ. ދައްކަ އެވެ.
އެ ތަނުގައި ޕޮލިސް ސްޓޭޝަން ހިންގަން ސޮއިކުރީ އޮކްޓޯބަރު 6، 2022 ގަ އެވެ. އެއީ ދެ އަހަރާއި ހަ މަސް ދުވަހަށެވެ. އެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އެގްރިމެންޓުގެ މުއްދަތާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
އަމިއްލަ ޕޮލިސް ސްޓޭޝަންތަކުގެ ތެރެއިން އެންމެ ކުޑަ ކުއްޔެއް ދައްކަނީ ލ. މާބައިދޫ ޕޮލިސް ސްޓޭޝަނަށެވެ. އެއީ 7،000ރ. އަށެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 1، 2024 ގައި ތިން އަހަރުގެ މުއްދަތަށެވެ.
ފުލުހުންގެ އަމިއްލަ ޕޮލިސް ސްޓޭޝަންތައް މަދުވުމުން ސަރުކާރުން ވަނީ 75 ރަށުގައި އާ އިމާރާތްތައް އަޅަން ތިން ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.
އާރުޑީސީއާ ފެނަކަ އަދި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ތެރެއިން ބައެއް ސްޓޭޝަންތައް މި އަހަރު ނިންމާނެ އެވެ.
މިނިސްޓްރީން ބުނީ އެއީ ފުލުހުންގެ 91 އަހަރުވީ ތާރީހުގައި މިހާތަނަށް ހިންގޭ އުމްރާނީ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ. އެ މަސައްކަތްތައް ނިމުމުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކޮށް، ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ އަދި ޒަމާނީ މަރުކަޒުތައް ގާއިމްކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮއްލި
09 April 2025
ފުލުހުންގެ އޯލެވެލުން ފާސް ނުވާ މީހައަށް ވެސް 15000 މަތީ އާމުދަނީ. ކުރަަ ކަމެއް ހަރާން. މުޅި މުއައްސަސާއަށް ބަލާއިރު ގިނައީ ތައުލީމީ ގޮތުންނާ އަޚުލާގީ ގޮތުންވެސް ކަމުނުދާ އަންޕުރޮފެޝަނަލް މީހުން. އަނެއްކާ އެހާ ނާތަހުޒީބު ވިސްނުން ހުންނަނީ ވެސް. ސިފައިން ހަމަ ބެސްޓް!!!
ކެއްސާ
10 April 2025
ޕޮއްލިގެ ތައުލީމީ ސަނަދުތައް ކިޔާލަދީބަލަ.
އައްޔަ ބެއްޔާ
09 April 2025
ކާންދީ ޔުނިފޯމް ދީ މުޅި އައުލާދަށް އަގުބޮޑު ޕުރައިވެޓް ހޮސްޕިޓަލްތަކުން ސަރުކާރު ހަރަދުގައި ބޭސް ފަރުވާ ކޮއްދިނަސް ފުލުހުންގެ ފަރާތުން ރައްޔިތުންނަށް 10 ޕަސެންޓު ހިދުމަތް ވެސް ނުލިބޭ. އަމަން އަމާން ކަމެއް، ޓުރެފިކެއް ނުބެލެހެއްޓޭ. ގޭންގުތައް މައިތިރި އެއް ނުކުރެވޭ. ރައްޔިތުންނާ ރީއްޗަށް މުހާތަބު ކުރާކަށް ނޭގެ. އާދައިގެ އާއްމު ރައްޔިތު މީހާ ކުރިމަތީ ފުއްޕިއަސް ގޭންގުސުޓާރުންނާ ޑުރަގު މީހުން ކުރިމަތީގައި ފުލުހުންގެ އެއްވެސް ޗަސްޕެއް ނުހުރެ
ރިޓަޔަރ ޕޮލިސް ސްޓާފް ސާރޖަންޓް
09 April 2025
ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ކުއްޔަށް -/150000ރ ހަރަދު ކުރާއިރު އެނޫންގޮތެއް ހަމަނެތީބާ؟ ދެން ބަލާލަންވީ މާލޭގެ ޓްރެފިކް ޕޮލިސް އޮފީސް ހިންގާ އިމާރާތް ތަކަށް. ފުލުހުންގެ އެއްވެސް ބިމެއްގަ ހުރި އެއްވެސް ތަނެއް އެބަހުރިތޯ؟ މައި އޮފީސް ހުރީ އެސްޓީއޯ ބިމެއްގަ. ޓޯޔާޑާއި ވަލަލޭޝަން މެނޭޖްމަންޓް ހުރީ ސިޓީ ކައުންސިލް ބިންތަކުގަ، ދެން އޮތީ ކުޅިވަރު އެކުވެނި ފުރާލާފަ. ޓޯ ޔާޑް ތެރޭގަ ހުރޭ ފިލަޔާއި ޓިނުން ހަދާފަ ހުންނަ ތަނެއްވެސް. އެއީ ބުރިޖު ޕޮލިސް އޮފީސް
ބުރިގާޑިޔާ
09 April 2025
ދިވެހި ފުލުސް އިދާރާގެ ވެރިންގެ ނެރޯ މައިންޑަޑް ކަން މިފެންނަނީ. ޢާއްމު މީހެއްގެ ބިމެއްގައި ފުލުހުންގެ އިދާރާ ހިންގަން ވީމާ ކޮބާތޯ ނޭޝެނަލް ސެކިޔުރިޓީ. ކޮބާތޯ ތިމުއައްސަސާގެ ހައިބަތު ކަރާމާތް. މިއީ ދެން ބޮޑު ވަރޭ.
ބާބަސް
09 April 2025
ވާކަމެއް ހަރާން. ސަރުކާރު ދަމަހައްޓަން ތިބޭބަޔެއް. ބޭނުންވީމަ ސަރުކާރު ވައްޓާވެސްލާ.
ހަސަން ފޭދޫ
09 April 2025
ތިވަރު ތީ ހަމަ ރަނގަޅު ވަރެއް، ތިހުރިހާ ތަނެއް ފުލުހުންގެ ނުވަތަ ދައުލަތުގެ އިމާރާތްތަކުގައި ހިންގަން ބޭނުން ކަމަށްވާނަމަ މި ދައްކަނީ 1 ބިލިޔަނެއްހާ ރުފިޔާގެ އިމާރާތް އަޅަންޖެހޭ ވާހަކަ. 15 މިލިޔަން އަހަރަކަށް ބަލަންޔާ 50 ނުވަތަ 60 އަަހަރުގެ ކުލި މިކަމަށް ހަރަދުވާނެ. އެހާ ދުވަހު އިމާރާތްވެސް ނުހުންނާނެ!!
ޕޮލީ
09 April 2025
ބޭކާރު ގޮތުގަ ތަންތަން ކުއްޔަށް ނުހިފައި، އަހަރަކު 15 މިލިއަން ހަރަދު ކޮށްގެން 15 ޕޮލިސް ސްޓޭޝަން ގާއިމު ކުރިއްޔާ މާ ރަނގަޅެއްނު
ނުމިރާތު
09 April 2025
ތި ބުނީ 1 މިލިޔަން ރުފިޔާއިން ޕޮލިސް ސްޓޭޝަނެއް އެޅޭނެޔޭތަ. އެއީ ފީ އިލޮށިންތަ.
ހަބަރޭ
09 April 2025
ބޭކާރު ހަރަދެއްމީކުރަމުންގެންދާ.