ތުލުސްދޫ ޕޮލިސް ސްޓޭޝަން ހިންގާ އިމާރާތް ހުސްކޮށް، ތިން މަސް ދުވަހުގެ ތެެރޭގައި އެ ތަން ހަވާލުކުރަން އަންގައި، އެ ރަށު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
އެ ކައުންސިލުން މިދިޔަ މަހު ބޭއްވި ޖަލްސާގައި ފާސްކޮށް، ސޯޝަލް މީޑިއާގައި މިއަދު އާއްމުކުރީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މީގެ ކުރިން ނިންމި ނިންމުމަށް ތާއިދުކުރާ ކަމަށް ބުނެ ފާސްކުރި ގަރާރެކެވެ.
ކައުންސިލުން ބުނީ ޕޮލިސް ސްޓޭޝަން ހިންގާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިމާރާތާއި ގޯތި، ކުއްޔަކާ ނުލައި ނޮވެމްބަރު 11، 2014 ގައި ތިން އަހަރަށް ދިނީ އަމިއްލައަށް މަރާމާތުތައް ކުރުމަށް ޝަރުތުކޮށްފަ އެވެ.
އެ އެގްރިމެންޓު އޮކްޓޯބަރު 10، 2017 ގައި ވަނީ ހަމަވެފަ އެވެ.
ގަރާރުގައި ބުނީ، އެ މުއްދަތު ހަމަވި ފަހުން މިވީ ހައެއްކަ އަހަރުގެ ތެރޭގައި އެކި ފަހަރު މަތިން ތުލުސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިދާރާ އަދި ސަރުކާރު ހިންގާ އިސްވެރިންނާ ކައުންސިލުން ބައްދަލުކޮށް، އަންހެނުން ކޮމެޓީއަށް އާމްދަނީ ލިބޭނެ ގޮތް ހަދައިދިނުމަށް އެދިފައިވާ ކަމަށެވެ.
އޭގެ ތެރެއިން، ކުރިއަށް އޮތް ފަސް އަހަރަށް އިމާރާތް ދޫކުރެވޭނީ ކުއްޔަށް ކަމަށް ބުނެ ނޮވެމްބަރު 1، 2021 ގައި ފުލުހުންނަށް ސިޓީ ފޮނުވި ކަމަށާއި އެގޮތަށް އެއްބަސްވުމުން އެގްރިމެންޓުގެ ޑްރާފްޓް ޖެނުއަރީ، 2022 ގައި ޕޮލިހަށް ފޮނުވައި ދެ އަހަރު ވިއިރު ވެސް އެ އިދާރާއިން ޖަވާބެއް ނުދޭ ކަމަށް ބުންޏެވެ.
ގަރާރުގައި ބުނީ އެގްރިމެންޓުގައި ސޮއިކުރަން ކައުންސިލުން ފުލުހަށް ސިޓީއެއް ފޮނުވައި 15 ދުވަސްތެރޭގައި ސޮއިކޮށް އެގްރިމެންޓު އަނބުރާ ކައުންސިލަށް ފޮނުވުމަށް ވެސް އެދިފައިވާ ކަމަށެވެ. އަދި ފުލުހުން އެ އެގްރިމެންޓުގައި ސޮއިނުކުރާނަމަ ތުލުސްދޫ ޕޮލިސް ސްޓޭޝަން ހިންގާ އިމާރާތާއި ގޯތި ހުސްކޮށް، ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ވަނީ ގަރާރު ފާސްކޮށްފަ އެވެ.