މޯލްޑިވް ގޭހުގެ އެމްޑީ ދިދަ ނަގަނީ. ފައިސާ ނުލިބޭތީ ގާނޫނީ ފިޔަވަޅު އަޅަނީ -- ފޮޓޯ: މޯލްޑިވް ގޭސް
10 އެޕްރީލް 2025 - 10:50
ގޭސް ގެންނަން ދުބާއީގެ ކުންފުންޏަކަށް މޯލްޑިވް ގޭހުން އެޑްވާންސްގެ ގޮތުގައި ދޫކުރި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) މިހާތަނަށް ލިބިފައި ނުވާތީ އެ ކުންފުންޏާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވް ގޭހުން މިއަދު ބުނެފި އެވެ.
ރާއްޖެ އަށް ކައްކާ ގޭސް އެތެރެކޮށް ވިއްކާ ސަރުކާރުގެ ކުންފުނިން ބުނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެޑްވާންސް ފައިސާގެ ގޮތުގައި ދުބާއީގެ ޖަކްޝާ އެނާޖީ އަށް ދެއްކީ ގޭސް ޝިޕްމެންޓްގެ 30 ޕަސެންޓަށްވާ ފައިސާ ކަމަށްވާ 3.7 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް ކަނޑައެޅި މުއްދަތުގެ ތެރޭގައި ގޭހުގެ ޝިޕްމެންޓް ނުލިބުމުން، ދުބާއީގެ ކުންފުންޏަށް ދެއްކި އެޑްވާންސް ފައިސާ ހޯދުމަށް މަސައްކަތް ފެށި ކަމަށް މޯލްޑިވް ގޭހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ، ސަޕްލަޔަރާއެކު އެކި ފަހަރު މަތިން ވާހަކަ ދައްކައިގެން ވެސް އެޑްވާންސް ފައިސާ މިހާތަނަށް އަނބުރާ ދީފައި ނުވާ ކަމަށެވެ.
އާންމުކޮށް މޯލްޑިވް ގޭހުން ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
"ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކައް މިހާރު ވެސް މަސައްކަތް ކުރަމުންދަނީ. އެޑްވާންސް ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުންފުނީގެ ގާނޫނީ ޓީމުން ކުރިއަށް ގެންދަން. މި މުއާމަލާތުގައި އެއްވެސް ހިޔާނާތެއް ހިނގާފައި ނުވާކަން ކުންފުނިން ކަށަވަރުކޮށްދެން،" ލިޔުމުން ފޮނުވި ޖަވާބުގައި މޯލްޑިވް ގޭހުން ބުންޏެވެ.
މޯލްޑިވް ގޭހުން ބުނީ، ގޭސް ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެ. "ރިކުއެސްޓް ފޯ ކޯޓޭޝަން" ފޮނުވައި، ގޭސް ގަންނަނީ އިތުބާރު ހިފޭ އެންމެ އަގު ހެޔޮކޮށް ގޭސް ފޯރުކޮށްދޭ ސަޕްލަޔަރެއްގެ ބަލައިގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގޭސް ގަންނަން ދުބާއީގެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދިން ފައިސާ އަނބުރާ ނުލިބުނު މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ދެއްކެވި ވާހަކަތަކަކާ އެކު އެވެ.
މި ސަރުކާރު ހިންގާ ޕީއެންސީގެ ވެސް އިސް މެމްބަރު ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވިގޮތުގައި، ގޭސް ގަންނަމުން އައި ކުންފުނި ބަދަލުކުރި ސަބަބު ވެސް މޯލްޑިވް ގޭހަށް ސާފުނުކޮށްދެވުނެވެ. އެ މައްސަލައިގައި މޯލްޑިވް ގޭހުގެ ޕޭރެންޓް ކުންފުނި، އެސްޓީއޯ އިން އެކަން ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި މައްސަލަ ފެންމަތިވުމާ އެކު، އެސްޓީއޯ އިން މިހާރު ވަނީ ގޭސް ގަތުމުގެ ހުރިހާ ބާރެއް މޯލްޑިވް ގޭހުގެ އަތުން ނަގާފައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ގޭސް ގެނައުމުގެ ކަންކަން އެސްޓީއޯގެ ބެލުމުގެ ދަށުން ކުރަން ފެށީ އެ ފައިސާ ގެއްލުމުގެ މާކުރިންނެވެ. މިކަމާ ގުޅޭ ގޮތުން އެސްޓީއޯ އިން އަދި ވާހަކައެއް ނުދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢެޑްމުންޑޯ
10 April 2025
އެންމެ މުހިއްމު ގާނޫނީ ފިޔަވަޅަކީ ތިކަމުގެ ބައިވެރިވި ވެރިން ވަޒީފާއިން ވަކިކޮށް މައްސަލަ ބަލަން ފުލުހުންނާއި ހަވާލުކުރުން ،
ނުސީދާ
10 April 2025
ޢެލްސީ ހަދައިގެން މުދާ ނުގެނަސް ކަޓު ލިބޭ ގޮތައް ކަންތައް ކުރަނީ ނޭގިއެއް ނޫން. މިޒަމާނަގައި އެއްވެސް ބަޔަކު އެޑުވާންސަށް ލާރިދީފަ މުދަލެން ނުގެންނާނެ. ގެންނަންޏާ ތިގެންނަނީ ތާޑު ޕާޓީ މެދުވެރިކޮށް، ކަޓު އަޅައިން އަގުބޮޑުކޮށް.
ބަބްސް
10 April 2025
ވެންޓިލޭޓަރު ލާރިގަނޑުގަވެސް ޤާނޫނީ ފިޔަވަޅޭ ކިޔަގެން އުޅުނު ، އެންމެ ލޯލާރިއެއްވެސް ނުލިބުނު. ވައްކަން ކުރަނީ ވަރަށް ރާވައިގެން. މިހެންވެސް ބުނަން އެނގުނީ ފަޅާ އެރީމަ.
ނޫމާނު
10 April 2025
ޙެހެހެހެ. ހިތާމަޔަކީ މާލިޔަތު ކޮމެޓީގެ ރައީސަށް ސަރުކާރު ކުންފުނިތަކުން ފޮލޯކުރާ އުސޫލު ވެސް އެނގިނުލައްވާ ޙާލުގަ، އަމިއްލަ މަގުސަދެއް ޙާސިލުކުރުމަށް ޕީ.ސީ.ބީ ގަވައިދޭ ކިޔައިގެން ކަންއޮންނަ ގޮތްނޫން ގޮތްގޮތަށް ވާހަކަ ދައްކާތީ. ބޭފުޅާ ކުންފުނި ހިންގަނީ ކޯޕަރޭޓް ގަވަނަންސް އާ އެއްގަތަށް. މީ ދިދަ ޑީލް ހެދި ޒަމާނެއްނޫނޭ. ކުންފުނި ކަންކަން ބަލަން އޮންނާނެ މަޖިލިސްގެ އެސް.އޯ.އީ ކިޔާ ކޮމެޓީ އެއް. އެބޭފުޅުން ކުރެން އައްސަވާ.
ޢާދިލު
10 April 2025
މޯލްޑިވްގޭސްގެ ބައެއް ވެރިން މަދަނީ އަބްދުއްލާހި އަށް ނަފުރަތުކުރާކަމަށް އެތަނުން މަޢުލޫމާތު ލިބޭ. . މީހެކޭބުނޭ. އަދި އެމީހުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އެމް.ޑީ އިންކާރުކުރާތީ ކަމަށް. ބައެއްވެރިން މަޖިލިސް މެމްބަރުން ގާތަށް ޝަކުވާ އުފުލާ ކަމަށް ޕީ.އެން.ސީ މީހަކުބުނި.
ޜޔތމހ
10 April 2025
އެކި ވަރުގެ ޖެނެރަލުން އެމްބަސީތަކަށް ފޮނުވާފަ މުޅި އާއިލާ ގޮވައިގެން ދުއްވަން ތިބޭ ބައެއްދޯ. ތަން ކޮޅެއް ރަނގަޅަށް އެގައުމުތައް އިނގޭ މީހުން މިލިޓަރީ ހިސްޓްރީއެއް ނެތަސް އެމްބަސީތަކައް ލާފަ އެމީހުން ލައްވާ މިކަހަލަ ކުންފުނިތައް ވެރިފައި ކޮށްފަ އެމްބަސީތައް މެދުވެރިކޮށް މިކަހަލަ ޑީލްތައް ހަދާނަމަވެސް ރަނގަޅު
ޖިނާނު ވަޙީދު
10 April 2025
ނާޒިމު އުޅުައްވަނީ، އެސް.އޯ.އީ ކުންފުނިތަކުގެ ފާއިތުވެދިޔަ އަހަރުތަކުގަ ތަކެތި ގަނެފަ ހުރި ހުރިހާ ޕާޗޭސް އޯޑަރު ފައިލް ތައް ކޮމެޓީ އަށް ގެންދަނީ އަމިއްލަ ބޭނުމަށް މި ތަކެތި ކޮޕީ ނަގައިގެން ގެއަށް ގެންގޮސް، ކުންފުނިތަކަށް މި ބޭފުޅާގެ މަގާމުގެ ނުފޫޒު ފޯރުވައިގެން އަމިއްލަ ފަންފާ ހޯދުމުގެ ބޭނުމަށް ކަމަށް އެދަނީ ބުނަމުން. މަޖިލީހުގެ އެސް.އޯ.އީ ކޮމެޓީ އެއް އޮވޭ. ކުންފުނިތަކުގެ ކަންކަން މިބަލަނީ ނާޒިމު.މަޖިލސް މީގެ ކުރިން ހިގާ އުސޫލެއް ނޫން
ޢެޑްމުންޑޯ
10 April 2025
ކިޔާނާތަކީ ގޮތްނޭގޭގޮތަށް ކުއްލިއަކަށް ކުރިން ގޭސްގަންނަމުން ދިޔަ ކުންފުނި ބަދަލުކޮއް ކ ، އަދި އެތައްމިލިއަން ރުފިޔާއެއް ކުންފުންޏަށް ގެއްލިގެން ދިއުން ، މިއަށްވުރެބޮޑު ޚިޔާނާތެއް އޮންނާނެތަ
ފިދާތީން
10 April 2025
ގާނޫނޭ ކިޔައިގެން ކޮން ގޭހެއް އަނބުރާކަށް؟! ރާއްޖެއިން ބޭރު ކުންފުންޏަކުން ކެހެރުވަކެކޭވެސް ހިތަށް ނާރާނެ!
ދަލޭކަ ދައިތަ
10 April 2025
ފަހު ޕެރެގްރާފުގަ "މިހާރު ނޫހުން" ބުނެފައޮތް ބައި އައީމަ މާބޮޑަށްވެސް އެނގިއްޖެ ވަރުގަދަ ގޭސްގަނޑެއްކަން އަނބުރާލީ. ކޮޅެއްމެދެއް ނުފެންނާނެ. ކިހާ ތާހިރު ހިތުން ހެޔޮބަދަލަކަށް އަހަރެމެން ކޮންމެފަހަރަކު ނިކަން މަސައްކަތުން ސަރުކާރު ހިންގުން އެހެން ބަޔަކަށް ދިނީމަ ކުލަ ބަދަލުވާކަން އެކަނި. ވ ކުރުންނޫން ކަމެއްނޯވޭ.
ލުއިފުޅި
10 April 2025
ދަލޭކަދައިތަގެ ތި ރުޅިގަޑު ގޭގަހުރި ގޭސްފުޅިއަށް ނުބާލައިފިއްޔާ މަށަށް އޯކޭ!!!