ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ތަސްވީރެއް. --
10 އެޕްރީލް 2025 - 14:46
އައްޑޫ ހެންކެޑެ ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފަށައި، ދިގުލައިގެން ގޮސްފައިވާތީ އެކަން ސާފުކުރަން މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވައިފި އެވެ.
އެމްއެފްއެމްސީން ވަނީ ހެންކެޑެ މަޝްރޫއު މިދިޔަ ސަރުކާރުގެ ތެރޭގައި ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްފަ އެވެ. އޭގެފަހުން މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހަންކެޑެ ތަރައްގީ ކުރުމުގެ އެ މަޝްރޫއު އަލުން އިއުލާންކުރި އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މެންބަރު އަޒާން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ކުލަގަދަ އެ ރަސްމިއްޔާތު ބޭއްވިތާ އަހަރެއްހާ ދުވަސް ވެގެންގޮސްފައިވާއިރު އެ ސަރަަހައްދުގައި ހުރި ބައެއް ރުއްގަސްތަކެއް ނެގުން ފިޔަވައި އެހެން މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެއީ އައްޑޫ ރައްޔިތުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ސަބަބުތަކަކީ އައްޑޫގެ ރައްޔިތުންނަށް ސާފުކޮށް އެނގެން ޖެހޭނެ ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. އޭނާ އެދިވަޑައިގެންފައިވަނީ އެމްއެފްއެމްސީގެ ބޭފުޅުން މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށެވެ.
އައްޑޫ މީހުންގެ އުންމީދާ ގުޅިފައިވާ ހަންކެޑެ ތަރައްގީ ކުރަން މީގެ ކުރިން ތިން ކުންފުންޏަކާ އެކިއެކި ސަރުކާރުތަކުން ހަވާލުކުރި އެވެ. ފުރަތަމަ އެ މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާ އެވެ. މީގެ 18 އަހަރު ކުރިން އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، އެ މީހުންނަށް އެކަން ނުވުމުން 2،500 ޑޮލަރުން ޖޫރިމަނާކޮށް، ތޫނޑު އަތުން ސަރުކާރަށް ހަންކެޑެ ނެގީ އެވެ.
އޭގެ ފަހުން 2008 ގައި ހަންކެޑެގެ މަސައްކަތް ހަވާލުކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ އެވެ. އެ ކުންފުނިން ސާމްޕަލް ރޫމެއް ވެސް ހެދި އެވެ. އަލިމަގެއް ނުފެނި ހާފް ޑިގްރީ ވެސް ފެއިލްވީ އެވެ.
އޭގެފަހުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުންޏެވެ. ސިންގަޕޫރުގެ ކުންފުންޏަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޭހަށްލާރިދެއްކިފާޑަށްއުޅޭބޭ
10 April 2025
ހަންކެޑެވާހަކަ ދިރާސާކޮށް ހަބަރު ބެލުމުގެކުރިން އަސްލު މައްސަލަ، ތިއަތޮޅު ކުރިއަށްނުކެޑި އުޅެނީ އެކަމަށް ގާބިލު ވެރިންތަކެއް އަތޮޅުގައި ނެތިގެންތޯ ނޫނީ ގައުމުގެ މައިސަރުކާރުން އައްޑުއަތޮޅަށް ޖެއްސުންކޮށް ހިފަހައްޓަނީތޯ ހޯދާ ސާފުކޮށް އިގޭނެހެން ބުނެދޭން އެބަޖެހޭ. ފަރުވާކުރެވޭނީ ބަލިއެގިގެން. ހަންކެޑޭ ފަޅޮލޭ ދިޔަރޮޑިއިހަށް ބާއްވަބަލަ. ބޭރުން ރަށަށް އެރިމީހަކު ރަށުއެންމެން މޮޔަހައްދާ ޕައުޑު އަޅާލިއިރު ތިޔަރަށު މެންބަރުވެސް އިނީ ހެވިދިލި އަތްޖަހަން!
ހަސަންކާރި
10 April 2025
ސަބަބު ވަރަށް ސާފު.. ތީކީ ފީސިބަލްކަމެއް ނޫން.
ހުސްނުބާނޫ
10 April 2025
އައްޑޫއަކީ ޓޫރިޒަމް ތަރައްގީކުރަން ޖެހޭތަނެއްނޫނޭ. އެތާގަ އެންމެ ރަނގަޅީ އޮޅުއަލަ ހައްދާ ދަނޑުވެރިކަން ކުރަން. އެމަންޒިލަކާއި ނުގުޅޭ ކަންތަކެއް ކުރަން ނޫޅެބަލަ. ދަނޑެއްގެ މެދުތެރޭގަ ކުޑަ ރޫމްތަކެއް ހަޓުގޮތަށް ހަދާފަ އެގުރިކަލްޗުރަލް ޓޫރިޒަމް އެތާގަ ތަރައްގީ ކުރެވިދާނެ ނަމަވެސް އައްޑޫއަކީ ބީޗް ޑެސްޓިނޭޝަނަކާ ގުޅޭތަނެއްނޫން.
ސަރީރާ
10 April 2025
ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގައި ޓޫރިޒަމް ތަރައްގީކުރަން އެންމެ ކަމުނުދާ އެއް އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރަން ދިވެހި ބައިތުލްމާލުން ހާދަ ލާރިއެއް ހަރަދުކޮށްފިއޭ. އެތަނަކާ ގުޅޭ ކަހަލަ އިގްތިސާދީ މަސައްކަތް އެތަނެއްގައި ކުރަންވާނީ.
އިބުރާ
10 April 2025
ސަބަބު ސާފު. ކޮންމެ ސަރުކާރަކުން ވެސް އައްޑޫގެ ޓޫރިޒަމް ކުރި އެރިޔަ ނުދޭން ގަދައަޅާ މަސައްކަތް ކުރޭ. މިވާހަކަޔާ ދެކޮޅު ހަދާނީ ސިކުނޑި އުނި މީހަކު އެކަނި. ކިތައް ރިސޯޓު ހަދާފަ ހަލާކު ވާން ދޫކޮއްލާފަ އެ އޮތީ؟ ޑިރެކްޓް ފްލައިޓް ނުބާއްވާ ނުވާނެކަން އިނގޭ އިރުވެސް އެއްވެސް ބަޔަކު ނޫޅޭ އެކަން ކުރަން. ވެލާނާ އިން ގަމައް ގެެސްޓުން އަތުން ނަގާ އެމީހުން އަނބުރާ ގައުމައް ދެވޭހާ ފައިސާ. މީ ހަމަ ގަސްތުގަ އައްޑޫ އިގްތިސާދު ސެބޮޓާޖް ކުރުން. ހޭލާކަށް ނުވޭތަ؟
ޑރ ވާންޗޯ
10 April 2025
ހަންކެޑެ މަސައްކަތް ފެށުމުގެގޮތުން ހަވާއެރުވުމާ ކުލަގަދަ ކުޅިވަރުތަކުން މަސައްކަތް ކުރަންތިބިއެންމެން ހަންކެނޑުނީކަމަށްވާނީ.
ޙށނ
10 April 2025
މުޅިންވެސް ތޫނޑު އާއި ހާފް ޑިގްރީއާއި، ސިކްސް މިލިމީޓަރު ކަހަލަ އަންޑަރވޯލްޑު ނަންތައް..
އަޅި އަލީ
10 April 2025
އައްދޫ މީހުންނަށް ފޮޓޯކޮޅެއް ދައްކާލަނިކޮއް އެމްޑީޕީއަށް ވޯޓް އަޅާނެ! އެމްދީޕީން މުޅިން އައްޑުއަށް ހައްދަވާ ގޮތަކީ އިންތިހާބާ ދިމާކޮށް 2 ގަނޑު ފޮޓޯ އޭއައި އިން ހަނދާލާފަ ފޮނުވީމަ ތަނެއް ދޮރެއް ނުބަލާ އެމްޑީޕީ އަށް ވޯޓް އަޅާލާނެ!