ފަލަސްތީނުގެ ޣައްޒާގައި ކުދިންތަކެއް ދިދަ ހިފައިގެން: ފްރާންސުން ވަނީ ފަލަސްތީނު ބަލައިގަންނާނެ ކަމަށް ބުނެފައި. -- ފޮޓޯ: އޭއެފްޕީ
10 އެޕްރީލް 2025 - 14:51
ފްރާންސުން ފަލަސްތީނުގެ ދައުލަތް ވަރަށް އަވަހަށް ބަލައިގަންނާނެކަން އިއުލާނުކުރުމާ އެކު އިޒްރޭލުން ރުޅިވެރިކަމާ އެކު ރައްދު ދީފި އެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ބުދަ ދުވަހު ވިދާޅުވެފައިވަނީ މަދު ހަފްތާތަކެއްގެ ތެރޭގައި ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށާއި ޖޫން މަހު އެމެރިކާގެ ނިއު ޔޯކްގައި އޮންނަ ބައްދަލުވުމުގައި މިކަން ރަސްމީކޮށް އިއުލާނުކުރެވޭ ވަރު ވާނެ ކަމަށެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރް މެކްރޮންގެ މި ވާހަކައަށް ރައްދު ދެމުން ބުނީ "މިއީ ޓެރަރިޒަމަށް ދޭ އިނާމެއް" ކަމަށެވެ.
"ފަލަސްތީނުގެ ހިޔާލީ ދައުލަތެއް، އަހަރެމެން އެންމެންނަށް ވެސް މި އެނގޭ ހަގީގަތުގެ މަތީގައި، އަމިއްލަ އަމިއްލައަށް އެއްވެސް ގައުމަކުން ބަލައިގަތުމަކީ ހަމާސްގެ ބާރު ގަދަވާނެ، ޓެރަރިޒަމަށް ދޭ އިނާމެއް،" އެކްސްގައި ސާރް ލިޔެފައިވެ އެވެ.
"މިބާވަތުގެ އަމަލުތަކުން ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުމާއި އަމާންކަން ގާއިމެއް ނުވާނެ. މެދުވެރިވާނީ އިދިކޮޅަށް."
ގާތްގަނޑަކަށް 150 ގައުމަކުން ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރެ އެވެ. މިދިޔަ އަހަރުގެ މެއި މަހު އަޔަލޭންޑް، ނޯވޭ އަދި ސްޕެއިނުން ވެސް ފަލަސްތން ބަލައިގަތްކަން އިއުލާނުކޮށްފައިވާއިރު، އޮކްޓޫބަރު 7، ޖޫން ގައި އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތައް ކުށްވެރިކުރަމުން ސްލޮވޭނިއާއިން ވެސް ވަނީ ފަލަސްތީނު ބަލައިގެންފަ އެވެ.
ނަމަވެސް ފްރާންސް ވާނީ ޔޫރަޕްގެ ބާރުގަދަ ގައުމުތަކުގެ ތެރެއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ މުހިންމު ގައުމަކަށެވެ. މިކަމަށް އެމެރިކާއިން ވެސް ދެކޮޅު ހެދިޔަސް، ގައުމުތަކުން ފަލަސްތީނު ބަލައިގަތުމަކީ ސުލްހަޔަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި ގިނަ މީހުން ދެކެ އެވެ.
"އަޅުގަނޑުމެން [ފަލަސްތީނުގެ ދައުލަތް] ބަލައިގަތުމުގެ މަސައްކަތް ކުރިއަށް ގެންދަންޖެހޭ. މިކަން ކުރިއަށް އޮތް މަސްތަކުގައި ކުރާނަން،" މި ހަފްތާގައި މިސްރަށް ވެސް ވަޑައިގެންނެވި މެކްރޮކް ފްރާންސް 5 ޓީވީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.
ފްރާންސުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި ނަމަ ވާނީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންގެ ތެރެއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަ ފުރަތަމަ ގައުމަށެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ ޖޫން މަހު ސައޫދީ އަރަބިއްޔާއާ އެކު ބާއްވާ މި ކޮންފަރެންސްގެ ރިޔާސަތު ބެލެހެއްޓުން، އެ ކޮންފަރެންސްގައި އަޅުގަނޑުމެންނަށް ގިނަ ބައެއްގެ ބައިވެރިވުމާ އެކު އެކަން ބަލައިގަތުމުގެ މި ހަރަކާތް ފައިނަލް ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މެކްރޮން ވިދާޅުވީ މިއީ ކޮންމެވެސް ހިސާބަކުން ކުރަންޖެހިފައި އޮތް ކަމެއް ކަމަށާއި އެކަން ކުރަނީ މިއީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުންކުން ބަގިޔާ
10 April 2025
ތީ އުފާވެރި ހަބަރެއް
ސަސި
10 April 2025
ދައުލަތް ގަބޫލުކުރުނީ ކީއްކުރަން، އިންސާނުންތަކެއް މަރާ ހުސް ކުރާއިރު މި ތިބެނީ އަޅާވެސް ނުލާ
ކޮތަރޭ
10 April 2025
ފުރާންސޭ، ހަނގޭރީއެކޭ، އިންގިރޭސީންނެކޭ، ނެދަލެންޑްސް އެކީ ތި ހުސް އެއްބައެއް. ވާހަކަ ދައްކާ ދައްކާ ތިބޭނީ ތިމީހުން