ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުގެ ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްުޔާތުގައި އެމްއޭސީއެލްގެ ބައެއް އިސްވެރިންނާއި މުވައްޒަފުން.---ފޮޓޯ: އެމްއޭސީއެލް
12 އެޕްރީލް 2025 - 09:52
މީގެ 59 އަހަރު ކުރިން އޭޕްރީލް 12، 1966 ގައި އޭރުގެ ނަމުން ނަމަ ހުޅުލޭ އެއާޕޯޓަށް އެ ޖެއްސީ އެއާ ސިލޯނުގެ އެމްރޯ. އޭސީޖޭއާރު މަރުކާގެ މަތިންދާބޯޓެކެވެ. އެ ހާއްސަ މަތިންދާބޯޓުން ފައިބައިވަޑައިގަތީ އޭރުގެ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. އެ މަނިކުފާނު ވަޑައިގެން ހުޅުލޭ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމާ އެކު، މިއަދު އުފާ ލިބިގަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ދިގު ތާރީހު ގުނަން ފެށުނީ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު 59 އަހަރު ފުރުނުއިރު ކުރިއަށް އޮތީ ރާއްޖޭގެ މައިދޮރާށީގެ 60 އަހަރު ފުރުމެވެ. އަންނަ އަހަރުގެ އޭޕްރީލް 12 އަކީ އެ ދުވަހެވެ. މިއަދު ފާހަގަކުރި 59 އަހަރާ އެކު، އެ ކުލަގަދަ ހަފުލާގެ ތައްޔާރީތައް ވެސް ފެށުނީ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުންޏެވެ.
ވީއައިއޭގެ 59 ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިއަދު ފެށީ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތަކުންނެވެ. އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖުމަންޓުގެ އިސްވެރިންނާއި އެހެން މުވައްޒަފުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުގެ ހެނދުނު ބޭއްވި ހިނގާލުމުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފާއި އެހެން މުވައްޒަފުން.---ފޮޓޯ: އެމްއޭސީއެލް
ދިދަ ނެގުމަށް ފަހު ވަނީ 59 ފޫޓުގެ ކޭކެއް ފަޅައިފަ އެވެ. އަދި އެކުވެރިކަމުގެ ހިނގާލުމެއް ވެސް ބޭއްވި އެވެ.
އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަނީ ވީއައިއޭގެ ތަރައްގީ އަށް ސަރުކާރުން ހާއްސަކޮށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައި ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެއާޕޯޓުގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް މިހާރު ވެސް ފަށާފައިވާކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، އެ މަސައްކަތްތައް ކޮންޓްރެކްޓަރު ނިންމުމުން ކަންކަން "އަޮޕަރޭޝަނަނައިޒް" ކޮށް ގައުމަށް އޭގެ ފައިދާ ހޯދައި ދޭން ތިބީ އެމްއޭސީއެލްގެ މުވައްޒަފުން ކަމަށެވެ. އެމްއޭސީއެލްގެ މުވައްޒަފުންނަކީ އަބަދުވެސް ގައުމަށްޓަކައި އަގުހުރި ހިދުމަތްތަކެއް ކުރާ ބައެއް ކަން ޝަރީފް ފާހަގަކުރެއްވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެމްޑީ ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްއޭސީއެލް
އޭނާ ވިދާޅުވިގޮތުގައި، ވީއައިއޭގެ ހަޔާތުގައި ކުރިއަށް އޮތީ ވަރަށް ގިނަ ހިދުމަތްތަކެއް ވަރަށް ބޮޑަށް ތަރައްގީ ވާނެ އަހަރުތަކެކެވެ. އެހެންވެ، ސްޓޭކްހޯލްޑަރުންނާއި ފަސިންޖަރުން އުފާވާ ފަދަ ހިދުމަތްތަކެއް އެއާޕޯޓުން ދޭން މަސައްކަތް ކުރަންޖެހޭ ކަމަށް އެމްޑީ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 59 އަހަރު ފުރުން ފާހަގަކުރުމަށް މިއަދުގެ ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް މުވައްޒަފުން.---ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ހިންގާ އެންމެ ބޮޑު މަޝްރޫއަކީ އާ ޓާމިނަލްގެ މަސައްކަތެވެ. އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭއިރު، މި އަހަރު އެ ޓާމިނަލް ބޭނުންކުރަން ފަށަން ވަނީ ނިންމައިފަ އެވެ. އެއާ އެކު، ގާތްގަނޑަކަށް 1،800 މުވައްޒަފުން އިތުރުކޮށް އާ އެއާލައިންތަކަށް އެއާޕޯޓުން ޖާގަ ލިބޭނެ ކަަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އާ ޕެސެންޖަރު ޓާމިނަލްގައި އެއިރޯ ބޯޑިން ބްރިޖުތަކާއި ލަގެޖު އުފުލާނެ އެންމެ ޒަމާނީ ވަސީލަތްތައް އަދި ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ވީއައިޕީ ލައުންޖުތައް ވެސް ގާއިމް ކުރުމަށް ވަނީ ނިންމައިފަ އެވެ.
ވީއައިއޭގެ އާ ޓާމިނަލާ އެކު، މުޅިން ޒަމާނީ އަދި ރީތި ތަފާތު އެއާޕޯޓެއް ފެންނާނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުރު
12 April 2025
އެހަކަށް ދުވަހު އެއާޕޯޓުން ފެނުނީ އެއަރޕޯޓުގަ ހަރަކާތްތެރިވާ މުވައްޒަފުން، ފަސިންޖަރުން މަޑުކުރާ ގޮނޑިތަކުގަ ތިބެގެން ޓިކްޓޮކް ބަލާ ގޭމުކުޅޭތަން. މިއީ ދުވަހަކުވެސް ބޭރު ގައުމެއްގެ އެއާޕޯޓަކުން ފެނުނު މަންޒަރެއްނޫން. ބްރޭކް ގަޑިކަމަށްވިޔަސް އެމީހުންނުތިބޭނެ ފަސިންޖަރުންގެ ޖާގައިގަ އެގޮތަކަށް. ފެންނަ މީހަކަށް ހީވާނީ ކަމެއްނެތިގެން އުޅޭ ބަޔެކޭ. އެކި ތަންތަނުގެ މީހުން އެހެންތިބީ. އާންމުކަމެއްހެން ހީވަނީ. ތަނާއެއްކޮށް މީހުންވެސް ތަރައްގީވާންވާނެ
މީ ނަމޫނާ 5 އަހަރު
12 April 2025
ރަނގަޅު އޮޑިޓްތަކެއް ކޮށްލާނަމަ، ކިތަށް މީހުން ތިފޮޓޯތަކުން ސަލާމަތްވާނީ؟!!
ޑެބީ
12 April 2025
ސެލުޓުނަގައިގެން މިތިބީ ކޮންބައެއް؟ އެމްއޭސީއެލް ކެޑޭޓުންތޯ ނޫނީ އެމްއޭސީއެލް އެއާ ފޯސްތޯ؟
ޑިންގީ
12 April 2025
ބަޔަކު ކުރާތީވެ ކަމަކަށް ކަމެއް ކޮށްލީ. މި މީހުންނަށް ނޭންގެ ސެލިއުޓް ނަގަނީ ކޮންބަޔަކު ކީއްވެގެންކަން. ހެހެހެހެ
މަބުނީ
12 April 2025
ގައުމީ ސަލާމްކިޔާފަ ، ދިދަ ނަގާފަ އަނެއްކާ ގޯހެއް ނަހަދާނެބާ؟؟ މިހާރުވެސް މިއުޅެނީ ގޭސް ކުންފުޏަށް ގޭސް އަރައިގެން..
ހުޅުލޭ ބޮޑު މީހާ
12 April 2025
ސީޕުލޭން ޓާރމިނަލް......ކާގޯ.....އާ ފިއުލްފާމް...އާ ޓަރމިނަލް އެއުރޯ ބުރިޖް. މިތަންތަން ރަގަޅައް ބެލެހެއްޓުމަކީ ވަަރަށް ބޮޑު ޗެލެންޖް އަކައް ވާނެ.....ކޮލިފައިޑް މީހުން ބިނާކުރަން ޖެހޭނެ...ފަހަރުގަ މިތަން ތަން ގެ މެިއިންޓަނަންސް މަސައްކަތް އައުޓްސޯސް ކުރަން ޖެހުމަކީ ވަރަށް ގާތް ކަމެއް.
ޙުތޭ56566
12 April 2025
މިހާރުވެސް ސީޕުލޭން ޓާރމިނަލް ވާރޭ ވެހިއްޖެޔާ ފެން ފައިބާކަމައްވަނީ
ޓުރޫ ސުޓޯރި
12 April 2025
ބޮޑު މުސާރަ ނަގައިގެން ލޮލައް ނުފެންނަ ސުޓާފުން ވެސް މިހާރު ވަރަށް ގިނަވެއްޖެއެވެ.