ހިއްސާގެ ބާޒާރެއްގެ އަގުތައް ފެންނަ ބޯޑެއް ކައިރިން މީހަކު ހިނގާފައި ދަނީ: ޗައިނާއިން މިހާރު ވަނީ އެމެރިކާގެ މުދަލުން 125 ޕަސެންޓުގައި ޓެރިފް ނަގާނެކަން އިއުލާނުކޮށްފައި. -- ފޮޓޯ: އޭއެފްޕީ
12 އެޕްރީލް 2025 - 16:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ޗައިނާގެ މުދަލުން ޓެރިފް ބޮޑުކޮށް ފެއްޓެވި ވިޔަފާރީގެ ހަނގުރާމަ ހޫނުވަމުން ގޮސް އެންމެ ފަހުން ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގައި ޓެރިފް ނަގަން ފަށާނެކަން އިއުލާނުކޮށްފި އެވެ.
މުޅި ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ ދެމެދުގައި ޓެރިފްގެ ހަނގުރާމަ ހިނގަމުން ދާއިރު ޗައިނާގެ ނިންމުމަށް ފަހު ވެސް ޓްރަމްޕު ވިދާޅުވީ "ކަންތައް ދަނީ ވަރަށް ރަނގަޅަށް" ކަމަށެވެ.
ޓްރަމްޕާ ދެކޮޅަށް ޗައިނާއިން ބަދަލު ހިފުމާ އެކު އިންވެސްޓަރުން ވަނީ އެމެރިކާ ސަރުކާރުގެ ބޮންޑުތައް ދޫކޮށްލައިފަ އެވެ. އެއާ އެކު މި ނުތަނަވަސްކަމުގެ ތެރޭގައި ޑޮލަރުގެ އަގާއި ހިއްސާގެ ބާޒާރުގެ އަގުތައް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ޗައިނާއިން އެމެރިކާގެ މުދަލަށް 125 ޕަސެންޓުގެ ޓެރިފް މިއަދުން ފެށިގެން ނަގަން ނިންމީ އެމެރިކާއިން 145 ޕަސެންޓާ ހަމަޔަށް ޓެރިފްތައް ބޮޑުކުރުމުންނެވެ.
ޗައިނާގެ ކޮމާސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ މި ހިނގާ ކަންކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ޓްރަމްޕު ކަމަށާއި ޓެރިފްތަކާ މެދު އޭނާ އަމަލުކުރައްވާ ގޮތް "ޖޯކަކަށް ވެގެންދާނެ" ކަމަށެވެ. އަދި މިއީ "ނަމްބަރު ގޭމެއް" ގެ ގޮތުގައި ސިފަކުރެއްވި އެވެ.
ޗައިނާގެ ފިނޭންސް މިނިސްޓްރީން ބުނީ ދެން މިއަށްވުރެ މައްޗަށް ޓެރިފް އުފުލާނެ ކަމަށް ނުބެލެވޭ ކަމަށާއި ސަބަބަކީ މިހާރު ހުރި ރޭޓްގައި އެއްވެސް މުދަލެއް އިމްޕޯޓް ނުކުރެވޭނެތީ ކަމަށެވެ.
ޓްރަމްޕް ވަނީ މިދިޔަ ހަފުތާގައި ގައުމުތަކުގެ މުދަލުން އިމްޕޯޓް ޓެކްސް އާދަޔާ ހިލާފަށް ބޮޑުކޮށް ނެގުމަށް އިއުލާނު ކުރައްވައިފަ އެވެ. އެއާ އެކު މާލީ ބާޒާރު ވަރަށް ބޮޑަށް ހީނަރުވި އެވެ. އެކަމަކު ފަހުން ވަނީ ކުއްލިއަކަށް ޓްރަމްޕުގެ ނިންމުން 90 ދުވަހަށް ފަސްކުރައްވައި ހަމައެކަނި 10 ޕަސެންޓުގެ ޓެރިފް ނަގަން ނިންމަވައިފަ އެވެ.
"ޓެރިފް ޕޮލިސީގައި ހަގީގަތުގައި ވެސް ވަރަށް ރަނގަޅަށް ކަންކަން އެބަ ދޭ،" ޗައިނާއިން އެންމެ ފަހުން ޓެރިފް ބޮޑުކުރިކަން އިއުލާނު ކުރުމާ ގުޅިގެން ޓްރަމްޕް ގެ ޓްރޫތު ސޯޝަލް ނެޓްވޯކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.
"އެމެރިކާއަށާއި މުޅި ދުނިޔެއަށް ވެސް ވަރަށް އުފާވެރި!! ބާރަށް މި ދަނީ ކުރިއަށް،" ޓްރަމްޕު ލިޔުއްވާފައިވެ އެވެ.
ވައިޓް ހައުސްއިން ފަހުން ބުނެފައި ވަނީ ޗައިނާއާ އެކު އެއްބަސްވުމަކަށް އާދެވޭނެ ކަމާ މެދު ޓްރަމްޕް ހުންނެވީ އުއްމީދުގައި ކަމަށާއި، ޓެރިފް ނެގުން 90 ދުވަހަށް މަޑުޖައްސާލި އިރު 15 ގައުމަކުން މަޝްވަރާއަށް އެދި ހުށަހަޅާފައިވާ ކަމަށެވެ.
އެކަމަކު ޕްރެސް ސެކްރެޓަރީ ކަރޯލީން ލީވިޓް ވިދާޅުވީ "އެމެރިކާއަށް ވިހެލައިފި ނަމަ އެއަށްވުރެ ބާރަށް ވިހެލާނެކަން ރައީސް ވަރަށް ސާފުކޮށް ވިދާޅުވެފައި" އެބަ އޮތް ކަމަށެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިން މި ނުތަނަވަސްކަމާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާއާ ހަވާލާދީ ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ ޗައިނާ "ބިރުނުގަންނަ" ކަމަށެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ އެކު ޝީ މަޝްވަރާތަކެއް ބާއްވަވާފައި ވާއިރު އެ ބައްދަލުވުމުގައި ޝީ ވަނީ "ބުލީ ކުރުމުގެ އަމަލުތަކާ" ޔޫރަޕިއަން ޔޫނިއަން އާއި ޗައިނާ ގުޅިގެން ދެކޮޅު ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy