ބީއެމްއެލްގެ އިސްލާމިކް ބޭންކިން ބްރާންޗް: އެ ބޭންކްގެ ހުރިހާ ބްރާންޗެއްގައި ބީއެމްއެލް އިސްލާމިކްގެ ހިދުމަތް މިއަހަރު ތައާރަފް ކުރަނީ: ފޮޓޯ: ނިޝާން އަލީ/ މިހާރު
12 އެޕްރީލް 2025 - 20:22
މިހާތަނަށް ބީއެމްއެލް އިސްލާމިކަށް 2.4 ބިލިއަން ރުފިޔާގެ ޑިޕޮސިޓް ލިބިފައިވާ ކަމަށް އެ ބޭންކްގެ ސީއީއޯ މުހައްމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ "ސަނާބިލް" އިމާރާތް ފެށުމުގެ ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ އެ ބޭންކުން އިސްލާމިކް ފައިނޭންސް ވަރަށް ބޮޑަށް ފުޅާ ކުރަމުން އަންނަ ކަމަށެވެ. އަދި އެ ބޭންކުގެ އިސްލާމިކްގެ ދަށުން ފައިނޭންސިންއަށް ތިން ބިލިއަން ރުފިޔާގެ ޕޯޓްފޯލިއޯއެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ބޭންކުގެ އިސްލާމިކް ފައިނޭންސިންއަށް އޮތް އިތުބާރު ވަރަށް ބޮޑު ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ހިދުމަތް އިތުރަށް ފުޅާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަހަރު ތެރޭގައި އަތޮޅު ތެރޭގައި ހިންގާ ހަތަރު ބްރާންޗެއް ވާނީ ބީއެމްއެލް އިސްލާމިކްއަށް ބަދަލުކޮށްފައި. އަދި މިއަހަރު ނިމެން ވާއިރަށް ހުރިހާ އަތޮޅު ބްރާންޗެއްގައި ބީއެމްއެލް އިސްލާމިކްގެ ހަބްތަކަށް ބަދަލު ކުރުމުގެ ޕްލޭނާ އެއްގޮތަށް އަމަލީ މަސައްކަތް ނިމިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
ބީއެމްއެލްގެ އިސްލާމިކް ތައާރަފް ކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. އެ ބޭންކްގެ ހިދުމަތްތައް ފަރުމާކޮށްފައިވަނީ އެކި ބާވަތްތަކުގެ އިސްލާމިކް ބޭންކިން ހިދުމަތްތައް ލިބޭ ގޮތަށެވެ. އޭގެ ތެރޭގައި އިސްލާމިކް އޯވަޑްރާފްޓާއި ފައިނޭންސިން އާއި ހައިބްރިޑް ހޯމް ފައިނޭންސިން ވެސް ހިމެނެ އެވެ. އަދި އެ ބޭންކުން ވަނީ ޝަރީއާ ހުއްދަކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑު ވެސް ތައާރަފްކޮށްފަ އެވެ.
އައިޔޫއެމްގެ ސަނާބިލް ބިލްޑިން އެޅުމުގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތު.
ޝަރީފު ވިދާޅުވީ އިސްލާމިކް ޔުނިވާސިޓީގެ ސަނާބިލް އިމާރާތް އެޅުމަށް އެ ޔުނިވާސިޓީން އިޝޫކުރި ސުކޫކުގައި އިންވެސްޓް ކުރުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ އިސްލާމިކް ފައިނޭންސިންގެ ފުރުސަތުތައް އިތުރުކޮށް ފުޅާ ކުރުމުގައި ބައިވެރިވުން ކަމަށެވެ. އަދި އެ ބޭންކުން ތައުލީމީ ދާއިރާއަށް ހާއްސަ އިސްކަމެއްދޭ ކަން ފާހަގަ ކުރައްވައި، އޭނާ ވިދާޅުވީ އެ އިންވެސްޓްމެންޓްގެ ސަބަބުން އަންނަ އޮތް ޖީލަށް ތައުލީމީ ގާބިލް މީހުން ބިނާ ކުރުމުގައި ވެސް އެ ބޭންކަށް ބޮޑު އެހީތެރިކަމެއް ދެވިގެންދާނެ ކަމަށެވެ.
އެ ބޭންކުން މިހާރު ވެސް އަންނަނީ ބޭންކިން ދާއިރާއަށް ހާއްސަކޮށްގެން ސްކޮލާޝިޕް ޕްރޮގްރާމެއް ހިންގަމުންނެވެ. އެ ޕްރޮގްރާމުގެ ދަށުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގައި ނުވަ ކުއްޖަކު އަންނަނީ ބޭންކިން ދާއިރާއިން ޑިގްރީއަށް ތައުލީމް ހާސިލުކުރަމުންނެވެ.
އިސްލާމިކް ޔުނިވާސިޓީއިން އަޅާ ހަތް ބުރީގެ އިމާރާތުގެ ޕްރޮޖެކްޓަށް ޖޫން، 2024 ގައި ހުޅުވާލި ސުކޫކަށް އެއްފަހަރާ ސަބްސްކްރައިބްކުރުމާ އެކު، ބީއެމްއެލް އިސްލާމިކް ވެފައިވަނީ އިދާރާއަކުން ދޫކުރި އިސްލާމިކް ކެޕިޓަލް މާކެޓް އިންސްޓްރޫމެންޓަކަށް އިންވެސްޓްކުރި ރާއްޖޭގެ ފުރަތަމަ ބޭންކަށެވެ. އެ ބޭންކުން ވަނީ ސުކޫކަށް 60 މިލިއަން ރުފިޔާ އިންވެސްޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ
12 April 2025
ތިޔަފައިސާއިން ޕާކިންބިލްޑިނގް ތައް އަޅަންވީނު, ފައިދާކުޑައެއްނުވާނެ, ހުޅުމާލެއަކުނޫން ފުރަތަމަ މާލޭގައި އަށެއްކަ އިމާރާތް އަޅަންވީނު .... ވަގުތުން ވިކި ހުސްވާނެ މަގުމަތީގައި ޕާކުކުރުންވެސް ކޮންމެވެސް ވަރަކަށް މަދުވެގެންދާނެ . އިޖުތިމާއީ ބޮޑުމައްސަލައަކަށްވެސް ކޮންމެވެސް މިންވަރެއްގެ ޙައްލެއްލިބޭނެކަމަށް ބެލެވޭ
އަލްމާންގިރި
12 April 2025
ބޭންކުން އިންވެސްޓް ކުރަނީ.... ބޭންކުން ވިޔަފާރި ކުރަނީ.... ބޭންކުން މިކަން ކުރަނީ.... ބޭންކުން އެކަން ކުރަނީ.... ބޭންކަކީ ފައިސާ ޗާޕުކުރާ ތަނެއްތަ؟ ބޭންކުގައި ހުންނަނީ ކާކުގެ ނުވަތަ ކޮން ބައެއްގެ ފައިސާއެއްތަ؟ ކޮންމެ ހިއްސާދާރަކަށް ފައިސާކޮޅެއް ބަހާފައި ދެން ހުންނަ ފައިސާގެ ޙައްޤުވެރިންނަކީ ކޮން ބައެއްތަ؟ އިސްލާމީ އުޞޫލުން މިކަމާމެދު ކޮންމެސް މީހަކު އެއްޗެއް ބުނެބަލަ؟
މުލޭ
12 April 2025
ބޭންކުން ކުރި އިންވެސްޓެއްނޫން ތިޔަ ސުކޫކަކީ. ބޭންކުގައި ފައިސާ ބަހައްޓަނީ އަހަރެމެން. އަހަރެމެންގެ ފައިސާގައި ތިޔަ އިންވެސްޓެއް ކޮށްގެން ލިބޭ ބޮޑުފައިދާއިން އަހަރެމެންނަށް މިދެނީ ވަރަށް ކުޑަކުޑަ ހިއްސާއެއް. އިންސާފެއް ނޫން ތިގޮތެއް. ފައިދާގެ %95 ބޭންކުން މި ނަގަނީ. މިކަން ބަދަލުވާން އެބަޖެހޭ.
ޕަމްކިމް
12 April 2025
މިސާލަކަށް އެ އިމާރާތް ނުހެދި ހުރިހާ ފައިސާ ގެއްލިއްޖެޔާ (އެހެން ނުވުން އެދެނީ) އެ ގެއްލުމުގެ 95 ޕަސަންޓާ ހަވާލުވާންވެ އޯކޭވާންޖެހޭނެ ދޯ؟