14 އެޕްރީލް 2025 - 20:44
އައްޑޫ އީކުއޭޓާ ވިލެޖު ހޮޓަލުގެ ސްޓާފް ކުއާޓާޒްގެ އިމާރާތުގެ ބައެއް ކޮޓަރިތައް ހުސްކޮށް، އައްޑޫ އެއާޕޯޓާ އެކު ހަދާ މަގު ހެދުމަށް އެއްބާރުލުން ދޭން އެ ހޮޓާ ހިންގާ ކުންފުނީގެ އިސްވެރިން ނިންމަވައިފި އެވެ.
އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫއާ އެކު، މައި މަގު ހެދުމަށްޓަކައި ބޭނުންވާ ސަރަހައްދުގެ ތެރެއަށް އީކުއޭޓާ ވިލެޖުގެ ސްޓާފް ކުއާޓާޒް ވަންނައިރު، އެ ތަން ދޫކުރުމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ވަކި ކޮޅެއްގައި ނުޖެހި އުޅޭތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
ފަހުން މި މައްސަލަ އެންމެންގެ ސަމާލުކަމަށް އައީ އެ މަގުގެ މައްސަލަ ހައްލު ނުވެ، ދިގުލައިގެންދާ ނަމަ ގަން އެއާޕޯޓް މަޝްރޫއު ހިންގާ އިންޑިއާގެ ރެނާޓަސް ކުންފުންޏަށް ދިވެހި ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހި، ގެއްލުން ވާނެތީ، އީކުއޭޓާ ވިލެޖުގެ ލޭބަ ކުއާޓާޒް އަށް އަރާ މަގު ނުހިމަނައި ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނުމުންނެވެ. ނަމަވެސް އައްޑޫ އެއާޕޯޓް ބޮޑުކުރުމަށް މިހާރު ހިންގާ ޕްރޮޖެކްޓުގެ ތެރެއިން އެ މަގު ނުހެދުނަސް އެހެން ޕްރޮޖެކްޓުގެ ތެރެއިން ހަދާނެ ކަމުގެ ޔަގީންކަން ސަރުކާރުން އޮތީ ދީފަ އެވެ.
މައްސަލަ ހައްލު ކުރަން އިންފްރާސްޓްރަކްޗަރު މިނިސްޓްރީން ދީފައިވާ އެންމެ ފަހު މުހުލަތަކީ އަންނަ އަންގާރަ ދުވަހެވެ.
އައްޑޫ އެއާޕޯޓު ބޮޑުކުރުމުގެ ޕްރޮޖެކްޓްގެ ދަށުން ހަދާ މަގު -- ފޮޓޯ: ސައީދު
ނަމަވެސް މިހާރުގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް އެ މައްސަލައިގެ ތެރެއަށް ވަރަށް ބޮޑަށް ވަންނަވައި، "ހައްލަކާ ހަމައަށް މިހާރު ދަތުރުކުރާ ކަމަށް" އެ މަޝްވަރާގެ ތަފުސީލް އެނގިވަޑައިގަންނަވާ އިސްބޭފުޅަކު ވިދާޅުވި އެވެ.
"އެ އިމާރާތް އެއްކޮށް ހުސްކުރާކަށް ނުޖެހޭ. ގާތްގަނޑަކަށް 8 ކޮޓަރި ހުސްކުރީމާ މަގު ހަދަން ޖާގަ ލިބޭ. މިހާރު އީކުއޭޓާ އިން އެއްބަސްވީ އެ ބޭފުޅުންގެ އެހެން ބިމަކުން އެ 8 ކޮޓަރީގެ ޖާގަ ފަހިކުރަން. އެހެންވީމާ ސޮލިއުޝަނެއް މިހާރު ހޯދިއްޖެ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް ވެސް މިހާރު އައްޑޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
"އެ ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް އެބަކުރައްވާ ގޮތެއް ހޯއްދަވަން،" އައްޑޫ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވި އެވެ.
އިކުއޭޓާ ވިލެޖު ހިންގާ ކުންފުނި، ކައިމޫ ޓްރެވަލްސް އެންޑް ހޮޓެލްސް ސާވިސަސްގެ ފަރާތުން ހުސްކުރަން ޖެހޭ ކޮޓަރިތައް ހުސްކުރުމަށް އެ ކުންފުނިން ބަދަލެއްގެ ގޮތުގައި ސަރުކާރަށް ހުށަހެޅީ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ކަމަށް ކުރިން އެނގިފައި ވެ އެވެ. އަދި ކައިމޫ އިން މާލެ އަތޮޅުގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖުގެ ލީޒް މުއްދަތު އިތުރު 50 އަހަރަށް އިތުރު ކުރަން ވެސް ހުށަހެޅި ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވެފައި ވެ އެވެ.
އެކަމަކު، އެ ބަދަލު ދިނުމަށް މި ސަރުކާރުން އެއްބަސްނުވި ކަމަށް ސަރުކާރުގެ މަސްދަރުތަކުން ވަނީ ބުނެފަ އެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރުކަމުގެ މަގާމުގެ ލިޔުން ރައީސް މުއިއްޒު، ތޯރިގާ މިދިޔަ ފެބްރުއަރީ 1 ގައި ހަވާލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އައްޑޫ އެއާޕޯޓް ކުންފުނީގެ އެމްޑީ ވަހީދު ވިދާޅުވީ، އީކުއޭޓާ ވިލެޖުގެ ލޭބަ ކުއާޓާޒްގެ މައްސަލަ ހައްލު ކުރަން ކުރީގެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ ދުވަސްވަރު އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުލިބުނު ކަމަށާއި މައްސަލަ ހައްލު ކުރަން އަމަލީ ގޮތުން މަސައްކަތް ފެށުނީ މިހާރުގެ ޓޫރިޒަމް މިނިސްޓަރު ތޯރިގް މިދިޔަ ފެބްރުއަރީ 1 ގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ކަމަށެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލްގެ އެހެން ބައެއް މެމްބަރުން ވެސް އިއްޔެ ވަނީ އީކުއޭޓާ ވިލެޖުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، މައްސަލަ އަށް "ދާއިމީ އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން" އީކުއޭޓާ ވިލެޖުގެ އިސްވެރިން ދެއްވި ކަމަށެވެ.
އައްޑޫ މޭޔަރު ނިޒާރާއި ސިޓީ ކައުންސިލްގެ އެހެން ބައެއް ބޭފުޅުން އީކުއޭޓާ ވިލެޖުގެ އިސްވެރިއަކާ އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް
"އަދި މި އިމާރާތް ހުސްކުރުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުންދާ ކަމަށް ވަނީ ވިދާޅުވެފައި. އަދި މި ފުރުސަތުގައި މި މައްސަލަ ހައްލު ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ފުރުސަތު ދިނުމަށާއި އަދި އީކްއޭޓާ ވިލެޖްގެ ވިޔަފާރި އަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރުމަށް އިލްތިމާސް ކުރަމެވެ،" މޭޔަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަލިފޮބިޑޯ
15 April 2025
400 ހައުސިންގ ޔުނިޓުގެ އަގާ، ވެއްޓެން ކައިރިވެފައި ހުރި، ދެތިން ހަތަރު ކޮޓަރީގެ އަގާ އެއްވަރުކަމަށް ބުނާ ބަޔަކަށް ބަދަލޭ ކިޔައި ސަރުކާރުުން ބައި އަޅައިގެން ނުވާނެ ނޫންތޯ
ވަކަބެ
15 April 2025
އެތަން ހުސްކުރާތަން ލައިވް ކުރަން ފެނޭ!
ޖހފރެރ
15 April 2025
ބަންޑާރަބިން ނެގޭނެ ދައުލަތަށް. ދެން ދޭން ޖެހޭނީ އެތަނުގައި އަޅާފައި ހުރި ތަންތަން އަގުކޮށްފައި އެ އަގު. މާ ގިނަ ވާހަކަ ނުދައްކާ ނިންމާލެވޭނެ. ްގ
ދޮނަޅަ
15 April 2025
މިއީކީ މިހާ ބޮޑު ކުރަންޖެހޭ ކަމެއް ނޫން. ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ލިޔެފައިވާ ކަމެއް. އާންމު މަސްލަހަތަށްޓަކައި އަދުލުވެރި ބަދަލެއް ދިނުމަށްފަހު އަމިއްލަ މީހުންގެ ގޯތި ގެދޮރު ދައުލަތަށް ނެގޭނެކަމަށް. ވީމާ، އަދުލުވެރި ބަދަލެއް ދިނުމަށްފަހު ތި އަށެކަ ކޮޓަރި ނެގުމަކީ ތިހާ ކަންތައް ބޮޑު ކުރަންޖެހޭ ކަމެއް ނޫން. ތިތަނާ ޖެހިގެން ނުވަތަ ކައިރި ބިމެއްގައި ތި އަށްކޮޓަރި އަޅާ ދިނީމަ ތިކަން ނިމުނީއެވެ.
ްއަބޫ
15 April 2025
ހާދަ އެކަށީގެންވާ ބަދަލެކޭދޯ, މިރާއްޖޭގައި ތިޔަކަހަލަ ބަދަލުދިނުމަށްފަހު ދެންކުރާނެ އިތުކަމެއްނެތްތާ! ތީތާ އަސްލު ތަރައްޤީއަކީ, ނުކިއްސަރު ގޮތަށް މުއްސަދިވެވޭ ކޮންމެ ގޮތެއް އޯކޭ
އިސްމާލި
15 April 2025
"އެ ކުންފުނިން ބަދަލެއްގެ ގޮތުގައި .. ހުށަހެޅީ 25 މިލިއަން ޑޮލަރު (386 މިލިއަން ރުފިޔާ) ... އަދި ކައިމޫ އިން މާލެ އަތޮޅުގައި ހިންގާ ދެ ރިސޯޓު ކަމަށްވާ ސަމާ އައިލެންޑާއި އެނބޫދޫ ވިލެޖުގެ ލީޒް މުއްދަތު އިތުރު 50 އަހަރަށް އިތުރު ކުރަން ވެސް ހުށަހެޅި ކަމަށް މައުލޫމާތު އެނގޭ އޮފިޝަލަކު ވިދާޅުވެފައި ވެ އެވެ." މިހާރު ފެނޭ ދޯ މަހުޖަނުން ދިވެހިން ނޮޅާ ކާ ގޮތް؟
ހަމްދާ ސައީދު
15 April 2025
މިފަހަރަ ޖެހޭނެއި ނުކުންނައް. ނިނުކުއްފެހޭ ނުކުންމާށުމާ
އލ އއޑ
15 April 2025
އައްޑޫ ޓޫރިޒަމަށް ހިށި ބޮނޑޮ ލަދަށް ތެ އީކުއޭޓާ ވިލެޖަކީ، ތެވެންނާއި ހެދީ ނެއް އައްޑޫ ގެ ޓޫރިޒަމް ކުރިއަރާކަށް... ތެވެރިން އައްޑޫއިން ބޭވެނެމެއި ހައްލައް ލިބެނެ ކަމަކަށް ވޭނެއި.
ހަސަންކާރިި
15 April 2025
ތިނޫން ބައެއް އައްޑޫއަށް އާދޭ ބާ؟ ޝަންގްރިއްލާ އާހެދި އައްޑޫ ޓުރިޒަމްކުރި ނޭރިއޭ.. ހަނކެޑެ ކުރިން ހިންގި ކްރެސެންޑާސް އަދި މިހާރު ކެނަރީފް ހިންގާ މީހުންނާހެދި ކުރިނޭރިއޭ.. މީހަމަ ހައްތަހާވެސް ދެއްކިވާހަކަ. ވެދާނެބާ މައްސަލަ އުޅެނީ އެމީހުންގެ ނޫންކަމަށް؟ އައްޑޫ ރާއްޖޭގެ އެހެންއަތޮޅުތަކުގައި ގެންގުޅޭ ބީޗް ރިސޯޓް މޮޑެލަށް ނުހިނގަނީކަމަށް ވެދާނެބާ؟
ސްވީޓީ
15 April 2025
ތިޔަ މަގު ހަދަން ފެންނަނީ ކައިމޫ މީހުންނަށް ދަތިވާގޮތަށް ސަރަހައްދު ވަށައިގެން ބައްދާލާފައި އެއަޕޯރޓަށް މަގުހެދުން. (25 މިލިޔަން ޑޮލަރ) 380 މިލިޔަން ރުފިޔާ މީ އެމްޑީޕީ ވަރަށް ފަރިތަ އަދަދެއް. ދީބާޖާ ބިގް ނޫމަޑި ކަހަލަ ތަންތަން ނަމޫނާދޯ
ސުވީޓޯ
15 April 2025
ތަންކޮޅެއް ހަމަޖެހިލައިގެން ކޮފީއެއް އެއްޗެއްބޯލަގެން ނިކަން އަރާމުކޮށް އޮވެލައިގެން ކޮމެންޓެއް ލިޔެލަބަލަ! ހަޖަމުގެ މައްސަލައެކޭ ތިއުޅެނީ!
ޖުމާ
15 April 2025
ތިޔަތަން ތިތާ ހުރެގެން އައްޑޫއަށް ވީ ފައިދާއެއްނެތް. ފައިދާވަނީ ތިތަނަށް ކާރުކާރުން ގޮސް .. ގަންނަ ބައެއް މީހުންނަށް އެކަނި .