ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ އިސްވެރިންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމު ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް އަދި ސީއެސްސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ސީއެސްސީ
15 އެޕްރީލް 2025 - 12:59
ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތައް ހިންގާ އިސްވެރިންނަށް ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.
ސަރުކާރުގެ މައުލޫމާތުތައް ގެނެސްދޭ ވެބްސައިޓުގައި ބުނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓާ ގުޅިގެން "މެނޭޖްމަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ ހޮސްޕިޓަލްސް އެގްޒެކެޓިވްސް" ތަމްރީނު ހިންގަނީ ސިއްހީ ހިދުމަތް ދޭ ތަންތަނުގެ މެނޭޖަރުންނާއި ޒިންމާދާރުވެރިންނަށް ކަމަށެވެ.
އެ ތަންތަން ހިންގަން ތިބޭ މެނޭޖަރުންނަކީ ސިޔާސީ ގޮތުން އައްޔަންކޮށްފައި ތިބޭ ބައެކެވެ. އެ މީހުންގެ ދަށުން އިސްވެރިންނަށް ތިބޭ ޒިންމާދާރުވެރިންނަކީ ސިވިލް ސާވެންޓުންނެވެ.
ހެލްތު މިނިސްޓްރީން ބުނީ އޮންލައިންކޮށް ގެންދާ ތަމްރީނުގައި 150 މީހުން ބައިވެރިވާ ކަމަށެވެ. އޭގައި ކިޔަވައިދޭނީ މެނޭޖީރިއަލް ޕްރޮފިޝެންސީ، ހެލްތު ކެއާ އޮޕަރޭޝަން ހަރުދަނާކުރުން، ފައިނޭންޝަލް މެނޭޖްމަންްޓް އަދި އިންފޮމޭޝަން ޓޭކްނޮލޮޖީގެ ދާއިރާއިންނެވެ.
ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ އިސްވެރިންނަށް ހާއްސަކޮށް ތަމްރީނު ޕްރޮގްރާމު ފެށުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: ސީއެސްސީ
ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ ތަމްރީނު ފުރިހަމަކުރާ ބައިވެރިންނަށް ލިބޭ މައުލޫމާތުތަކަށް ބިނާކޮށް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން އަދި ރޭވުންތެރިކަމާ އެކު މަސައްކަތްކުރާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށެވެ. އެކަމުގެ ސަބަބުން ގާބިލް މުވައްޒަފުންތަކެއް އުފެދިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެ ދާއިރާގައި މަސައްކަތް ކުރަން ޖެހޭނީ ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ވެސް ދަނީ ވަރަށް މުހިއްމު މީހެއްކަމަށް ދެކިގެން ކަމަށެވެ.
މިނިސްޓްރީން ވަނީ ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓާއެކު އަހަރަކު އެއް ފަހަރު އެ ތަމްރީނު ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު...
15 April 2025
މިކަންވެސް ފެށީ މިއުޅޭ ސޮލިހު. ނުކިޔަވާ ތިބޭ ބައިގަނޑެއް ތަންތަނަށްވައްދައިގެން ކުރަނީވެސް ހުސް ސިޔާސީ މަސައްކަތް. ވަކިވަރަކަށްވުރެ މައްޗަށް ކިޔަވައިގެން ތިބޭމީހުން ނޫނީ ދައުލަތުގެ އިދާރާތަކުގރ މަތީ މަގާމުތަކަށް ނުލެވޭގޮތަށް ގާނޫނު ހަދާބަލަ. އަދި މަޖިލީހަށްވެސް ލެވޭނީ ދައްވެގެން ޑިޕްލޮމާ އޮންނަމީހަކަށް ކަމަށް ހަދާބަލަ. ދެރަކަމެއްނު
ސަލީމު އިދުރީސް
15 April 2025
ތަމުރީނެއް ބަކު ބޮމުސާރަދީފަ އެފަމަގާމުތަކައް ލަނީ ބަލަދު އަރާމީހުންވާތި! ޑރ މުއީޒު އެންގަދަޔައް ދެއްކިވާހަކަ ތިމަން ސަރުކަާރުގަ މަގާމުތަކައް ލާނީ ކަމައް ގާބިލު މީހުނޭ އެމަކު ކަންތައް ކުރަނީ ދިމާއިދިކޮޅައް
ހައުދަހާވާރަގަޅޭ
15 April 2025
އުމުރުން 35 އަހަރުވަންދެން އެކި ދާއިރާތަކުގައި ކިިޔަވައިގެން ތިބި މީހުުން ތިއްބާ ވަޒީފާ މި ލިބެނީ އެހެން ބަޔަކަށް. ދެން ކަންކަން ނިހިއްގި ބޮއްސުންލާން ހެދީމައި މިހަދަނީ 5 ދުވަހުގެ ޓުރޭނިންނެއް. އެހެން ވީމާ ބެލެނިވެރިންވެސް އެބަޖެހޭދޯ ކިޔެވުމަށް އެތައްހަރަދަކާ ލޯނު ނަގާއިރު ވިސްނަން. މިދާވަރުން ދަންޏާ ސުކޫލު ތަކުން ހަމައެކަނި ދަސްކޮށް ދޭން ޖެހޭނީ ޕޯޑިއަމްތަކަށް އަރާ ނަފުރަތު އުފެއްދުމާއި ދޮގުހެދުމާއި ސިޔާސީ އަރާރުންވުން.
އެޑްމުންޑޯ
15 April 2025
ހޮސްޕިޓަލްތަކާއި ހެލްތްސެންޓަރ ތަކުންދޭ ޚިދްމ،ަތް ރަގަޅުކުރަން ބޭނުންނަމަ ތިޔަ ސިޔާސީ ކުޅިގަނޑު ހުއްޓާލާފައި ، ސިޔާސީ މީހުންގެ ބަދަލުގައި ކިޔަވާގެންތިބި ތައުލީމީ ގާބިލް މީހުންނަށް ފުރުސަތުދީ ތަންހިންގާ މެނޭޖަލް ލެވެލްގެ މަގާމަކީ ސިވިލްސަރވިސް މަގާމަކަށް ހަދަންޖެހޭނީ ،
ރަށު މީހާ އިހުސާސް
15 April 2025
ސިއްޙީ މަރުކަޒުގެ ހާލަތު މިނިސްޓްރީތަކުގެ ފިނި ކޮޓަރިފުޅުގައި ތިއްބަވާ ބޭފުޅުންނަށް އިހުސާސްވެސް ނުކުރެވޭނެ، އަހަރެމެން މި ތަން ދެކެވާ ލޯބިން މި ހިންގަނީ އަމިއްލަ ޖީބުން ކަންކަން ކޮއްގެން، ދެން އަނގަ އޮތީމާ ކިޔޭނެ ލައްކަ އެއްޗެހި، އަހަރެމެން ބޭނުންވަނީ ރަނގަޅު ޙިދުމަތެއްދޭން، ސިޔާސީ ވެރިންނެއްނޫން!