16 އެޕްރީލް 2025 - 08:35
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި އާސެނަލްއާ ދެކޮޅަށް ރެއާލް މެޑްރިޑުން މިރޭ ނުކުންނައިރު އެންމެން ތިބީ އެ ޓީމުން ފަހަތުން އަރައި މޮޅުވާނެ ކަމުގެ އުއްމީދުގައި ކަމަށް އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރު ޖޫޑް ބެލިންހަމް ބުނެފި އެވެ.
ފުރަތަމަ ލެގުން އާސެނަލް 3-0 އިން މޮޅުވެފައިވާތީ ރެއާލަށް ސެމީން ފުުރުސަތެއް އޮތީ މިރޭ ތަފާތު ބޮޑުކޮށް މޮޅުވެގެންނެވެ.
ބެލިންހަމް ބުނީ ފުރަތަމަ ލެގަށް ފަހު ކްލަބްގެ ޗޭންޖިން ރޫމުންނާއި، ސޯޝަލް މީޑިއާގައި ވެސް އެންމެ ގިނައިން އަޑުއިވޭ ބަހަކީ "އެނބުރި އައުން" ކަމަށާއި، އެކަމުން އިތުރު ހިތްވަރެއް ލިބޭ ކަމަށެވެ.
"މިދިޔަ ހަފްތާއިން ފެށިގެން މިލިއަނެއްހާ ވީޑިއޯ ފެނިއްޖެ ސޯޝަލް މީޑިއާ އިން، އެކި ސަޕޯޓަރުން ހަދާފައިވާ. އެ އެއްޗެހިން ވަރަށް ބޮޑަށް ހިތްވަރު އާކޮށްދޭ،" ބެލިންހަމް ބުންޏެވެ.
"މި ރޭ ވެގެންދާނީ ރެއާލް މެޑްރިޑްގެ ރެއަކަށް. ތާރީހުގައި ލިޔެވޭނެ ރެއަކަށް ވާނެ، އެކަމަކު އެއީ ރެއާލަށް އާކަމަކަށް ނުވާނެ."
މީގެ ކުރިން ޔޫރަޕްގެ މުބާރާތުގެ ނޮކައުޓް ބުރެއްގައި ރެއާލް ވަނީ ތިން ގޯލަށް ވުރެ ގިނަ ގޯލު ވަދެގެން ފުރަތަމަ ލެގުގައި ފަސް ފަހަރެއްގެ މަތިން ބަލިވެފަ އެވެ. ނަމަވެސް އޭގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 1975/1976 ސީޒަނުގައި ޑާބީ ކައުންޓީ އަތުން 4-1 އިން ބަލިވި ފަހަރެވެ. ދެވަނަ ލެގު 5-1 އިން ކާމިޔާބުކޮށް ރެއާލް އެ ފަހަރުގެ ޔޫރަޕިއަން ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ.
ޗެމްޕިއަންސް ލީގު ފޯމެޓަށް މުބާރާތް ބަދަލުކުރި ފަހުން ރެއާލަށް މި ވަރުގެ ބޮޑު އެނބުރި އައުމެއް ހޯދިފައި ނެތް ނަމަވެސް، ބެލިންހަމް ބުނީ ޗެމްޕިއަންސް ލީގުގައި ރެއާލުން މީގެ ކުރިން ނުކޮށް އޮންނާނެ އާ ކަންނަން މަދުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ފުރަތަމަ ފަހަރަށް ހާސިލް ކުރުމުގެ ފުރުސަތު ލިބުމުން އޭގެ މުހިއްމުކަން ދެނެގެން ޓީމު ކުރިއަށް ދާނެ ކަމަށް އޭނާ ބުންޏެވެ.،
ބެލިންހަމް ވަނީ އޭނާގެ އިނގިރޭސި ޓީމްމޭޓް އާސެނަލްގެ ޑެކްލަން ރައިސްގެ ހިލޭ ޖެހުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ. ފުރަތަމަ ލެގުގައި އާސެނަލަށް ރައިސް ވަނީ ހިލޭ ޖެހުމުން ދެ ގޯލު ޖަހައިދީފަ އެވެ. ރައިސްގެ ޕްރޮފެޝަނަލް ކެރިއަރުގައި މީގެ ކުރިން ހިލޭ ޖެހުމަކުން ގޯލެއް ނުޖެހެ އެވެ.
"އަހަރެންނަށް ހީވަނީ އޭނާގެ އެ ހުނަރު ވަރަށް ހައިރާންކުރުވަނިވިހެން. އަހަރެން މީގެ ކުރިން ނުދެކެން ޑެކް [ރައިސް] އެ ކަން ކުރާތަނެއް. އެނގޭ އޭނާ ސެޓްޕީސްތަކުގައި ވަރަށް ރަނގަޅުކަން، އެކަމަކު އެފަދަ ހިލޭ ޖެހުންތަކެއް ދުވަހަކު ވެސް ނުދެކެން،" ބެލިންހަމް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / މިރޭގެ މެޗް ބަލާނީ ކްރިކްފައި ޓީވީން
16 April 2025
އަހަރުމެންގެ އުންމީދަކީ މިރޭ ވެސް އާސެނަލް މޮޅުވުން.ނަމަވެސް މެޗުގެ 80 ވަނަ މިނިޓްގަ ރެއާލަށް ޕެނަލްޓީއެއް ދީފަ މެޗުގެ އިތުރު ވަގުތު 20 މިނިޓް ކުޅުވައިގެން ރެފްރީންގެ އެހީގަ ރެއާލް މޮޅުނުވާނެއޭ ބުނަން ވެސް ދަތި. އެހެންނޫންތޯ އެކުވެރި ލެއްގިކޮމިޝަނަރ. ވ.ވވެދުން
ލެއްގިކޮމިޝަނަރ
16 April 2025
މީގެކުރިން ރެއާލްއަށް ތަށިތައް ލިބިފަހުރީ ތިކަހަލަ ގޮތަކަށް ، އޮފްސައިޑް ލަނޑުތަކާ ޕެނަލްޓީއާ ރެފްރީއާ ޔޫއެފާގެ ފުރިހަމަ އެހީތެރިކަމުގަ. އުްމީދަކީ މިރޭ މިކަންކަން ބަދަލުވެ އާސެނަލް ސެމީފައިނަލަށް ދިއުން. އެކަމަކު އެކަން ވުމަށްވުރެން ނުވުންކައިރީ. މާޒީން ފެންނަނީ ރެއާލަކީ ޔޫއެފާއަށް ބަލަދުއަރާފަހުރި ދަރިއެއްފަދަ ގޮތަކަށް.