ތިލަމާލެ ބްރިޖުގެ މަސައްކަތްކުރަމުން ދަނިކޮށް ފަރަށް އެރި ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ބޯޓަކުން ކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 އެޕްރީލް 2025 - 20:40
ރާއްޖޭގެ ފަރުތަކަށް އަރާ ބޭރުގެ ބޯޓުތައް ޖޫރިމަނާކުރުމުން އެ ފައިސާ ނުދައްކާ ރާއްޖޭން ބޭރަށް ފުރައިގެންދާ މައްސަލަ ހައްލުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ފަރުތަކަށް އަރާ ބޯޓުފަހަރުގެ ޖޫރިމަނާގެ ފައިސާ ދައުލަތަށް ނުލިބޭ މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަނީ ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެޓާނީ ޖެނަރަލް އޮފީހުގެ އިސްބޭފުޅުން ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުން ވިދާޅުވީ ރާއްޖޭގެ ފަރުތަކަށް އަރާ ބޯޓުފަހަރު ޖޫރިމަނާކުރުމުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޖޫރިމަނާ ފައިސާ ހޯދޭނެ އެންމެ ފަހިގޮތަކީ ރާއްޖެއަށް އެތެރެވާ ބޯޓުފަހަރަކީ އިންޝިއުރަންސް ނަގާފައިވާ ބޯޓުތަކެއްކަން ކަށަވަރުކުރުން ކަމަށެވެ. މިހާރު ވެސް ގިނަ ބޯޓުފަހަރަކީ އިންޝުއަރެންސް އޮންނަ ބޯޓުފަހަރަށް ވިޔަސް، އިންޝުއަރެންސް ނޯންނަ އުޅަނދު ވެސް ރާއްޖެއަށް އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މައްސަލަ ހައްލުކުރުމަށް އީޕީއޭ އާއި އޭޖީ އަދި މަޖިލީހުގެ ކޮމިޓީއަށް ވެސް މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ކޮމިޓީގައި މިނިސްޓްރީގެ އެސިސްޓެންޓް ޑައިރެކްޓަރު ހަސަން ނަޒީރު ވިދާޅުވީ ރާއްޖެ ހިމެނޭ އިންޑިއާގެ ކަނޑުގެ ހުޅަނގު ސަރަހައްދު ހިމާޔަތްކުރުމަށް ހެދިފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ ނައިރޯބީ ކޮންވެންޝަންގައި ބައިވެރިވުމުގެ މަސައްކަތް ރާއްޖޭން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މުއާހަދާގައި ބައިވެރިވުމުގެ އިތުރަށް، ފަރަށް އަރާ އުޅަނދުފަހަރާއި ފެތޭ އުޅަނދުފަހަރު ބެހޭ ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ވެސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި އެ ގަވާއިދާ އޭޖީ އޮފީހުގެ ލަފާ ވެސް މިހާރު ލިބިފައިވާ ކަމަށް ނަޒީރު ވިދާޅުވި އެވެ.
"މި ކޮންވެންޝަންގައި ބައިވެރިވުމާ އެކު، އެ ގަވާއިދު ގެޒެޓްކުރުމުގެ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން... އަޅުގަނޑު ގަބޫލުކުރަނީ މި އަހަރުގެ ތެރޭގައި މި ގަވާއިދު ގެޒެޓްކޮށް ނިންމޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި ނަގާ އަދަދުތައް މާ ބޮޑުވުމުން އެވަރުގެ އަދަދެއް ދެއްކުމަށް ބައެއް ފަހަރު ބޯޓުފަހަރުގެ ވެރިފަރާތުން އުޒުރުވެރިވާ ކަމަށެވެ. އަދި އެއީ ލިބުނު ގެއްލުމާ އެއްވަރުގެ ބަދަލެއް ކަމަށް ގިނަ ފަހަރަށް ބޯޓުފަހަރުގެ ވެރިފަރާތަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން، ތިމާވެށީގެ ޖޫރިމަނާގެ ގޮތުގައި ގާނޫނުގައި މިހާރު ކަނޑައަޅާފައި ހުރި އަދަދުތައް މުރާޖައާ ކުރުމަކީ ވެސް މި ފައިސާ ފަސޭހައިން ހޯދުމަށް ކުރެވިދާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ތިމާވެއްޓަށް ގެއްލުން ދިނުމުގެ އެކި މައްސަލަތަކާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތަކުގެ ތެރެއިން 825 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ދައުލަތަށް ނުލިބޭކަން އީޕީއޭ އިން މިދިޔަ ޑިސެމްބަރު މަހު ހާމަކުރި ތަފާސްހިސާބުތަކުން ދައްކަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީނަތް އައްބާސް
17 April 2025
މިދިޔަ ވެރިކަން ތަކުގައި މިކަންކަން ނުކޮށް އިނީމަ ގައުމަށް ހާދަ ގެއްލުމެއް ވެއްޖެޔޭ. އަދި ވަކިން ހާއްސަކޮށް ފަރަށް އަރައިގެން ފައިސާ ނުލިބިގެން އުޅެން ޖެހުނީ މުޅިން.
ހަސަން ނިހާމް
17 April 2025
މިކަން ކުރަން ލަސްވެސްވެއްޖެ. މީގެ ސަބަބުން ހާދަ ލާރިއެއް ދައުލަތަށް ނުލިބި ގޮއްސިޔޭ.
ނިމާލް ހަސަން
17 April 2025
ވަރަށް ރަނގަޅު ކަމެއް. ކުރިން އޮންނަގޮތުން ނަމަ މިކަން ޔަގީނެއް ނުވޭ.
އޮލިންސް
17 April 2025
ވިލިނގިލި ފަރުހަލާކުކުރަން ހުއްދަދީގެން ޔެލޯޕާޓީ ތިބި. ދެބައިމީހުންވެސް ވަނީ އެކަމުގައި ހަޑި ހާވާ ދިވެހިންނަށް ދޯކާދީފައި. ޒިންމާދާރުކުރުވަންޖެހޭ
ފޮރުވިފަ
16 April 2025
އަހާލަބަލަ ބާރަށު ހިމާޔަތްކޮށްފައި އޮތް ސަރަހަދު ސަރުކާރު ހިއްސާވާ ކުންފުންޔަކުން ފުޑާލީމަ ކޮން ޖުރިމަނާއެއްތޯ ކުރީ. އެކުންފުނީގެ ކޮންނަ ބޯޓު ފަރަށް އަރުވާލީމާ ކޮން ޖުރިމަނާއެއްތޯ ކުރީ. ނޫހަކަށް ވެސް ނާރުވާ ފޮރުވައިގެން އުޅެނީ. ގާނޫނުތަކާ ގަވާއިދުތަކާ ސަރުކާރާ ހިއްސާވާ ކުންފުނިތަކުން އިހުތިރާމެއް ނެތް. ދެން އާމުމީހާ ވީ އިހުތިރާމުކުރަން؟
ޢަގު
16 April 2025
ރާއްޖޭގެ ތިމާވެށީގެ ވުޒާރާއިން ދެކޭގޮތުގައި ރާއްޖޭގެ ތިމާވެއްޓަކީ އަގެއް ނެތްކަމަށް ތިބުނަނީ؟ ދެން ތިވުޒާރާއިން އެއްބާރުލުން ދޭ ވާހަކަ. މިނިސްޓަރު ބޭނުންވާ ބައެއް ޖުރިމަނާކުރަން އެއްބާރުލުންދޭވާހަކަދޯ ތި ބުނަނީ؟ ތިޔަ މިނިސްޓުރީ ދަށުގައި އީޕީއޭ ބާވައިގެން އެއްކަމެއް ވެސް ނުވާނެ. ޢެންމެ ކުޑަމިނުން ދައުވާކުރުމުގެ ބާރު ވެސް އީޕީއޭއަށް ނޯވޭ. މިނިސްޓުރީ ތަކާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބޭނުން އެއްޗެއް ހަދަންވީ. ޢީޕީއޭއަކަށް ކަމެއް ނުކުރެވޭނެ
ކައުންސެލަރު...
16 April 2025
ކޮބާހޭ ވިލިނގިލި ފަރުފޫދުއްވާލި ގްރޫޕް. މިބައިގަނޑަށް ހަމަ ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެދޯ. ކިހާ ދެރަކަމެއްހޭމީ
ޖަފާލް
16 April 2025
ތިޔަކުރާ ޖޫރިމަނާގެ އަދަދާމެދު ވިސްނާލުމެއްނެތް؟؟ބަޔަކަށް މީހަކަށް ދެވޭނެ ވަރުގެ އަދަދެއް ކިޔާނަމަތާ..ޖޫރިމަނާ އަދަދު ބޮޑުކޮށްގެން ގެއްލުންވި ފަރު ރަނގަޅުވަނީކީވެސް ނޫނޭ..