ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް "ފްލައި" ނަވާރޯ ވަނީ ރާއްޖޭގެ ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް ހަމަޖައްސާފައި. --ފޮޓޯ: އެމްއެމްޕީއާރުސީ
16 އެޕްރީލް 2025 - 21:35
ސްޕޯޓްސް ފިޝިން ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް "ފްލައި" ނަވާރޯ ހަމަޖައްސައިފި އެވެ.
މިއީ ބައިނަލްއަގުވާމީ ސްޕޯޓް ފިޝިން ކޮމިއުނިޓީގައި ރާއްޖޭގެ ކަނޑުގެ މާހައުލަށް ހުރި ޝައުގުވެރިކަން އިތުރުކޮށް, ދެމެހެއްޓެނިވި މަސްވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ވަނީ ސިފަކޮށްފަ އެވެ.
ކުޅިވަރު މަސްވެރިކަމުގެ ސިނާއަތުގައި 30 އަހަރަށް ވުރެ ގިނަ ތަޖުރިބާ ލިބިފައިވާ، ފްލައި ނަވާރޯ އަކީ ހަ ބައްރަކަށް ދަތުރުކޮށް، ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތްތަކުގައި ބައިވެރިވެފައިވާ ކުޅަދާނަ އެންގަލަރެކެވެ.
މީގެއިތުރުން، ނަވާރޯ އަކީ، ފްލައި ޒޯން ފިޝިންގެ ބާނީ އަދި ދުނިޔޭގެ ހަމައެކަނި "ބްލޫ މާލިން" މުބާރާތް, "ބްލޫ މާލިން ވޯލްޑް ކަޕް" ގެ ކޯ ކްރިއޭޓަރުގެ ހައިސިއްޔަތުން މީޑިއާ އާއި އިވެންޓް ޕްރޮޑަކްޝަން ގެ ޒަރިއްޔާއިން އެންގަލަރުންގެ ކޮމިއުނިޓީ ބަދަހިކޮށް ފުޅާކުރުމުގެ މަސައްކަތުގައި ފާހަގަކޮށްލެވޭ މަގުބޫލު އޭންގަލަރެކެވެ.
ކުޅިވަރުގެ މަސްވެރިކަމުގެ ތަޖުރިބާކާރު އަދި ފްލައި ޒޯން ފިޝިންގެ ބާނީ ރޮބަޓް "ފްލައި" ނަވާރޯ ވަނީ ރާއްޖޭގެ ސްޕޯޓްސް ފިޝިންގެ އެމްބެސެޑަރަކަށް ހަމަޖައްސާފައި. --ފޮޓޯ: އެމްއެމްޕީއާރުސީ
އަދި ތަޖުރިބާއާއި ހުނަރާއި, މަގުބޫލުކަމަށް ބިނާކޮށް, ބައިނަލްއަގުވާމީ އެންގަލަރުންގެ މެދުގައި މަސްވެރިކަމަށް އެންމެ އެކަށޭނަ މަންޒިލްތަކުގެ މެޕް ގައި ދިވެހިރާއްޖޭގެ ނަން ފަވާލަން އެންމެ އެކަށޭނަ އެއް ޝަހުސިއްޔަތެވެ.
އެމްއެމްޕީއާރުސީން ބުނީ، މި އެމްބެސެޓަރޝިޕްގެ ދަށުން ފުރަތަމަ ހަރަކާތެއްގެ ގޮތުން ވިޒިޓްމޯލްޑިވްސްއިން ބާއްވާ ބުރުނުބޮމަ ގްލޯބަލް ފިޝިން މުބާރާތުގައި ނަވާރޯ ބައިވެރިވާނެ ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެއި 2 ވަނަ ދުވަހުން މެއި 4 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެންގަލަރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި, ހިބަރު، ކަންނެލި އަދި ފިޔަލަ ފަދަ ބޮޑެތި ގޭމް ފިޝް ބާވަތްތަކަށް އަމާޒުކޮށްގެން ވާދަވެރި މަސްވެރިކަމެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގެ އިތުރުން, ފްލައި ނަވާރޯ ގެ ތަޖުރިބާއާއި މަގުބޫލުކަން މެދުވެރިކޮށް, ދެމެހެއްޓެނިވި މެރިން ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ ހެދުމަށް އިންޑަސްޓްރީގެ ޕާޓްނަރުންނާއެކުވެސް އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
"ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް. ރާއްޖޭގެ ކަނޑުގެ މާހައުލަކީ މުޅި ދުނިޔޭގައި ވެސް އެންމެ ހިތްގައިމު އެއް މާހައުލު. އަދި މިއީ މަސްވެރިކަމަށް ބަލާއިރު އެހެން މަންޒިލަކަށް މިއާ ވާދަ ނުކުރެވޭނެ ފަދަ ކަނޑުގެ މާހައުލެއް. މި މާހައުލު ދުނިޔެއަށް ދައްކައިދިނުމަށް އެހީތެރިވެދިނުމަކީ އަހަރެންނަށް ލިބޭ އުފަލެއް،" ނަވާރޯ ބުންޏެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި، ގްލޯބަލް އެމްބެސެޑަރުގެ ހައިސިއްޔަތުން ނަވާރޯގެ ސްޓްރެޓެޖިކް މީޑިއާ އައުޓްރީޗް، އިންޓަނޭޝަނަލް ޕާޓްނާޝިޕް އަދި އޮން ދަ ގްރައުންޑް އިނީޝިއޭޓިވްތައް މެދުވެރިކޮށް ކުޅިވަރު މަސްވެރިކަމާއި މެރިޓައިމް ޓޫރިޒަމް އިންޑަސްޓްރީގައި ރާއްޖެ އިޝްތިހާރު ކުރުމުގައި އެހީތެރިވެދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫދޭ
18 April 2025
ރޯނުފަށެއް ދިނަސް މަސްބާނާ އަޒީއަށް މިފުރުސަތު ނުދިނުން މީވަރައް ދެރަކަމެއް.. އެމްއެމްޕީއާރުސީގެ ނިންމުން ބަދަލުކޮއް އަޒީއަށް މިޝަރަފު ދޭން އަބުސީގެ ފަރާތުން ގޮވާލަން
ޗޮމްފޯ
17 April 2025
އޮފު އެފްސީގަ އުޅޭ އަކްސަމްއަށް ސްޕޯޓްސް ފިޝިންގ އެމްބެސެޑަރުކަން ނުލިބުމަކީ ދިވެހިރާއްޖެއަށާއި މުޅި މަސްވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ދެރައެއް. މިނިންމުން ސަރުކާރުން ބަދަލުކުރާންކަމަށް އަލުގަނޑު ދެކެން.
ފޫހި
17 April 2025
އާޅޭ . މި ބޮޑު ކަނޑު އޮތް ގައުމުގައި މިކަމުގެ މިކަމަށްލާނެ ދިވެއްސެއް ހަމަނެތީތަ؟
އުސްމާނުބެ
17 April 2025
ހަމަ މިރާއްޖޭގައި ދިވެއްސަކުނެތީތަ ތިކަން ވާވަރުގެ ، އަހުރެމެންނައްވެސް ހަޑި މިދާއިރާގައި ތަމްސީލު ކުރާނެ ދިވެއްސަކު ސަރުކާރުން ނުފެނުނީތީ ...
3132
17 April 2025
ކޮބާތޯ މިކަމުގެ ބޭނުމެއް؟ އެމްއެމްޕީއާރުސީ އަށް ނޭނގެނީ ކިތައް ދިވެހިން ކަމެއް ބޭރުގެ ފަރާތްތަކަށް މަސްވެރިކަން ކިޔައިދޭން އެ މީހުންނާ އެއްކޮން މަހަށް ދާން ރާއްޖެއިން ބޭރަށް ދާކަން! ދިވެހިރާއްޖޭގައި މިކަން ކުރާ މީހަކު ނެނގި ނަމަވެސް މާ ބޮޑަށް މި މާކެޓިން ރަގަޅު ވާނެ! މިހާރު މިފެންނަނީ މުއިއްޒު ގެ ވެރިކަމުގައި ތިބި ނާގާބިލް މީހުންގެ ފެންވަރު
ތޫބާ ނާޒިމް
17 April 2025
މިކަންކަން ކޮށް ފުޅާ ކުރަން އެބަޖެހޭ ރާއްޖޭގެ ޓޫރިޒަމް. އައު ކޮންސެޕްޓްތައް ގެނެސްގެން. މީ ރަނގަޅު ފެށުމެއް.
މިސްބާހް މުހައްމަދު
17 April 2025
މިއަދު އަދި ކިރިޔާނު ދާއިރާއަކަށް މިގައުމުގެ ޓޫރިޒަމް ޕްރޮމޯޓް ތިކުރެވެނީ. އެތައް ފަތުރުވެރިން ޖައްސާ އެއްޗެއް ސްޕޯޓް ފިޝިންއަކީ.
ސިއްބަތް އަޒީޒް
17 April 2025
ޓޫރިޒަމް ފުޅާ ކުރަން މިޔަށްވުރެ ވަކި ރަނގަޅު ކަމެއް ނޯންނާނެ. މިކަން ކުރަން އެތައް ޓޫރިސްޓުންނެއް މިހާރުވެސް މި ރާއްޖެ އާދޭ.
މޫސާ ފަތުހީ
17 April 2025
މިކަން ކުރަން ލަސްވެސްވެއްޖެ. މިގައުމުގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދެވޭނީ މިކަން ކޮށްގެން.މިކަން އާއްމު ކަމަކަށް ހަދަން ޖެހޭ.
މިސްވާރު
17 April 2025
ކުޅިވަރަށް މަސްތައް މެރުން މީ ހަމަ އެންމެ ރަގަޅު ގޮތްތަ؟
ދެރަބެ
17 April 2025
އާން ވަރައްދެރަ ފޮޓޯނަގަން ބޮޑެތިމަސް ބާނާގެންމަޜާތީ