18 އެޕްރީލް 2025 - 14:07
ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅޭ ނިންމުމެއް ކަމަށް އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓަތުވެއިޓް ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު ސަސްޕެންޑު ކުރުމާ އެކު، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް އެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.
ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ސަސްޕެންޑްކުރީ ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އެކަމަކު، ސުއޫދު ވަނީ ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ މާގަރެޓް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ސްޕްރީމް ކޯޓުން މައްސަލަ ބެލުން ހުއްޓުވުމަށް އެ ތިން ފަނޑިޔާރުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން، ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރި މައްސަލާގައި ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ބޭފުޅުންނާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުގެ ރައީސް، ޖޭއެސްސީ އަށް އެންގި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރަލްދާ.-- ފޮޓޯ: މިހާރު
ސުއޫދާއި އަޒްމިރާލްދާ އަދި މަހާޒާ މެދު އަޅާފައިވާ ފިޔަވަޅުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާ ހިލާފު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ފަނޑިޔާރުން ވަކި ކުރެވޭނީ އެ ބޭފުޅުންނަކީ ނާގާބިލު ނުވަތަ ބޮޑެތި މައްސަލަތަކެއްގެ ސަބަބުންނާއި އިންސާފުވެރި އުސޫލުތަކެއްގެ ދަށުން ކަމަށް މާގަރެޓް ވިދާޅުވި އެވެ.
"ސަސްޕެންޝަންތަކާއި ޑިސިޕްލިނަރީ ޝަރީއަތްތަކާއި ތަހުގީގުތަކުގެ ޕްރެޝަރަކީ މި މުއައްސަސާގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
މާގަރެޓް ވަނީ މަހާޒާއި އަޒްމިރަލްދާގެ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމުން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އޮކްޓޫބަރު، 2022 ގައި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.
ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލްއަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށް ދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާ ކުރުމަށް އެދުމުން އެކަން ނުކޮށް ލަސްވެ އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް މައްސަލަ ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒާ ގުޅޭ ގޮތުން ޖޭއެސްސީން އެހެން މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން މަޖިލީހުން އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އެ ދެ ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ނިންމައި، ރިޕޯޓު ކޮމިޝަނަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެފައާސާ.
20 April 2025
އ.ދ ވިޔަސް އެކުން މާ އަނގަ ދޮށިވެގެން ނޫޅޭ އަހަރެމެންގެ އަތުގައިވެސް މިހާރު 43 އަހަރުވީ މަނަވަރަކާއި 2 މިސައިލާއި 4 ޓޭންކަރާއި 2 ޑްރޯން އެބައޮތް. ތިޔާހެން ބުލީ ނުކުރެވޭނެ. ޚަބަރުދާރު!!!
އަބްޑޫޅް +
19 April 2025
މިހާރު ކަލޭމެން އިޒުރޭލު ޕާސްޕޯޓު މަނާކޮށްފީމު. ދެން އެބަޖެހެޔޭ، އުތުރު ކޮރެޔާ އާއި ބަރުމާގެ ޕާސްޕޯޓުވެސް މަނާކުރަން. ނާ ތަހުޒީބު ވާން ތިޔަހާ ބޭނުމިއްޔާ އެބަ ޖެހެޔޭ، ނާތަހުޒީބު ވެއްޖެ ކަމުގައި އިއުލާނުކުރަން.
ގދ.
19 April 2025
އދ އަކީ ދުވަހަކުވެސް އިންސާފެއް ގާއިމްކުރި ބައެއްތަ. ހަމަ އެކަނި ވަކި ބައެއްގެ ދިފާއުގަ އުޅޭ ޖަމިއްޔާއެއް މީ
އަބްޑޫޅް +
19 April 2025
އަލިފުދާލާއި ކޮމަންވެލްތާއި، ވޯޑުބެންކުން ވަކިވުމަށްފަހު، އުތުރު ކޮރެޔާ އާއި ބަރުމާ ފިޔަވައި އެހެން ދައުލަތް ތަކާއި އެކު އޮތް ޑިޕްލޮމެޓިކު ގުޅުން ކަނޑާލައި، އެމެރިކާ ޑޮލަރާއި، ޔޫރޯ، އަދި މާތެވެގެންވާ އިގިރޭސި ފައުނު ރާއްޖެއަށާއި ދިވެހީންގެ ބެންކު އެކައުންޓުތަކަށް ޖަމާކުރުމަކީ ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އޮނަނަ ކުށަކަށް ހެދުމުން، ތިޔަ މައްސަލަ ހައްލުވީ.
އަލަމަން
18 April 2025
ދެފުށް ނުފެންނަ ގޮތަށް ވާނުވާއެއް ނޭގޭ ގޮތަށް މި ކުރި ކަމަކީ ދިވެހި ރައްޔިތުންގެ ހިތުގާ ރާއްޖޭގެ އަދުލު އިންސާފުގެ ނިޒަމާ މެދު ސުޕާ ކޮންކްރީޓު އިތުބާރު އުފެދުނު ކަމެއް. ޝުކުރިއްޔާ ރައީސް.
އަބްޑޫޅް +
19 April 2025
ހޫމް. ސުޕާ ގުނގުރޭޓު އިތުބާރު ދޯ؟
ޕޫރުބެ
18 April 2025
ރައީސް މީހާ އެއްގޮތަކަށްވެސް ފަނޑިޔާރުގެއަކާ ނުބެހޭނެ! އޭނާ އެތަންތަނަށް އަތާފަޔާ ދަނޑި ބާނާނީ
ޖޫނިއަރ ލޯޔަރ
18 April 2025
އދ ކީއްކުރަން، ދެންވެސް އޮންނަ ޖަމުޢިއްޔާތަކުގެ މެންބަރަކަށް ރާއްޖެ ވެ އޮވެ ފާލުން ނައްޓަންޏާ ބެހޭނެ. ހަމަ ޔަގީނުން ވެސް ކޮންމެ ދާއިރާއެއްގެ ވެސް ގިނަ ރައްޔިތުންގެ އުންމީދަކަށް ވާނީ، ވެރިކަމުން ބޭނުންވާ ގޮތާއި ޚިލާފަށް ދާއިރާ އާއި ޤައުމުގެ ލާބަޔާ މަންފާއަށް މެންބަރުން މަސައްކަތްކުރުން! އަނެއްކާ ސ.ކޯޓަށް ހުށައެޅުނު ދުސްތޫރީ މައްސަލައިގައި މަޖްލިސްގެ މެންބަރުން ކުރި ހުވާގެ ބަޔަކާ ވެސް ތަޢާރުޒުވޭ! އެއީ ހުވާގައި އޮންނަ "ގައުމާއި ރައްޔިތުން ޙައްގުތައް ޙިމާޔަތް ކުރުން......." ބަޔެވެ! އަވަސް އަވަހަށް ރިޔާސީ އިންތިޚާބުގައި 20 ނުވަތަ 30 ޕަސެންޓް ލިބުނަސް އިންތިޚާބު ކާމިޔާބުވީކަމަށް ނިންމާ ވެރިކަމަށް އެރޭނެ ގޮތް ހަދަން އުޅުން ވެސް އެއީ މި ސިލްސިލާގެ ބޮޅެއްތާ!
މުރާސިލް
18 April 2025
ފަނޑިޔާރުންނަށް އެޅި ފިޔަވަޅާއި މެދު އދ.އިން ކަންބޮޑުވެ އދ. އިސްވެރިންނަން ހަމަ ނިދި ނުލިބިގެން ތިޔަ އުޅުނީ އދ.އިން ކަންބޮޑުވާންޖެހޭ ހަމައެކަނި ކަމަކީ ފަނޑިޔާރުންނަށް ފިޔަވަޅު އެޅުން ކަމަށް ވީތީ ހެއްޔެވެ? ތިޔަ ޖަމާޢަތުގެ މެންބަރު 147 ޤައުމުން ދަޢުލަތެއްގެ ގޮތުގައި ބަލައިގެންވާ ފަލަސްތީނުގެ ގާޒާގައި ކޮންމެ ދުވަހަކު ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ނުކުޅެދޭ އެތައް ބަޔަކަ މަރަމުން ދާއިރު ތިޔަ އދ ކޮބައިހެއްޔެވެ؟ ކަންބޮޑެއް ނުވޭ ހެއްޔެވެ؟
ޝަބުނާ
19 April 2025
ކަލޭ ހަބަރެއް ވެސް ރަގަޅަށް ނުކިޔާކަން ފަޅާއެރީ
ޣަރާރު
18 April 2025
ބޭގަރާރުވެގެން ތިބެ އަދި ސިޔާސީ ވެގެން ވާހަކަ ނުދެއްކުން ރަގަޅުވާނި.. މިއީ ގައްޒާ މައްސަލައެއް ނޫން. މިދުނިޔޭގައި ގިނަބަޔަކު ޤަބޫލް ކުރާ ޑިމޮކްރަސީ ގަބޫލުކޮށްގެން ތިބި ބަޔަކު އެގޮތަށް އެއްވެސް މުޖުތަމަޢެއްގައި ކަންނުކުރާނެ އަދި ބެސްޓް ޕްރެކްޓިސްތަކާވެސް ޚިލާފަށް މުޖުތަމަޢުތަކުގައި ކަންކޮށްގެން ނުވާގޮތަށް ކަންކުރުމުން އޭގެ ނަތީޖާ. ސަރުކާރު މުސާރަދޭ މީހުންގެ ވިސްނުމާ އެއްގޮތަށް ކަންކުރާކަށް ނުޖެހޭ
ގަޯރުނުދަޯރު
18 April 2025
ސުޕްރިމް ކޯޓު ވިޔަސް ދަށު ކޯޓެއް ވިޔަސް ފަނޑިޔާރުން ސަސްޕެންޑްކޮށް މައްސަލަ ބެލުން އެއީ މައްސަލައެއް ނޫން. މައްސަލައަކަށް ވެގެން އުޅެނީ ވަގުތާ ހާލަތުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ ހިތުގަ ޝައްކު އުފެދޭގޮތަކަށް ފަނޑިޔާރުން ސަސްޕެންޑްކޮށް މައްސަލަ ބަލަމުންދާތީ. ނަތީޖާއަކަށް ވެގެންދަނީ ޝަރުއީ ދާއިރާގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަން ރައްޔިތުންނަަށް ގަބޫލުކުރެވި ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުން..