ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ: ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާން އިލްތިމާސްކުރެއްވި.-- ފޮޓޯ: މިހާރު
19 އެޕްރީލް 2025 - 15:33
މި އަހަރުގެ މިހާތަނަށް، މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު ވިދާޅުވެއްޖެ އެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށް ވުމާ އެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ހާއްސަކޮށް، އޭސީ ކަހަލަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށް ވުރެ ދަށް ނުކުރުމަށާއި ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް ވެސް ފަހުމީ އިލްތިމާސްކުރެއްވި އެވެ.
"މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަހުގެ މެންދުރުފަހު 3:00 ގައި 114 މެގަވޮޓްގެ ކަރަންޓު ބޭނުންކޮށްފައިވެ އެވެ. އަދި މިއަދު މެންދުރުފަހު 1:00 ގައި މާލޭގެ ލޯޑް ހުރީ 111 މެގަވޮޓްގަ އެވެ.
"އެހެންކަމުން އަޅުގަނޑުމެން އެންމެން މިކަމަށް ސަމާލުވެ، ފަރުދީ ގޮތުން ކަރަންޓު އިގްތިސާދު ކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދިނުމަކީ މުޖުތަމައު އާއި އަމިއްލަ ލާބަ އާއި މަންފާއަށް ކުރެވޭ ވަރަށް މުހިންމު ކަމެއް. ކަރަންޓު ހެޔޮގޮތުގައި ބޭނުންކޮށް، އިސްރާފު ނުކުރުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތް ކުރަމާ،" ފަހުމީ ވިދާޅުވި އެވެ.
މެޓް އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި ދުވަސްވަރު އެންމެ ހޫނުގަދަވަނީ މެންދުރުފަހު 2:00 ގަ އެވެ. ގިނަ ދުވަސްދުވަހު އިހުސާސްކުރެވޭ ހޫނުމިން މިހާރު ހުންނަނީ 35 ޑިގްރީ ސެލްސިއަސް އާއި 39 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ. މިދިޔަ އަހަރު އެންމެ ހޫނުގަދަވި ދުވަހު ވަނީ އިހުސާސްކުރެވޭ ހޫނުމިން 48 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.
ރާއްޖެއަށް އާންމު ގޮތެއްގައި އެންމެ ހޫނުގަދަވަނީ ކޮންމެ އަހަރެއްގެ ވެސް މާޗު މަހުން ފެށިގެން އޮގަސްޓް މަހާ ދެމެދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރީ
20 April 2025
އަނެއްކާ ބިލް ތަށް ބޮކުރަން ނިންމީދޯ ކިހާ ބޮޑުކަމެއް މީ
ސަންފާ×
20 April 2025
ހަކަތަ ބޭނުންކުރުން ލިމިޓުކުރުމުގެ ވާހަކަ ނުދައްކާ ކެޕޭސިޓީ އިތުރުކޮށް ޒަމާނާއި އެއްގޮތަށް ޓެރިފްގެ ބޭންޑްތައް އިސްލާޙު ކުރުން ކިހިނެތް ވާނެ؟ ގިނަ ހަކަތަ ބޭނުންކުރަންޔާ ވިޔަފާރިއެއްގެ ގޮތުން ސްޓެލްކޯއަށް ވާނީ ފާއިދާ. އެހެންވީމާ މިފަދަ ކުރި އަރާފައި އޮތް ޒަމާނެއްގައި ކޮންޒިއުމަރުންނަށް ކަރަންޓު މަދުން ބޭނުންކުރުމަށް ގޮވާލުމުން އެކަމުން އެނގެނީ ސްޓެލްކޯގައި ސްކޭލްމަތިކޮށް ކަންތައްތައް ހަރުދަނާ ކުރުމުގެ ވިސްނުމެއް ނެތްކަން.
ޠުނި123
20 April 2025
މީހުން ނާހާ ސުވާލު ތަކަށް ޖަވާބު ދޭކަށް ނުޖެހޭ. ކަމެއް ކުރާނަމަކޮންމެ މަހެއްގެ ރީޑިން ނަގާފަ އެދުވަހު އަރަފަ ހުރި ޔުނިޓުގެ އަދަދާ އަގު އެސްއެމް ކޮށްލާ އޭރުން ކޮންމެ މީކަށްވެސް އެގޭނެ އެކަން ވަމުން ދާ ގޮތް. މިހާރަު ތިޔައީ ނިމުނެއް ނެތް ބަހުސަކަށް ވެފަ ވާކަމެއް.ކަރަންޓު އެބަަޔަކު ބޭނުން ކުރިގޮތަކަށް އަރަމުން ދާނެ.
ތިބޮޑުވީބިލު
20 April 2025
ދެން ބަލާނެކަމެއްނެތް. މިމަހުގެ ކަރަންޓްބިލު އިންތިހާއަށް ބޮޑުވާނެ. އެންމެންނަށްވެސް މިކަން މިހާރު ގަބޫލުކުރެވެނީ މިގޮތަށް. މިބޭފުޅުން އަބަދާއަބަދު ކަރަންޓް ބޭނުންކުރާ ވަރާބެހޭގޮތުން ދައްކާ ވާހަކައިން ބިލުތައް އިންތިހާއަށް ބޮޑުވެފަ ހުންނަކަން މީ ހަގީގަތެއް.
ބަތްކައްކާ
20 April 2025
ކޮބާ ތައްޔާރަށްތިބޭށޭ އެބުނީ. ފިތްކަނޑައިގެން އެކަކުވެސް ނުދާތި
ހޮޓްކިންގ
20 April 2025
މާނައަކީ މިމަހުވެސް ހެސްކިޔާފަ ބޮޑު ބިލެކޭ ލިބޭނީދޯ.
ޖަމާލު
20 April 2025
ސްޓެލްކޯ އާއި ފެންކުންފުނި މެދުވެރިކޮށް ރައްޔިތުންގެ ޖީބުގަހުރި ފައިސާ ކޮޅުވެސް ސަރުކާރުން ދަމައިގަންނަނީ. ސިޔާސީ މަޤާމުތައްދަނީ މައްޗަށް. ސަރުކާރުގެ ޚަރަދުތައް ހުރީ މެކްހަށްޖަހާފަ.
އަހައްމަދޫ
20 April 2025
ދެންތި ހާސަރުތަކެއް ނުދެމިޔަސް ތިބޮޑުކޮށް ފޮނުވާ ބިލެއް ފޮނުވަބަލަ
ފޯޅަވަހި
20 April 2025
ތިބުނީ މިމަހުގެ ބިލް ވަރަށް ބޮޑުވާނެޔޭތަ؟
ބަބޫ
19 April 2025
ކޮށްމެ އަހަރަކު ހޫނު މޫސުމުގައި ބިލް ބޮޑުވުން އޯކޭ. އެކަމަކު ފިނިމޫސުމް އައީމަ އެ ބިލް ކިޑަނުވެ އަނެއްކާ އަނެއް އަހަރު ހޫނުމޫސުމުގައި ބިލް ވަނީ ބޮޑު. 1500 އިން ފެށުނު ބިލެއް މިހާރު 4000 ގަ ހުރީ. ކޮށްމެ އަހަރަކު ތިޔަ ވިދާޅުވާ އެއްޗެއް ބޮޑުވެގެން ތިރިނުވެފަ. ކަރަންޓް ބޭނުންކުރަން ގެޔަށް އިތުރަށް ގެނައި އެއްޗެއް ނެތް؟