ގެމަނަފުށި ހެލްތު ސެންޓަރު. މިތަނަށް ގެންދިޔަ ކުއްޖެއްގެ މަރާ އެކު އިހުމާލުގެ ތުހުމަތުތައް ދަނީ ކުރަމުން.
21 އެޕްރީލް 2025 - 10:16
ގއ. ގެމަނަފުށީގައި ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ތުއްތު ކުއްޖެއްގެ ހާލު ކުއްލިއަކަށް ގޯސްވެ ނިޔާވި މައްސަލައެއްގައި އާއިލާއިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ.
އެ ރަށު ހުސެއިން ޝަހުބާދާއި އޭނާގެ އަންހެނުންނަށް ނުވަ އަހަރަށް ފަހު ލިބުނު ތިން ވަނަ ދަރިފުޅު ނިޔާވީ ރޯގާގެ އުނދަގޫތަކެއްގައި އެ ރަށު ސިއްހީ މަރުކަޒަަށް ގޮސް ހޯދި ފަރުވާތަކުން ކަމަށް އާއިލާއިން ތުހުމަތުކުރެ އެވެ.
ކުއްޖާގެ ބައްޕަ ޝަހުބާދު ބުނީ ހަތް މަހުގެ އެ ކުއްޖާއަށް ރޯގާ ޖެހި ނޭފަތުން ފެން އައުން ނޫން އިތުރު އެއްވެސް އުނދަގުލެއް މިމަހުގެ 15 ވަނަ ދުވަހާ ހަމައަށް ވެސް ނެތް ކަމަށެވެ. އޭގެ ތިން ދުވަސް ކުރިން ޑޮކްޓަރަށް ދެއްކުމުން ނޭފަތަށް އާވިއަރުވަން ބުނުމުން ދިޔައީ އެކަން ވެސް ކުރަމުން ކަމަށާއި އެކަމަކު ތިން ވަނައަށްވީ ދުވަހު ކުޑަކޮށް ކެއްސަން ފެށި ކަމަށް އޭނާ ބުންޏެވެ.
ޝަހުބާދު "މިހާރު" އަށް ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަކީ ބައްޔެއް ހުރިކަން މިހާތަނަށް ވެސް އެނގިފައިވާ ކުއްޖެއް ނޫނެވެ. ވަރަށް އެކްޓިވްކޮށް އުޅެމުން އައި އެ ކުއްޖާއަކީ މީގެ ކުރިން އެފަދަ ކަމެއް ޝައްކުކުރެވިގެން ޓެސްޓެއް ވެސް ހެދި ކުއްޖެއް ނޫން ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ކުޑަކޮށް ކެއްސާތީ ޑޮކްޓަރަށް ދެއްކުމުން ރޯގާގެ އަސަރެއް ނެތް ކަމަށާއި އެލާޖީއެއް ކަމަށް ވެދާނެ ކަމަށް ބުނެ ޑޮކްޓަރު ޓެސްޓެއް ހެދުވި އެވެ.
"15 ވަނަ ދުވަހު ކޮންމެވެސް ވަރަކަށް ކެއްސައިގަތީމަ ޑޮކްޓަރަށް ދައްކަންދިޔައިމާ ޑޮކްޓަރު ބުނީ ރޯގާގެ އެއްވެސް އަސަރެއް ނެތޭ. މޭގައި ނެތޭ ރޯގާގެ އަސަރެއް. ޓެސްޓެއް ހަދާލާށޭ ޖެހޭނީ،" ކުއްޖާގެ ހާލު ކުއްލިއަކަށް ގޯސްވާން ފެށި ގޮތް އޭނާ ކިޔައިދިނެވެ.
އެ ޓެސްޓަށް ފަހު، އައިވީ ފެނުން އާވި އެރުވުމުގެ ބަދަލުގައި ބޭހެއް އަޅައިގެން އަރުވަން ލަފާ ދިން ކަމަށް ޝަހުބާދު ބުންޏެވެ.
"އެ ދުވަހު 11 ގަޑި ކޮންމެވެސް ވަރެއްގައި އާވި އަރުވައިގެން [ހޮސްޕިޓަލުން]، ގެއަށް ދިޔައީ. ދެން ވެސް ހުރީ ވަރަށް އެކްޓިވްކޮށް ދަރިފުޅު ހުރީ. އެ ރޭ ވެސް 8 ހާއިރު އާވިއަރުވަން ދާން ބުނެފައި އޮތީ،"
އޭގެ ފަހުން ގެއަށް ދިއުމަށް ފަހު ކާން ދިނީ ކިރާއި ކުދިބިސްކޯދު ޗަސްކޮށްފައި ކަމަށާއި އެއީ ކުއްޖާ އާންމުކޮށް ވެސް ކާއެއްޗެއް ކަމަށް އޭނާ ޝަހުބާދު ބުންޏެވެ. އެކަމަކު އެ ދުވަހު އާ އެއްޗަކަށް ކުޑަ ކައްޓަލަކޮޅެއް ކާން ދިން ކަމަށް އޭނާ ބުންޏެވެ.
"މިބުނާ ދުވަހު އަޅުގަނޑުމެންނަށް އިތުރު އެއްޗަަކަށް ދެވުނީ ކައްޓަލަ. އަޅުގަނޑުމެން ކޭއިރުގައި ޗަސްކޮށްލާފައި ދަރިފުޅަށް ކޮންމެވެސް ވަރަކަށް ދިނިން. އަޅުގަނޑު މި ވާހަކަ ވެސް ދެންނެވިން [ޑޮކްޓަރުން ގާތު]،"
އެކަމަކު އެ ކޭ ފަހުން ވެސް ކުއްޖާ އުޅުނީ އެކްޓިވްކޮށެވެ. ރޭގަނޑު 8 ހާއިރު ދެވަނަ ފަހަރަށް ނޭފަތަށް އާވިއަރުވަން ގެންދިއުމަށް ތައްޔާރުވަނިކޮށް ކުއްޖާ ރޯން ފެށީ އެވެ. އެ މީހުން ހީކުރީ ކުއްޖާ ނިދި އައިސްގެން ރޮނީ ކަމަށެވެ. އެކަމަކު ރުއިން ނުހުއްޓައިގެން އަވަހަށް ޑޮކްޓަރަށް ދައްކަން ދިޔަ އެވެ.
"8 ޖަހާއިރު އާވިއަރުވާށާއި ޓެސްޓުގެ ނަތީޖާ ނަގައިގެން ޑޮކްޓަރަށް ދައްކަން އިނީ. އެެހެންވެ، ދާން އުޅެނިކޮށް ދަރިފުޅު ފައި ކުރުކޮށްލާފައި އިނދެގެން ރޮނީ. އަހަރެމެން ހީކުރީ ނިދި އައީ ކަމަށް،"
ސިއްހީ މަރުކަޒަށް ދިޔައިރު އެތަނުގައި އިނީ ނަރުހެކެވެ. އޭރު ކުއްޖާގެ ހާލު ސީރިއަސް ނޫން ކަމަށާއި ނަރުސް މީހާ ވެސް ކުއްޖާއަށް އާވި އަރުވަދިނީ ކަމަށް އޭނާ ބުންޏެެވެ.
"ނަރުސް ކުއްޖާ ވެސް ކޮންމެވެސް ކަމެއްވާހެން ހީވާތީ މި ގުޅީ ޑޮކްޓަރަށް. ގުޅައިގެން ޑޮކްޓަރު ކައިރީ ބުނީ އަންނަން. ދެން ޑޮކްޓަރު އައި ތަނުން އަހަރެން ވެސް އެތަނަށް ވަދެވިއްޖެ. އަހަރެން ހުރިން އެ ތަނުގައި ހުރިހާ ކަމެއް ކުރިއިރު ވެސް،" އޭނާ ކިޔައިދިނެވެ.
ޑޮކްޓަރު ފަރުވާދެމުން ދިޔައިރު ވެސް އެއީ ދުވަހަކު ކާން ނުދޭ އެއްޗެއް ދެވުމުންވީ ގޮތެއްތޯ އަހާފައި ވާނެ ކަމަށާއި އެކަމަކު އެކަމަށް ޑޮކްޓަރު މާބޮޑު ފަރުވާލެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.
ޝަހުބާދު ބުނީ އޭގެ ފަހުން ޑޮކްޓަރު ވަނީ ކުއްޖާގެ ދެ ނޭފަތަށް ސިރިންޖަކުން އައިވީ ފެން ހަތަރު ފަހަރެއްގެ މަތިން އަޅާފައި އަރިދަފުސް ބޭރުކުރަން މަސައްކަތްކޮށްފައި ކަމަށާއި އެކަމަކު ކުއްޖާގެ ނޭފަތުން އަރުދަފުސް ނުފައިބައި ކަމަށް އޭނާ ބުންޏެވެ.
"ސިރިންޖަށް އައިވީ ފެން އަޅާފައި ކުއްޖާގެ ނޭފަތަށް ޕްރެޝަރުގައި ދުއްވާލީމާ އެ ކުއްޖާ ތުރުތުރު އަޅައިފައި ގޮތެއް ވެގެންދިޔަކަން އިނގޭ. ފަސް ވަނަ ފަހަރަށް ހެދިތަނާ ކުއްޖާގެ ވާއަތްފަޅީގެ ނޭފަތުން ލެއާ އެކީގައި އެ ފެންތައް ފައިބައިގެން ދިޔައީ،"
އޭނާ ބުނީ އެ ވަގުތު ނަރުސް މީހާ، ކުއްޖާ ރަނގަޅުތޯ ސުވާލުކުރި ކަމަށާއި އެކަމަކު ޑޮކްޓަރު އިނގިރޭސިން ވާހަކަ ދެއްކުމުން ކީ އެއްޗެއް ނޭނގުނު ކަމަށެވެ.
ގެމަނަފުށި.-- ފޮޓޯ: މިހާރު
ޝަހުބާދު ބުނި ގޮތުގައި އޭގެ ފަހުން ޑޮކްޓަރު ވަނީ އެއީ އެލާޖީއެއް ކަމަށް ވެދާނެ ބުނެ ކުއްޖާގެ ގަޔަށް އިންޖެކްޝަނެއް ޖަހައިފަ އެވެ. އޭރު ކުއްޖާގެ ގައިގައި އެއްވެސް ހަރަކާތެއް ނެތް ކަމަށް ބުންޏެވެ.
"އިންޖެކްޝަން ޖެހިއިރު ހަރަކާތެއް ނެތި އޮތީ. ޖަހާލިތަނާ ދެ މިނެޓު ނުވެ ނޯށުންނާއި އަނގައިގެ ތެރެއިން ވަރަށް ބައިވަރު ހޮނޑު ފައިބައިގެން ދިޔައީ،"
"އެހާ ހިސާބުން އަސްލު އަޅުގަނޑު ދަރިފުޅު ހިނގައްޖެ. މެޝިނުގެ ރޮނގުތައް ސީދާ ވެއްޖެ. އަޅުގަނޑު ދަރިފުޅު މަރުވެއްޖެއޭ ކިޔާ ގޮވަނިކޮށް ޑޮކްޓަރު އައިސް ކުއްޖާއަށް ސީޕީއާރު ދޭން ފެށީ. ކުއްޖާ ނޭވާލައޭ އެބަ، ދަރިފުޅު ރަނގަޅޭ އެ މީހުން ބުނީ،"
އޭނާ ބުނީ އޭރު އާއިލާގެ މީހުން، ގއ. ވިލިނގިލީ ހޮސްޕިޓަލަށް ކުއްޖާ ގެންދަން ލޯންޗު ހަމަޖައްސާފައި އޮތް ކަމަށެވެ. އަދި އެ ރޭ 10:00 ހާއިރު ލޯންޗަށް އެ ކުއްޖާއަށް ލައިގެން ފުރިއިރު އޮކްސިޖަން ދޭން ފެށީ ވެސް ލޯންޗަށް އަރުވާފައި ކަމަށެވެ.
"އެހާވަރު ވެގެން ދިޔައިރު ވެސް ކުއްޖާއަށް އޮކްސިޖަން ނުދޭ،"
ވިލިނގިލީ ހޮސްޕިޓަލާ ހަވާލާދީ އޭނާ ބުނީ އެތަނަށް ގެންދިޔައިރު ވެސް ކުއްޖާގެ "ހިތް މަސައްކަތް ނުކުރާ" ކަމަށެވެ. އެ ހޮސްޕިޓަލުގައި ސީޕީއާރު ދީފައި ކުއްޖާ އެއާ އެމްބިއުލާންސްގައި މާލެއަށް ގެނެވުނީ އަނެއް ދުވަހު ހެނދުނު 6 ޖަހާކަށް ހާއިރު އެވެ.
އައިޖީއެމްއެޗްގެ ޑޮކްޓަރުން ވެސް 45 މިނެޓު ވަންދެން ކުއްޖާއަށް ސީޕީއާރު ދިން ކަމަށާއި އެކަމަކު އެ ކުއްޖާ ސަލާމަތް ނުކުރެވުނުކަން އެ ދުވަހު 8 ޖަހަނިކޮށް ޑޮކްޓަރުން އެންގި ކަމަށް ޝަހުބާދު ބުންޏެެވެ.
"އެތަނުގައި ހުއްޓާ މައުލޫމާތު ލިބުނީ ހެލްތު މިނިސްޓްރީން މަގޭ ދަރިފުޅުގެ މަރުގެ މައްސަލަ ބަލަމުންދާ ކަމަށް. ކޮންމެެވެސް ބައެއްގެ އިހުމާލު އެބަ ހުއްޓޭ. މަ ބުނާނަން މަގޭ ދަރިފުޅު މަރާލީ ރަށުންނޭ. އެ މީހުންނޭ އިހުމާލުވީ."
އެކަމަކު ސިއްހީ މަރުކަޒުގެ މެނޭޖަރު ވިދާޅުވީ އެ ވަގުތަށް ދެވެން ޖެހޭ ހުރިހާ ފަރުވާއެއް ސިއްހީ މަރުކަޒުގެ ޑޮކްޓަރު ދިން ކަމަށެވެ. އަދި ގާތްގަނޑަކަށް 30 މިނެޓުގެ ތެރޭގައި ކުއްޖާ، ވިލިނގިއްޔަށް ވެސް ފުރުވާލެވުނު ކަމަށާއި ކުއްޖާ ނިޔާވީ މާލެ ގެންގޮސް ފަރުވާދެމުންދަނިކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ މަރުކަޒުގެ އިހުމާލާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމެއް ވެސް އަންގާފައެއް ނުވެ އެވެ. އެކަމަކު ހެލްތު މިނިސްޓްރީން އަންނަނީ މައްސަލަ ބަލަމުން ކަން "މިހާރު"އަށް ވަނީ ކަށަވަރުވެފަ އެވެ.
ކުއްޖާގެ ބައްޕަ ބުނީ ރަށު ސިއްހީ މަރުކަޒުން ދިން ފަރުވާގެ ތަފްސީލު ވެސް ކުއްޖާ އައިޖީއެމްއެޗަށް ގެންދިޔައިރު ދީފައިނުވާ ކަމަށެވެ. ކުއްޖާގެ ނޭފަތަށް ފެން ޖަހައި އެ ކުއްޖާ ހޮނޑުލައި ހެދި ކަމަށް އައިޖީއެމްއެޗުގެ ޑޮކްޓަރުން ގާތު ބުނުމުން އެ މީހުން ވަނީ އެތަނުގައި ފަރުވާދިންތޯ ތަކުރާރުކޮށް ސުވާލުކޮށްފައި ކަމަށް އޭނާ ބުންޏެެވެ.
ޝަހުބާޒު ވަނީ ގެމަނަފުށީ ޕޮލިސް ސްޓޭޝަނަށް ވެސް އެ މައްސަލަ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
21 April 2025
އިންޓަނެޓުން މައުލޫމާތު ބަލާއިރު އެނގެނީ 7 މަހުގެ ކުށްޖެއްގެނޭފަތަށް އެގޮތަށްބާރަށްފެންފޮނުވައިގެންނުވާނެކަން، ޑޮކުޓަރުބަންދުކުރޭ Yes, you can gently use water, especially warm water, to help clean a 7-month-old baby's nose, but it's important to do so gently and appropriately.
raajje
21 April 2025
ތީޑޮކުޓަރެއްކަމަށް ގަބޫލެއްނުކުރަން، އެންމެ 7 މަހުގެކުށްޖެއްގެ ނޭފަތަށް ރޯގާބޭރުކުރަން ބާރަށްފެންޖެހުމަކީ ކިހިނެއްކުރެވޭނެކަމެއް، ރަނގަޅަށްވިއްޔާ ޔޫޓިއުބުބަލައިގެން ކުރިކަމެއްތީ! އެނެއްކޮޅުން ރޯގާގެއެއްވެސް އަސަރެއްނެތޭބުނެ ކީއްވެ އެގޮތަށްފެންޖަހަންވީ؟ ވާގޮތްސާފުނުވަންޏާ ކުށްޖާ ހަމަޖެހިލަންދެން ބަލަންތިބިނަމަދޯ، ތީފޭކުޑޮކުޓަރެއްކަންޔަގީން، ނުފިލަނީސް ރައްޔިތުންނިކުމެ ހަގީގަތްބެލުން ރަނގަޅުވާނެ
raajje
21 April 2025
ޑޮކުޓަރުގެ އިހުމާލާއި ޑޮކުޓަރުގެ ފޯލްޓުމިކަމުގައިއޮތްކަން ފާހަގަކުރުމާއެކު އިތުރަށް ފާހަގަކޮށްލާނީ އަހަރެމެން ހޭލުންތެރިވެސްވާންއެބަޖެހޭދޯ! އެންމެ 7 މަހުގެކުށްޖެއް ކުޑަކޮށް ރޯގާވައްތަރުވެލިޔަސް ޑޮކުޓަރަށްދަށްކާކަށްނުވެސްޖެހޭ، ބޮޑުވަރުވަންޏާ މަންމަ ބޭސްކައިފާ ގާތުންދިނީމާ އިސާހިތަކު ކުށްޖާއަށް ބޭހުގެ އަސަރުކުރާނެ، އަނެއްޕޮއިންޓަކީ ޑޮކުޓަރު ހަދާހާއެއްޗެއްހަދަން ދޫކޮށްގެންނުވާނެ ބަލަންތިބެގެންުވާނެ، އެކަންކުރަނީ ކީއްވެތޯއަހާ އިންޓަރނެޓުންބަލަންވާނެ
އައިމިނާ
21 April 2025
ފައި ކުރުކުރާނީ ކީއްވެގެންކަން ޑރ. އެއް ވިއްޔާ ވ.ރަނގަޅަށް އެނގޭނެކަމަށް ވަނީ.
ދިވެހިންގެރާއްޖެ
21 April 2025
އަޖަލު ހަމަވެގެން މަރުވީކަމަށް ބުނެ މައްސަލަ ނިންމަފާނެ. ހޮޅުދޫގެ މަރުވެސް އަމިއްލަ މަރެއްކަމަށް ބުނަނީ. މިއީ އަދުގެ ޙާލަތު
raajje
21 April 2025
ލިޔުންކިޔާލުމުން ފާހަގަވީ ކުށްޖާގެ ސިއްހީމާބޮޑު މައްސަލައެއްނެތި ނޭފަތައް އާވިއަރުވާ ޕުރަޝަރުގައި ފެންޖަހާހެދުމުން އިންޓަރނަލްއިންޖަރީއެއްވީކަމަށް، އެންމެ 7 މަހުގެކުށްޖަކަށް ރޯގާޖެހިލިޔަކަސް ތިޔަހާވަރެއް ތިހާއަވަހަށް އަރުވާކަށްނުޖެހޭނެދޯ، ކޮންތާކުޑޮކުޓަރެއްތީ، ޑޮކުޓަރުއަތުގައި އޮތީ އަސްލުސެޓުފިކެޓެއްތޯބަލާބަލަ، މިހާރުއުޅޭ ބައެއްޑޮކުޓަރުން ބޭސްވެސްލިޔެދެނީ ގޫގަލްކޮށްގެން މީހަމަސީދާ %100 ޑޮކުޓަރުހެދިގޯހުންވީމަރެއް، ޑޮކުޓަރު ބަންދުކުރޭ
އައިމިނާ
21 April 2025
ވަރަށް ހިތްދަތިވެއްޖެ. އެހެންކަމެއްވެސް ފާހަގަވި. 7 މަހުގެ ކުއްޖަކަށް ކިރާ ކުދި ބިސްކޯދު ޢާއްމުކޮށް ދޭއިރު ރައްޔިތުން ރަށްރަށުގަ އުޅޭ ޙާލު ވަޒަން ނުކުރެވޭތޯ. އަޑުއަހަން ފަސްދޮޅަހާ ހަތްދިހައިގެ އަހަރު ތަކުގަ ކުޑަކުދިންނަށް ކިރާ ކުދިބިސްކޯދު ދެމުންދިޔަ ވާހަކަ. ދެހާސް ފަންސަވީސްވަނައަހަރުވެސް އެގޮތް . ކޮބައިތޯ ތަރައްގީ އަކީ. ކޮބައިތޯ ހޭލުންތެރިވި މިންވަރަކީ.
ވާނުވާ ބޭފުޅާއެއް
21 April 2025
ކިރާ ކުދި ބިސްކޯދު ގޯސްވާ ގޮތެއް ބުނެދީބަލަ. ދެން ދޭންވީ ސިސެޖުތަ؟ ލޮލް
ޒަރުކީތު
21 April 2025
ޑޮކުޓަރުން ފަރުވާދޭ ގަޑީގައި ވާނުވާ ނޭނގޭ މީހުން، އެއީ ބެލެނިވެރިން ނަމަވެސް ބައިތިއްބަން ނުވަނީ މިހެންވެ. އެހެނަސް ވަރަށް ދެރަ، ކަން ދިމާމިވިގޮތް...
ހޮޓްކިންގ
21 April 2025
މަށަކީ ޑޮކްޓަރެއްނޫން. އެކަމަކު ކުއްޖާގެ ނޭފަތަށް ފެންދުއްވާލުމުން ފުއްޕާމެޔަށް ފެންއެޅި ނޭވާނުލެވި އެ އުނދަގުލުގައި އެކުއްޖާ ނިޔާވީކަން ވަރަށް ކެރިގެން މި ބުނަނީ. އެކަން އެހެން ވެފައި ވޭތޯބަލައި މަރުގެ ހަގީގަތް ބުނެނުދީ ކުއްޖާ ވަޅުވެލައިގެން ނުވާނެ. އިހްމާލު އެބައޮތް. ޒިންމާނަގާ. މަރުގެ ދިޔަދޭން ގޮވާލަން.
ދިވެހިން.
21 April 2025
ޑޯކްޓަރު އަތުގައި ރަގަޅު ސެޓްފިކެޓެއްއޮތްތޯ އޮތީބަލާބަލަ. މިގައުމުގެ ކަންކަން ބެލޭވަރަކީ އެންމެ މައި ހޮސްޕިޓަލް އައިޖީއެމް އެޗްގައި ޕާމަސިސްޓެއްވެސް ޑޮކްޓަރަކަށް ވެގެން ބޭސްކުރަނިކޮށް ފަޅާއަރާގައި އެބަހުރި.