ގަލޮޅު ސަހަރާގައި ހަދާ ޕާކިން ޒޯނު.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 އެޕްރީލް 2025 - 15:00
މާފަންނު ސަހަރާގެ ފާރުތައް ތަޅާލައި، ސަހަރާގެ ބިމުގައި ޕާކިން ޒޯނެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭރުން އެތަނުގެ ކައިރީގައިވާ ހަނި ގޯޅިތަކުގައި ޕާކުކުރުން މަނާކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
މާލޭގެ ސަހަރާތަކުގެ ފާރުތައް އަރިއަޅާލައި ރެނދުލައި ހަލާކުވެފައިވާ މައްސަލާގައި ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝް "މިހާރު" އަށް ވިދާޅުވީ އެ ކަންކަން ހައްލުކުރުމަށް ކައުންސިލުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އަރީޝް ވިދާޅުވި ގޮތުގައި މިހާރު ވެސް މާފަންނު ސަހަރާގެ ފާރުތަކުގެ ބޮޑުބައެއް ތަޅާލާފައިވާއިރު، ކައުންސިލުން މަސައްކަތް ކުރަނީ އެ ތަނުގައި ޕާކިން ޒޯނެއް ހަދާށެވެ. އެއާ އެކު، ހަނި ގޯޅިތަކުގައި ޕާކުކުރުން މަނާކުރުމުން، އެމްބިއުލާންސް ފަދަ ވެހިކަލްތައް، އެ ގޯޅިތަކަށް ނުވަދެވޭ މައްސަލަ ހައްލު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަހަރާގެ ފާރުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މާފަންނު ސަހަރާގެ ގަބުރުތައް ނަގައި އެތަން ވަނީ މިހާރު އެއްކޮށް ސާފުކޮށްލައިފަ އެވެ.
އަރީޝް ވިދާޅުވީ ސަހަރާގެ އެތެރޭގައި ގަސް އިންދައި އެތަނުގައި މީހުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިހާރު ސެންޓްރަލް ޕާކު މި އޮންނަ ގޮތަށް ފެހިކުރުމަށް ގަސް އިންދައި، އެތަނުގައި މީހުންނަށް ތިބެވޭނެ ހިތްފަސޭހަ ގޮތަކަށް ހެދުމަށް ކައުންސިލުގެ ވިސްނުން ހުރީ،" މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު އަރީޝް ވިދާޅުވި އެވެ.
އޭގެ އިތުރުން ގަލޮޅު ސަހަރާގެ ފާރުތައް ތަޅާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ހެންވޭރު ސަހަރާގެ ފާރު އަރިއަޅާލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އަރީޝް ވިދާޅުވީ ގަލޮޅު ސަހަރާގައި މިހާރު މަސައްކަތް ކުރަނީ އެތަނުގައި އިއްޒަތްތެރިން ވަޅުލާފައިވާ ސަހަރައްދު ސާފުކުރުން ކަމަށެވެ. އަދި އެ ސަރަހާގެ މަގު ވެސް ހަނިވުމުން، އެ މަގު ފުޅާކުރުމަށް ކުރެވޭނެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހެންވޭރު ސަހަރާގެ ފާރު ވެސް އޮތީ ކިރިޔާ ނުވެއްޓޭ ހިސާބުގަ އެވެ. އެހެންވެ، އަރީޝް ވިދާޅުވީ އެތަނުގެ މަސައްކަތް ބަޔަކާ ހަވާލުކުރަން މިހާރު ބިޑިން ޕްރޮސެސް ވެސް އޮތީ ނިންމާފައި ކަމަށެވެ.
އެކަަމަކު އެތަނުގެ ފާރުތައް އެއްކޮށް ތަޅާލައިގެން ހަދާނީތޯ ނުވަތަ މަރާމާތުކުރާނީތޯ އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާހިދުބެ
23 April 2025
މާލެއަށް ބޭނުންވަނީ މާލެއަށް ބޭނުންވަނީ ހަމަހިމޭން މާހައުލެއް. އެކަން ހާސިލްވާނީ. މާލޭގަހުރި ފިހާރަތަކާއި ކެފޭތައް މަދުކޮށް އަދިވެސް ހުރި ގުދަންކުރުމާއި ވެހިކަލް ގަރާޖުތައް މަދުކޮށް ސަރުކާރު އޮފީސްތަކާއި ކުންފުނިތައް ހުޅުމާލެއަށް ބަދަލުކޮށްގެން. ޚާއްސަކޮށް މާލެތެރޭހުރި ބޮޑަތި ސްކޫލްތަކާއި ޔުނިވަރސިޓީތައް ރިންގްރޯޑަށް ބަދަލުކޮށްގެން. މިކަންވާނީ ގަޓުހުރެގެން.
ޤަބުރު މައިޒާނު
22 April 2025
ޙާދަހާވާ ރަގަޅޭ. އަނެއްކާވެސް ބިދޭސީންނަށް މައިޒާނެއް. އަހަރެމެން ކުޑަދަރިން މަޖާކޮށްލާނެ ޕާކުތަކަށްވުރެ ބިދޭސީންގެ ފިނި މައިޒާނުތައް ގިނަވެއްޖެ. އަނެއްކާ މިއުޅެވެނީ ދިވެހީންގެ ރާއްޖޭގަތަ؟
ޖޯލިފަތި
22 April 2025
ޕާޓޭ ކުދިން ކޮޅަށް އާ މައިދާނެއް ލިބުނީ.
މާފަންނު
22 April 2025
ޤަބުރު މައިޒާންތޯ؟
ބަޑިތަކުރު
22 April 2025
ހުރިހާ އަވަށު ސަހަރާތަކެއްވެސް ފަސްގަނޑު ތިރިކުރެވޭނަމަ ތިރިކޮށްފައި ނުކުރެވޭނަމަ ނުކޮށްވެސް ޕާކިންގ އިމާރާތްތަކެއް އަޅަންވީއެވެ. މިއަދުގެ ހާލަތަށް ބަލާއިރު އެވަރުގެ ބޮޑެތި ބިންތައް އިތުރަށް މީހުން ވަޅުލެވެންނެތްއިރު، ހަމައެކަނި ސަހަރާއެއްގެގޮތުގައި ބޭއްވުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ގަބޫލެއް ނުކުރެވެއެވެ.
ފާއިޒު1
22 April 2025
މަގުން ޕާކުކުރެވޭނެ 20 ޖާގަ ނަގާފަ ހަދާނީ ޕާކުކުރެވެ 10 ޖާގަ
ސަރުދާދުު
21 April 2025
ތިތާ ކައުންސިލް އިދާރާ ހަދާބަލަ ނިކަން. މިހާރު މާލެ ސިޓީ ކައުންސިލް އެތަންމިތާ، އެކިން ތަންތަނުން އެކި ހިދުމަތް، މާވެހި ޕޯޓަލްއަށް ފޯމު ލާއިރަށް އަނގާ "މި ހިދުމަތް ކޯދުމަތް ފިސިކަލީ ދާން". ނިކްން ތި ކައުންސިލުން ފަސޭހައިން ހިދުމަތް ހޯދޭނެ ގޮތް ހޯދަބަލަ
ޖުއްލާބު
21 April 2025
މަރުވީމަވެސް ހަމަ އިއްޒަތްތެރިން ތަފާތީއޭދޯ….
ގުދުގުދާބެއްޔާ
21 April 2025
ޓަކާ ޓަކާ ގުރޫޕް މީހުން މިކަމާ އެއްޗެއް ނުބުނޭތަ؟
މައިޒާން
21 April 2025
މައިޒާންތަށް ހަދަނީ ކުނިއަޅަން؟ އެތާތިބެފަ ދަމުންދާނީ ހުސްފުޅިއާ، ދަޅާ އުކާފަ.