ޝަމްއާން މިއަދު ޝަރީއަތުގެ މަޖިލީހުގައި: އޭނާ ނުފޫޒު ފޯރުވާނެ ހެއްކެއް ނުހުންނާނެ ކަމަށް ވަކީލް ވިދާޅުވި
23 އެޕްރީލް 2025 - 16:20
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ހެއްކަށް ނުފޫޒު ފޯރުވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެކަން އޭނާ ނުކުރައްވާނެ ކަމަށް އޭނާގެ ވަކީލް ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުވާ މައްސަލައިގައި އޭނާ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފަ އެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރީ އޭނާ ކުރިން ހުންނެވި މަގާމުގެ ގޮތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން ކަމަށް ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވެ އެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ ކުރިން 15 ދުވަހަށް ބަންދުކުރަން ވެސް އަމުރެއް ނެރުނެވެ. އެ އަމުރު ނެރުނީ އޭނާގެ ސަބަބުން މުޖުތަމައުއަށް ނުރައްކާ އޮތް ކަމަށް ބުނެ އެވެ. ނަމަވެސް، ފަހުން އަމުރަށް އެދުނުއިރު ފުލުހުން އެ ސަބަބު ފާހަގަކޮށްފައެއް ނުވެ އެވެ.
އެ ދެ އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވާއިރު، މިއަދު ވަނީ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރުގެ އިސްތިއުނާފް އަޑުއެހުމެއް ހައި ކޯޓުގައި އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ޝަމްއާންގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ މައްސަލާގައި ޝަމްއާންއާ ދެކޮޅަށް ހެކިބަސް ދީގެން އުޅެނީ ކޮން ބައެއް ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށާއި އަދި ހެކިންނަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އަމަލެއް އޭނާ ނުކުރައްވާނެ ކަމުގެ ޔަގީންކަން ފަނޑިޔާރުންނަށް ދެއްވާ ކަމަށް ވަކީލް ނޫރު ވިދާޅުވި އެވެ.
"ޝަމްއާންގެ މައްޗަށް ބަލަމުން މިދާ މައްސަލައިގައި ނުފޫޒު ފޯރުވަންޖެހޭ ހެއްކެއް ނުހުންނާނެ. ނުފޫޒު ފޯރުވައިގެން ބަދަލު ކުރަންޖެހޭ ހެއްކެއް ވެސް ނުހުންނާނެ،" ވަކީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެކިބަސް ދޭނެ ކަމަށް ބެލެވޭ މީހާ އާއި ޝަމްއާންއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ސަބަބުން އެއީ ހެއްކަށް ނުފޫޒު ފޯރުދާނެ ފަދަ ހާލަތެއް އޮތް ކަމެއް ކަމަށް ދައުލަތަށް ބުނެވިދާނެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އެ މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ބުނެ، ދައުލަތުން ރިއާޔަތްކުރާ މަތީ ކޯޓެއްގެ ނިންމުމަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ނިންމުމަކަށް ވާއިރު، އެފަދަ މައްސަލައަކަށް އެ ނިންމުމުގައި ކަނޑައަޅާފައިވާ އުސޫލެއް އެޕްލައި ކުރެވިދާނެ ކަމާ މެދު ވަކީލް ވަނީ ސުވާލު އުފައްދައިފަ އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވީ ދައުލަތުން ހަވާލާދޭ މަތީ ކޯޓުގެ ދެ ނިންމުމުގެ ތެރެއިން އެއް ހުކުމަކީ ހިނާޔާތްތެރިވުމުގެ މައްސަލައެއްގެ ހުކުމެއް ކަމަށާއި އެ ހުކުމްގައި ވެސް ހެއްކަށް ނުފޫޒު ފޯރުވުމާ ގުޅޭ ކަންކަން ކަނޑައަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދު ކުރަން ދައުލަތުން އެދިފައިވާނީ ގާނޫނީ ނިޒާމްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލް ވިދާޅުވީ ކޮންޓްރޯލާގައި މަގާމުގައި ހުންނެވިއިރު އެ މަގާމުގެ ބޭނުންކޮށްގެން ޝަމްއާން ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވޭއިރު، އެކަމާ ގުޅިގެން ހެކިބަސް ދޭން ތިބި މީހުންނަށް ޝަމްއާންގެ ފަރާތުން ނުފޫޒު ފޯރުވުމުގެ އިހުތިމާލު އެބައޮތް ކަމަށެވެ. އަދި ހެކިންނަކީ ކޮން ބައެއް ކަން ނޭނގޭ ކަމަށް ބުންޏަސް، އެއީ ކޮން ބައެއް ކަން ތުހުމަތުވާ މީހާއަށް ކޮންމެ ވެސް ވަރަކަށް އެނގޭނެ ކަމަށާއި އަދި ބަންދުން ދޫވެފައި ހުރެއްޖެ ނަމަ، އެ މީހުންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވަކީލް ވިދާޅުވި އެވެ.
"ގާނޫނީ އަސާސެއް، ގާނޫނީ ބިނާއެއް ނެތް މި މައްސަލަ އިސްތިއުނާފު ކުރުމުގައި. ދަށު ކޯޓުގެ ފަނޑިޔާރު ބޭނުން ކުރެއްވީ އިހްތިޔާރެއް. އެ އިހްތިޔާރު ބޭނުން ކުރެއްވީ މިހާތަނަށް ރާއްޖޭގައި ކަނޑައަޅާފައިވާ އުސޫލުތަކުން،" ވަކީލް ވިދާޅުވި އެވެ.
ޝަމްއާން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ ދެ އަމުރާ ގުޅޭ އިސްތިއުނާފް އަޑުއެހުންތައް ވެސް ހައި ކޯޓުން މިއަދު ނިންމާލާފައިވާއިރު، އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.
ޝަމްއާންގެ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހު މަގާމުން ވަކިކޮށް، އޭނާ ހައްޔަރުކުރީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު، މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނެ އެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ފައިސާ އަތުލުމަށްފަހު، ދޫކޮށްލާފައިވަނީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ގެސްޓްހައުސްއަކުން އަތުލައިގަތް ބިދޭސީއެކެވެ. އަދި ފައިސާ ހޯދާފައިވަނީ އެ ބިދޭސީ މީހާ ދޫކޮށްލުމަށްފަހު، އިމިގްރޭޝަންގެ ތިން މުވައްޒަފަކު އެ މީހާއާ މަގުމަތިން ބައްދަލުކޮށް ކަމަށާއި އަދި އެ ފައިސާ ހިފައިގެން ގޮސްފައިވަނީ ޝަމްއާންގެ ގެއަށް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެ އޮޕަރޭޝަން ހިންގީ ބިދޭސީންނާއި އެ މީހުންނާ ގުޅޭ ތަންތަން ފާސްކުރުމަށް އިމިގްރޭޝަންގައި އޮންނަ ޓާސްކްފޯސްގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
24 April 2025
އޭނަ އެހުރީ ބިޑި އަޅާފަ ދޯ؟
ނިބާޒް
24 April 2025
މޮޅު ވާހަކަ ނުދައްކާ. މިކަމުން ޝައްމާނަށް ރެކެވޭނެ އަދި ސަލާމަތް ވާނެ ހަމަ އެއްގޮތެއްވެސް ނޯންނާނެ.
މަލްސާ ސަނީހް
24 April 2025
ރައީސް މުއިއްޒް އެއްވެސް މީހަކަށް ދެރައެއް ނުދޭނެ. މަ ބުނީތީ ބަލަން ތިބޭތި
ހުސެން ހަނީފް
24 April 2025
ކަނޑައެޅިގެން ދޮގެއް. ވަރަށް ލާރި ނެގި
ކިމް
23 April 2025
އެސޮރަށް ކިހެނެއް ވެފަ އެހުރީ؟
ފަންކުރި
23 April 2025
މަބުނީ: ތިފެންވަރުގެ މިނިސްޓަރުންނާއި އެމް ޕީ އިން ނުލިބިގެން ދުނިޔޭގެ ގައުމުތަކުން ވަރަށް މަސައްކަތް އެބަކުރޭ، އަންގާލަބަލަ އެފަރާތްތަކަށް
ކުރަނގި ލޯ
23 April 2025
ވަރުގަދަ ބައެއްމީވާ، ޝަމްމާން ނޫން މީހަކު ކުށެއްގެ ތުހުމަތުގައި ބަންދު ނުކުރާހެންހީވަނީ، ޖޭވީ ހަމަ އެކުއްޖާގެ ހުރި ގާބިލްކަން ފެނި. ތަންތާގަގެ ތިޖޫރީ ދަވާލީމަ ވެސް އެތިބަ އުޅެނަގަނީ. ޢެންމެ 5 ލައްކަ ރުފިޔާ އަށް ޝަމްމާން ގެ ދިރިއުޅުުން ހަލާކުކޮށްލާ ފަދަ އަމަލެއްކުރާނެހާ ގަމާރު ސޮރެއްނޫން އެއީކީ..ޕަޕްޕަޕްޕަޕް
އަޒްރާ
23 April 2025
ކިތަންމެ ރަނގަޅު މަސައްކަތެއް ކުރިޔަސް ވަކިހިސާބަކުން ޚިޔާނާތްތެރި ވެއްޖިއްޔާ ހަމަ އެއޮތީ ކުރިމަސައްކތް ބޭކާރުވެފަ އިޚުލާސްތެރި މަސައްކަތެއް ކުރިކަމަށްވާނީ ކޮރަޕްޝަނާއި ނުލައި މަސައްކަތް ކުރީމަ
މަބުނީ
23 April 2025
މަހިތަށް އަރަނީ ދެން މީނާ ސަލާމތް ވެގެން ދެން ކުޅެން އަރާނީ ކޮން ކޮޅަކަށްބާވައޭ؟ ކިޔާނީ ކޮން ބަނދިވަރެއްބާވައޭ. މިހާރު ތިޔަހެރީ މިނިސްޓަރުކަމާއި މެމްބަރުކަމަށް ވ ފުރިހަމައަށް ކޮލިފައިވެފައި.
ހީހީ ސުލީހް
23 April 2025
މިގައުމުގަ ބަންދުގަ ތިބޭނީ އާދައިގެ ރަތްޔިތުމީހާ އެކަނި. މިމީހުންވެއްޖާ ތިބޭނީ ގުޅި ލާމެހިފަ